26 Jun 2016, 13:11
ގައުމީ އިނާމާއި މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.
ގައުމީ އިނާމާއި ޚާއްސަ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި ވަނީ މިއަދުން ފެށިގެން އޯގަސްޓް މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށެވެ. ގައުމީ އިނާމާއި ޚާއްސަ އިނާމު ދިނުން އޮންނާނީ، މި އަހަރުގެ ޖުމްހޫރީ ދުވަސް ފާހަގަ ކުރުމަށް ސަރުކާރުން ބާއްވާ ރަސްމީ ޖަލްސާގަ އެވެ. ޖުމްހޫރީ ދުވަހަކީ ނޮވެމްބަރު މަހުގެ 11 ވަނަ ދުވަހެވެ.
މި ކަން އިއުލާން ކުރައްވާފައި ވަނީ ގައުމީ އިނާމާއި ބެހޭ ކޮމިޓީއާއި ޚާއްސަ އިނާމާ ބެހޭ ކޮމިޓީ އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ.
ގައުމީ އިނާމު ކޮމިޓީގެ މުގައްރިރު އަބްދުލްރަޝީދު ހުސައިން ވިދާޅުވީ، ގައުމީ އިނާމަށް ނަން ހުށަހެޅުމުގެ ރަސްމީ އިއުލާން މިއަދު ގެޒެޓު ކުރެވިގެންދާނެ ކަމަށެވެ. އޭނާ ވިދާޅުވީ ގައުމީ އިނާމަކީ މުޖްތަމައުގެ ލާބައާއި މަންފާއަށް މަސައްކަތް ކުރާ ފަރުދުންނާއި މަދަނީ ޖަމިއްޔާތަކާއި މުއައްސަސާތަކުގެ އިތުރުން ވިޔަފާރިތަކުން ވެސް މި އިނާމަށް އެދި ހުށަހެޅޭނެ ކަމަށެވެ.
"މި އިނާމު ދެވޭނީ ދެ ގިންތިއަކުން. އެއީ ޝަރަފުވެރިކަމުގެ އިނާމާއި ހިތްވަރު ދިނުމުގެ އިނާމު. މައިގަނޑު 31 ދާއިރާއަކުން މި އަހަރު ވެސް އިނާމު ދިނުމަށް ހުށަހެޅިފައިވޭ،" އަބްދުލްރަޝީދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ސަރުކާރުގެ އޮފީސްތަކާއި މުއައްސަސާތަކާ ވާހަކަ ދައްކައިގެން އިނާމު ދެވޭ ބައެއް ރޮނގުތަކަށް ބަދަލު ގެނެސްފައިވާ އިރު، އެންމެ ބޮޑު ބަދަލުތަކެއް ހުންނާނީ އިޖްތިމާއީ ރައްކާތެރިކަމާއި އިންސާނީ ހައްގުތަކާ ބެހޭ ދާއިރާތަކާއި ތިމާވެއްޓާއި ހަކަތައިގެ ދާއިރާއާއި ސިއްހީ ދާއިރާއާއި މަސްވެރިކަމާއި ދަނޑުވެރިކަން ފަދަ ދާއިރާތަކުން ކަމަށެވެ.
މީގެ އިތުރުން އަންހެނުންނާއި ޒުވާނުންގެ ދާއިރާއިން މި އަހަރު އިނާމު ދޭ ގޮތް ވެސް ތަފާތު ކޮށްލާފައިވާ ކަމަށް އަބްދުއްރަޝީދު ވިދާޅުވި އެވެ.
މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޚާއްސަ އިނާމު ކޮމިޓީގެ މުގައްރިރު އަދި ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ ވިދާޅުވީ، ޚާއްސަ އިނާމު ފަސް ދާއިރާއަކުން މި އަހަރު ދޭނެ ކަމަށެވެ.
ޚާއްސަ އިނާމު ދެވޭ ފަސް ގިންތި
1. ޕީއެޗްޑީ ހާސިލުކުރުމުގައި ފާހަގަ ކޮށްލެވޭ ކާމިޔާބެއް ލިބިފައިވާ ފަރާތްތައް.
2. މަތީ ތައުލީމާއި ތަމްރީނުގެ ކޯހަކުން އެންމެ މަތީ ވަނަ ހޯދާ ފަރާތްތައް.
3. ބައިނަލްއަގުވާމީ މުބާރާތަކުން އެންމެ މަތީ ވަނަ ހޯދުން
4. ރާއްޖެ އަށް ދިމާވެފައިވާ މައްސަލައެއް ހައްލު ކުރުމަށް ސައިންޓިފިކް އިލްމީ ދިރާސާއެއް، ނުވަތަ އާދަޔާޚިލާފު މަސައްކަތެއް ނުވަތަ އާ އީޖާދެއް އުފައްދައިގެން ފާހަގަ ކޮށްލެވޭ ކާމިޔާބެއް ހޯދާ ފަރާތްތައް.
5. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއް ކުރުމުގެ މުބާރާތް.
މީގެ ތެރެއިން ފަސްވަނަ ގިންތީގައި ހިމެނެނީ، މީގެ ކުރިން ވަކިވަކި މިނިސްޓްރީތަކުންނާއި ސަރުކާރުގެ އިދާރާތަކުން އިއުލާންކޮށްގެން ކުރިޔަށް ގެންދާ މުބާރާތްތަކެކެވެ. އޭގެ ތެރޭގައި ހިމެނޭ ހަތަރު މުބާރާތަކީ ދިވެހި ބަހުގެ އެކެޑެމީން ކުރިޔަށް ގެންދާ ކުޑަކުދިންގެ ނާވިލު ލިޔުމުގެ މުބާރާތާއި، އިސްލާމިކް މިނިސްޓްރީން ކުރިޔަށް ގެންދާ ކުޑަކުދިންގެ ދީނީ ވާހަކަ ލިޔުމުގެ މުބާރާތާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސްއިން ކުރިޔަށް ގެންދާ، ދިވެހި ތާރީޚީ ހާދިސާއަކަށް ބިނާކޮށް މިއުޒިކަލް އަދި ކޮމިކް ތައްޔާރުކުރުމުގެ މުބާރާތާއި އިކޮނޮމިކް މިނިސްޓްރީން ކުރިޔަށް ގެންދާ، ނާށިން ތަކެތި ތައްޔާރުކުރުމުގެ މުބާރާތެވެ.
އިނާމުތަކަށް ނަން ހުށަހަޅާ އިރު ޚިދުމަތުގެ ރޮނގާއި މުއްދަތު ފަދަ ތަފްސީލުތައް، ސައްހަ ލިޔެކިޔުންތަކާއި އެކު ހުށަހެޅުމަށް ގައުމީ އިނާމު ކޮމިޓީން އިލްތިމާސް ކުރެ އެވެ. މީގެ އިތުރުން، އިނާމަށް ނަން ހުށަހަޅާ ފަރާތެއްގެ ކުށުގެ ރިކޯޑު ވެސް މިފަހަރު ހުށަހަޅަން ޖެހޭނެ ކަމަށް ގައުމީ އިނާމާއި ޚާއްސަ އިނާމު ކޮމިޓީން އެދެ އެވެ.