26 Jun 2016, 12:38
މަސްތުވާތަކެތީގެ ވަބާ ނައްތާލައި އެކަމުން ދިވެހިން ސަލާމަތް ކުރުމުގެ "ހަނގުރާމަ" އަކީ ސަރުކާރަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށް ނައިބު ރައީސް އަބްދުﷲ ޖިހާދު ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯގައި މިއަދު ހެނދުނު ބޭއްވި ބައިނަލްއަގުވާމީގޮތުން ފާހަގަކުރާ މަސްތުވާތަކެއްޗާ ދެކޮޅަށް މަސައްކަތްކުރާ ދުވަހުގެ ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން ނައިބު ރައީސް ޖިހާދު ވިދާޅުވީ، މަސްތުވާތަކެތީގެ މައްސަލަތައް ކޮންޓްރޯލްކޮށް އެ މައްސަލަތައް ނިމުމަކަށް ގެނެވޭނީ ހުރިހާ ފަރުދުންގެ ވެސް އެއްބާރުލުން ލިބިގެން ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ވެސް އެކަމަށް ބޮޑެތި ހޭދަތަކެއް ކުރަމުން އަންނަ ކަމަށެވެ.
"މިއީ ހަމައެކަނި ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން. ކުރިން އަޅުގަނޑު ހުރި މަގާމުގައި [ފިނޭންސް މިނިސްޓަރު] ހުރި އިރު އެންޑީއޭ އިން ވަރަށް ގިނަ ފަހަރު ވަޑައިގަންނަވާ ފައިސާ ބޭނުންފުޅުވެގެން. ސަރުކާރުން މަސައްކަތް ކޮށްދޭނެ އެ ފަރާތްތަކާ އެކު. އެކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ވެސް ސަރުކާރުން ފޯރުކޮށްދޭނެ. އެކަމަކު މިކަމުގައި ހުރިހާ ފަރާތްތަކެއްގެ އެއްބާރުލުން ބޭނުންވާނެ،" ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ އިންސާނެއްގެ ސިފަ ހުންނަ އިންސާނަކު މަސްތުވާތަކެތި ބޭނުންކުރުމުން އޭނާގެ ސިފަ ޖަނަވާރަކަށް ބަދަލުވުން ފަދަ ކަމަށެވެ. އަދި އޭގެ ސަބަބުން އެމީހެއްގެ ހުންނަ ހުރިހާ ރަނގަޅު ސިފައެއް ނައްތާލައި މަގު އޮޅޭކަމަށާއި އެހެންކަމުން އެފަދަ ކަންކަމުން ރާއްޖެ ސަލާމަތްކުރުމަށް އެންމެންގެ އެހީ ބޭނުންވާ ކަމަށް ޖިހާދު ވިދާޅުވި އެވެ .
"އެންމެ ފުރަތަމަ އަޅުގަނޑުމެން މިކަން ފަށަން ޖެހެނީ ގޭގެ ތެރެއިން. މައިންބަފައިން. މައިންބަފައިން އެމީހުންގެ ދަރިންނަށް އަޅާލަން އެބަޖެހޭ. ފުރާވަރަށް އަންނަ އިރު އެމީހުންނާ އެކީ އުޅެނީ ކޮން ބައެއްތޯ ބަލަން އެބަޖެހޭ. އެމީހުން ފޯނުކުރަނީ ކޮން ބަޔަކާތޯ ބަލަންޖެހޭ. އެމީހުންނާ އެކީ އެކި ކަންކަމުގައި ބައިވެރިވަނީ ކޮންބައެއްތޯ ވެސް ބަލަންޖެހޭ،" ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.
ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ގައުމަކަށް ވާއިރު، އެފަދަ އިސްލާމްދީނާ ހިލާފު އަމަލުތަކެއް ހިންގިގެން ދިއުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށް ވެސް ނައިބު ރައީސް ޖިހާދު ވިދާޅުވި އެވެ.
މިއަދު ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އެކިއެކި ވަޒީރުންނާއި އެކިއެކި މުއައްސަސާތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.