26 Jun 2016, 13:56
ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑު މުހައްމަދު ނާޒިމް ދިރިއުޅުއްވި އެޕާޓްމަންޓުން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަބްދުލް ޣަފޫރުގެ ޑީއެންއޭ ފެނުނު ރިޕޯޓު ޕީޖީ އިން ކޯޓަށް ހުށަހަޅައިފި އެވެ.
އެރިޕޯޓު މިދިއަ ބުރާސްފަތި ދުވަހު ކޯޓަށް ހުށަހަޅާފައިވާކަން ޕްރޮސެކިއުޓަރު ޖެނެރަލް އާއިޝަތު ބިޝާމް ވަނީ 'ސަން' އަށް ކަށަވަރުކޮށްދެއްވާފަ އެވެ. އަދި އެރިޕޯޓު ޕީޖީ އޮފީހުން ވެސް ދިރާސާކުރައްވަމުން ގެންދަވާ ކަމަށް ޕީޖީ ވިދާޅުވި އެވެ.
ފިސްތޯލައިން ޑީއެންއޭ ފެނިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ނަވާޒު ވިދާޅުވީ އޭގެ އިތުރަށް ވެސް ތަހުލީލު ކުރަން ޖެހޭ ޕްރޮފައިލް އެ ފިސްތޯލަ އިން ވަނީ ފެނިފައި ކަމަށާއި އެ މަސައްކަތް ވެސް މިހާރު ކުރިއަށްދާ ކަމަށެވެ.
ނާޒިމް ވަނީ ފްރޭމްކޮށްފައި ކަމަށާއި އެކަމުގެ އަޑީގައި ތިއްބެވީ ކުރީގެ ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދާއި އަދީބު ކަމަށް ނާޒިމްގެ ގާނޫނީ ވަކީލު ހުސްނުއް ސުއޫދު ވަނީ ވިދާޅުވެފަ އެވެ. ސުއޫދު ވިދާޅުވީ އެ ދެ ބޭފުޅުން ބުނެގެން އެ ފިސްތޯލަ ނާޒިމް ދިރިއުޅުއްވާ އެޕާޓްމަންޓުގެ ތެރެއަށް ލާފައި ވަނީ އާސިފް ނަމަށްކިޔާ ފުލުހެއް ކަމަށެވެ.
ނާޒިމްގެ ވަކީލު އެ ތުހުމަތު ކުރައްވާ ފަދަ ކަމެއް ތަހުގީގުން ފެނިފައިވޭތޯ ދެންނެވުމުން ނަވާޒު ވިދާޅުވީ އެފަދަ މައުލޫމާތެއް ވަކީލުން ފުލުހުންނާ ހިއްސާކުރައްވާފައިނުވާ ކަމަށެވެ. އަދި ނާޒިމް ވަނީ ފްރޭމްކޮށްފައިތޯ ނުވަތަ ނޫންތޯ ނިންމާނީ ޝަރުއީ ކޯޓަކުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގައި ކުރިއަށްދާ ނާޒިމްގެ މައްސަލައިގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފަ އެވެ. ބެލެވޭގޮތުން ދެން އޮންނާނީ މައްސަލައިގެ ހުކުމް ކުރުމެވެ.
ހަނގުރާމަވެރި ހަތިޔާރު ރާއްޖެ އެތެރެކޮށް ގެންގުޅުނުކަން ސާބިތުވެ ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް 11 އަހަރަށް ޖަލަށް ލާން ދަށު ކޯޓުން ހުކުމްކޮށް އެ ހުކުމަށް ހައިކޯޓުން ވަނީ ތާއީދުކޮށްފަ އެވެ.