26 Jun 2016, 14:39
ގެސްޓްހައުސްތަކުން ނެގުމަށް ސަރުކާރުން ހުށަހަޅާފައިވާ ހަ ޑޮލަރުގެ ގްރީން ޓެކްސް، ހަތަރު ޑޮލަރަށް ކުޑަކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ފާސްކޮށްފި އެވެ.
ޓޫރިޒަމާ ބެހޭ ގާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހެޅި އިސްލާހެއްގައި ވާ ގޮތުން، ގެސްޓްހައުސް ތަކުން ހަ ޕަސަންޓުގެ ގްރީން ޓެކްސްއެއް ނަގަން ޖެހެ އެވެ. އެހެން ނަމަވެސް މި އިސްލާހާ މެދު ގިނަ ގެސްޓްހައުސް ތަކަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީގައި އެ އިސްލާހާ ބެހޭގޮތުން މަޝްވަރާ ކުރައްވަމުން މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ވިދާޅުވީ ސަރުކާރުން ގެސްޓްހައުސްތަކާ ކުރި މަޝްވަރާތުގެ ތެރެއިން، ގްރީންޓެކްސްގެ ގޮތުގައި ނަގާ އަގު ކުޑަ ކުރުމަށް ގެސްޓްހައުސްތަކުން ހުށަހެޅި ކަމަށެވެ.
އެހެންކަމުން ސަރުކާރުން މަޝްވަރާކޮށްގެން، ގެސްޓްހައުސްތަކުގައި ފަތުރުވެރިން ހޭދަކުރާ ރެޔަކަށް ބޮލަކަށް ހަތަރު ޑޮލަރު ގްރީން ޓެކްސްއަށް ނެގުމަށް ރިފާއު ކޮމިޓީއަށް ހުށަހެޅުއްވި އެވެ. މި އިސްލާހު ކޮމިޓީން ފާސްކޮށްފައި ވަނީ ހަތަރު މެމްބަރުންގެ އަޣުލަބިއްޔަތުންނެވެ.
އެ އިސްލާހު ފާސްކުރަން ވޯޓު ދެއްވީ މާފަންނު ދެކުނު ދާއުރާގެ މެމްބަރު އަބްދުﷲ ރިފާއު އާއި ފުވައްމުލަކު އުތުރު ދާއުރާގެ މެމްބަރު އަލީ ޝާހު އާއި ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު އަލީ ފަޒާލްގެ އިތުރުން މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އެވެ.
އެ ބިލާ ދެކޮޅަށް ވޯޓު ދެއްވީ ގަލޮޅު އިތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ އާއި ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމްގެ އިތުރުން ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.
ގްރީން ޓެކްސް ނަގަން ފެށުމުގެ ކުރިން އެކަމަށް ތައްޔާރުވާން ފުރުސަތު ދިނުމުގެ ގޮތުން ޓެކްސް ނަގަން ފަށާނީ އޮކްޓޫބަރު އެއްވަނަ ދުވަހުން ފެށިގެން ކަމަށް ވެސް ކޮމިޓީން ވަނީ ފާސްކޮށްފަ އެވެ.
މަޖިލީހުގެ އިގްތިސާދީ ކޮމިޓީއަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު މިދިޔަ ހަފްތާގައި ހާޒިރު ކުރިއިރު، މިނިސްޓަރު ވެސް ވަނީ ގްރީން ޓެކްސް ނެގުމުގެ ކުރިން އެކަމަށް ތައްޔާރުވުމަށް ގެސްޓްހައުސްތަކަށް ފުރުސަތު ދޭން ފެންނަ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.