ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ދެވަނަ ބުރުގައި ފްރާންސްގައި އެ ގައުމާ ދެކޮޅަށް ނިކުންނައިރު ލިބޭ ހޯމް އެޑްވާންޓޭޖްގެ ސަބަބުން ރިޕަބްލިކް އޮފް އަޔަލޭންޑް އިން އެންމެ ތަންކޮޅެއް ވެސް ފަހަތަށް ނުޖެހޭނެ ކަމަށް އެ ޓީމްގެ ކޯޗު މާޓީން އޯނީލް ބުނެފި އެވެ.

ފްރާންސްގެ ލިއޯން ސްޓޭޑިއަމްގައި ކުޅޭ މެޗުގެ ޓިކެޓް ތަކުގެ ތެރެއިން އެގައުމަށް 59،000 ޓިކެޓް ދީފައިވާ އިރު އަޔަލޭންޑް އަށް ލިބުނީ 4،500 ޓިކެޓް ކަމަށް ބުނެ އޯނީލް ވަނީ ނުރުހުން ފާޅު ކޮށް އަމިއްލަ ގައުމުގައި މުބާރާތް ބޭއްވި ނަމަވެސް ދެ ޓީމަށް ހަމަހަމަ އުސޫލުން ކަންތައް ކުރުމަށް ގޮވާލާފަ އެވެ.

"ފްރާންސް އަށް ހޯމް އެޑްވާންޓޭޖް މިވަނީ އިންތިހާ އަށް ބޮޑަށް ލިބިފައި. އަހަރެމެންގެ އެންމެ މުހިންމު އެއްބަޔަކީ ސަޕޯޓަރުން. ފްރާންސްއާ ދެކޮޅަށް މިއަދު މި ނިކުންނީ އުނދަގޫ މެޗަކަށް،" އޯނީލް ބުންޏެވެ.

އޭނާ ބުނީ ޓިކެޓް ކަންތަކުގެ އިތުރުން ދެވަނަ ބުރަށް އަޔަލޭންޑް ކުރިމަތިލާ އިރު އެޓީމަށް އަރާމުކުރަން ލިބުނީ އެންމެ ތިން ދުވަސް ކަމަށާއި ނަމަވެސް ފްރާންސް މިރޭގެ މެޗަށް ނިކުންނަނީ ހަފްތާއެއްގެ ބްރޭކަކަށް ފަހު ކަމަށެވެ.

"ހުރިހާ ގޮތަކުން ބެލި ނަމަވެސް އެޑްވާންޓޭޖް ބޮޑި ފްރާންސް އަށް. ނަމަވެސް ތިން ދުވަހުގެ ރެސްޓަކަށް ފަހު އަހަރެމެން ވެސް މި ތިބީ ވަރަށް ރަނގަޅަށް ތައްޔާރުވެފައި. ފްރާންސް އަށް އެންމެ ތަންކޮޅެއް ވެސް ދުލެއް ނުދޭނަން،" އޯނީލް ބުންޏެވެ.

މިރޭގެ މެޗާ ގުޅޭ ގޮތުން ފްރާންސްގެ ކޯޗި ޑިޑިއޭ ޑިސޯން އަޔަލޭންޑް ޓީމަކީ ވަރަށް ހިތްވަރާ އެކު މަސަތްކަތް ކުރާ ޓީމެއް ކަމަށާއި އެ ޓީމްގައި ވެސް ފާހަގަ ކޮށްލެވޭ، ފްރާންސް އިން ސަމާލް ވާން ޖެހޭ ވަރުގެ މޮޅެތި ކުޅުންތެރިން ތަކެއް އެބަ ތިބި ކަމަށެވެ.

ގުރޫޕް ސްޓޭޖްގެ އެއްވަނަ ޓީމްގެ ގޮތުގައި ފްރާންސް ދެވަނަ ބުރަށް ދަތުރުކުރި އިރު އަޔަލޭންޑް ދެވަނަ ބުރަށް ދަތުރުކުރީ ގުރޫޕްގެ ތިން ވަނަ އަށް ދިޔަ ޓީމްތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާ ހޯދި ހަތަރު ޓީމް ތެރޭގައި ހިމެނިގެންނެވެ.

ފްރާންސް އާއި އަޔަލޭންޑް ބައްދަލުކުރާ މެޗު އޮންނާނީ ރާއްޖޭ ގަޑިން މިއަދު 18:00 ގައެވެ.