ހ. ހަންޑްރެޑް ފްލާވާ ޖައިލަމް އަހްމަދު ޝާކިރު މަރާލި މައްސަލައިގެ ޝަރީއަތެއް ތާވަލުކުރުމަށްފަހު މައްސަލާގައި ދައުވާ ލިބޭ ދެމީހެއްގެ ވަކީލުން ހާޒިރުނުވެގެން ކެންސަލްކޮށްފި އެވެ.

ސ. ފޭދޫ ވީނަސްވިލާ، ނަސީބު ސައީދާއި ޏ. ފުވައްމުލައް ޖަމްނާ، އަލީ އިރުފާނުގެ އިތުރުން ވ. ސިނަމާލެ ފްލެޓު، އިސްމާއީލް އަނީގުގެ މައްޗަށް ތޫނުއެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާގައި ބުނެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގެ ރޭ 10:00 އެހައިކަންހާއިރު ހ. ހަންޑްރެޑްފްލާވާ ގޭގެ ކައިރީގައި ޖައިލަމް ހުއްޓައި އިތުރު މީހަކާ އެކު އަނީގާއި ނަސީބާއި އިރުފާން ދެ ސައިކަލެއްގައި އެތަނަށް ގޮސްފައިވާ ކަމަށެވެ.

އަދި އަނީގާ އެކު ދިޔަ އިތުރު މީހާ ތިލައިގެ ދިގުމިނުގައި ގާތްގަނޑަކަށް 12 އިންޗި ހުންނަވަރުގެ ވަޅިއެއް ބޭނުންކޮށްގެން ޖައިލަމާ މެދު މާރާމާރީ ހިންގި އިރު، އަނީގު އޭނާގެ އަތުންނާއި ފައިން ޖައިލަމާ މެދު މާރާމާރީ ހިންގާފައިވާ ކަމަށް ވެސް ދައުވާގައި ވަނީ ބުނެފަ އެވެ.

މައްސަލާގައި ދައުވާ ލިބޭ އަލީ އިރުފާން މިއަދު ޝަރީއަތުގެ މަޖިލީހަށްފަހު ކޯޓުން ނުކުންނަނީ -- ސަންފޮޓޯ// އަހުމަދު އާޒިފް

ކްރިމިނަލް ކޯޓުގައި މިއަދަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައި ވަނީ އެ މައްސަލާގައި ދައުވާ ލިބޭ ސ. ފޭދޫ ވީނަސްވިލާ، ނަސީބު ސައީދާއި ވ. ސިނަމާލެ ފްލެޓު، އިސްމާއީލް އަނީގުގެ ވަކީލުން ހާޒިރުނުވާތީ އެވެ. ގާޒީ ވިދާޅުވީ މައްސަލައަކީ ބޮޑު މައްސަލައަކަށްވަތީ މައްސަލަ ބަލަމުންދާ އިރު ހައްޔަރުގައި ތިބި މީހުން ދޫކޮށްލެވެން ނެތް ކަމަށެވެ.

އަދި މައްސަލަ ދިގުލައިގެންދާ ނަމަ ބަންދުގައި ތިބެން ޖެހޭ މުއްދަތު އިތުރުވާތީ އެއީ ވެސް އިންސާފަކަށް ނުވާކަމަށާއި އެހެންކަމުން މައްސަލަ އަވަސް ކުރުމަށް ހުރިހާ ފަރާތްތަކުން އެއްބާރުލުންދެއްވުމަށް ގާޒީވަނީ އެދިވަޑައިގެންފަ އެވެ.

އެމައްސަލައިގެން އަޑުއެހުމެއް މާދަމާއަށްވެސް ވަނީ ތާވަލުކޮށްފަ އެވެ. އެ އަޑުއެހުމުގައި އޮންނާނީ ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމެވެ.