26 Jun 2016, 13:52
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމަރެއްގެ މައުލޫމާތު ލީކް ކުރި ކަމުގެ ތުހުމަތުގައި ފ. ނިލަންދޫ ބުރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމްގެ މައްޗަށް ކުރި ދައުވާގެ އަޑުއެހުން ސިއްރު ކޮށްފި އެވެ.
އެ މައްސަލާގައި ގާސިމްގެ މައްޗަށް ދެ ދައުވާ އުފުލާފައިވެ އެވެ. އެއީ އެނގި ހުރެ ހުއްދަނޫން ގޮތުގައި މައުލޫމާތު ހޯދުމުގެ ދައުވާ އާއި އެނގި ހުރެ ހުއްދަ ނޫން ގޮތުގައި މައުލޫމާތު ހާމަކުރުމުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ސަން އަށް ވިދާޅުވީ އެ އަޑުއެހުން ސިއްރުކުރީ ޕީޖީ އޮފީހުން އެދިގެން ކަމަށެވެ.
ބާރަ ފަހަރަށް ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކޮށްފައި ވަނިކޮށް މިދިޔަ ހަފްތާގައި ހައިކޯޓުން ވަނީ އޭނާ ދޫކޮށްލަން އަމުރުކޮށްފަ އެވެ. ނަމަވެސް ފުލުހުން އޭނާ ދޫކޮށްފައެއް ނުވެ އެވެ.
ފުލުހުން ބުނީ މިހާރު އޭނާ ބަންދުގައި ހުރީ ތަގުގީގު ކުރަމުން އަންނަ އެހެން މައްސަލައަކާ ގުޅިގެން ކަމަށެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ފުލުހުން ނުބުނެ އެވެ.