ސިންގަޕޯ (ޖޫން 26): މެލޭޝިއާގެ ބޮޑުވަޒީރު، ނަޖީބު ރައްޒާގަށް ފާޑު ވިދާޅުވުމާ ގުޅިގެން އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު، މަހާތިރު މުހައްމަދުގެ ދަރިކަލުން މުޚުރިޒު މަހާތިރު ވެރިކަން ކުރާ ޔުނައިޓެޑް މެލޭސް ނެޝަނަލް އޯގަނައިޒޭޝަން (އުމްނޯ) ޕާޓީން ވަކިކޮށްފި އެވެ.

މުޚުރިޒުގެ އިތުރުން ބޮޑުވަޒީރުގެ ކުރީގެ ނައިބު މުހިއްދީން ޔާސިން އުމްނޯއިން ވަކި ކުރަން އެޕާޓީގެ ސުޕްރީމް ކައުންސިލުން ނިންމީ މިދިޔަ ހުކުރު ދުވަހު އެވެ. އެދެ ބޭފުޅުންނަކީ ވެސް ބޮޑުވަޒީރު ނަޖީބުގެ ކޮރަޕްޝަން މައްސަލައާ ގުޅިގެން އޭނާ އަށް ފާޑު ވިދާޅުވެ، މަގާމުން އިސްތިއުފާ ދެއްވުމަށް ގޮވާލައްވާފައިވާ ދެބޭފުޅުންނެވެ.

ދެބޭފުޅުން ޕާޓީން ވަކިކޮށްފައިވާ ކަން އިއުލާން ކުރައްވަމުން އުމްނޯގެ ރައީސް، ނަޖީބު ވަނީ އެދެބޭފުޅުންގެ އިތުރުން ޕާޓީގެ ނައިބު ރައީސް، ޝާފީ އަޕްދާލް ވަނީ މީގެ ކުރިން ޕާޓީން ސަސްޕެންޑު ކޮށްފައި ކަން ފާހަގަ ކުރައްވާފަ އެވެ.

މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު މަހާތިރު މުހައްމަދު ވަނީ "ކޮރަޕްޝަނަށް ތާއިދު ކުރާ ޕާޓީއަކާ ގުޅުން ބޭއްވުމަށް ލަދު ގަންނަ" ކަމަށް ވިދާޅުވެ މިދިޔަ ފެބްރުއަރީ މަހު ޕާޓީން ވަކިވެވަޑައިގެންފަ އެވެ. (އޭއެފްޕީ)