26 Jun 2016, 13:14
ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ބުނެފި އެވެ.
ބައެއް މީޑިއާތަކުގައި ރިޕޯޓުކޮށްފައި ވަނީ ޑރ. އަފްރާޝީމް އަލީގެ ގާތިލު ހ. ލޮބީ ހުސައިން ހުމާމްގެ މަރުގެ ހުކުމް ތަންފީޒުކުރުމަށް ކުރަން ޖެހޭ މަސައްކަތް ކަރެކްޝަނުން ކުރަމުންދާ ކަމަށެވެ. ނަމަވެސް އެކަން ކަރެކްޝަސްނެ މީޑިއާ އޮފިސަރު އަހުމަދު ލުގްމާން ވަނީ ދޮގުކުރައްވާފަ އެވެ.
ލުގުމާން ވިދާޅުވީ މަރުގެ ހުކުމް ތަންފީޒުކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުންދާކަމަށާއި ނަމަވެސް އެއީ ވަކި ހުމާމުގެ މަރުގެ ހުކުމް ތަންފީޒުކުރުމަށް ނޫންކަމަށެވެ. މަރުގެ ހުކުމް ތަންފީޒު ކުރުމަށް ނިންމާފައި ވަނީ ކޮންގޮތަކަށްތޯ ސުވާލު ކުރުމުން ލުގުމާން ވިދާޅުވީ "އެމައްސައްކަތް ވެސް ދަނީ ކުރެވެމުން" ކަމަށެވެ. ލުގުމާން ވިދާޅުވީ ވަރަށް އަވަހަށް މަރުގެ ހުކުމް ތަންފީޒު ކުރުމަށް ވާންޖެހޭ ހުރިހާ ތައްޔާރީއެއްވެ ނިމޭނެ ކަމަށާއި ހުރިހާކަމެއް ފުރިހަމަވުމުން މީޑިއާ އާ ހިއްސާކުރައްވާނެ ކަމަށެވެ.
ހޯމް މިނިސްޓަރު ކަމުން އިސްތިއުފާދެއްވި އުމަރު ނަސީރު އެމަގާމުގައި ހުންނެވި އިރު ވިދާޅުވެފައި ވަނީ ދަންޖައިގެން މަރުގެ އަދަބު ތަންފީޒުކުރުމަށް ގަވާއިދެއް އެކުލަވާލާފައިވާ ކަމަށެވެ. އަދި އެ ގަވާއިދުގައިވާ ގޮތުން ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް ކަށަވަރުކުރާތާ 30 ދުވަސްތެރޭގައި ދަންޖައްސައިގެން މަރަން ޖެހޭނެ ކަމަށް އުމަރު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް އެ ގަވާއިދު މިހާތަނަށް އަދި ގެޒެޓުކޮށްފައެއް ނުވެ އެވެ.
މީހަކު މަރާލިކަން ކަށަވަރުކޮށް ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ސުޕްރީމް ކޯޓުން މީހަކު މެރުމަށް ކޮށްފައިވާ ހުކުމަކީ ހުމާމުގެ މައްޗަށް ކޮށްފައިވާ ހުކުމެވެ. ޑރ. އަފްރާޝީމް އަލީގެ ވާރިސުން އެންމެ ފަހު ވަގުތު ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީގައި ބުނެފައި ވަނީ ހުމާމަށް މަރުގެ ހުކުމް ތަންފީޒު ކުރުން ފަސްކޮށްދިނުމަށް އެދޭ ކަމަށެވެ.
ހުމާމުގެ އިތުރުން ފަހު މަރުހަލާގައި ހުކުމާ ހަމާގައި އޮތް މައްސަލަތަކުގެ ތެރޭގައި ގާނޫނީ ވަކީލު ނަޖީބު މަރާލި މައްސަލާގައި މ. މަސްރޫރާ އަހުމަދު މުއްރަތުގެ މައްސަލައާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހާދު މަރާލި މައްސަލާގައި މަރުގެ ހުކުމް އިއްވާފައިވާ ގ. ރީފް މުހައްމަދު ނަބީލުގެ މައްސަލަ ހިމެނެ އެވެ. ބެލެވޭ ގޮތުން އެދެ މައްސަލަ ވެސް މިހަފްތާ ސުޕްރީމް ކޯޓުން ނިންމާނެ އެވެ.