26 Jun 2016, 12:30
ދިމިޝްގު (ޖޫން 26): ސީރިއާގެ އިރުމަތީގައި އޮންނަ ދެއިރުއައްޒައުރަށް އިއްޔެ ރަޝިއާ އާއި ސީރިއާ ސަރުކާރުން ދިން ވައިގެ ހަމަލާތަކުގައި 47 މީހަކު މަރުވެފައިވާ ކަމަށް ސީރިއާގެ ހަނގުރާމަ މޮނިޓާ ކުރާ ސީރިއަން އޮބްޒަވޭޓަރީ ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.
އޮބަޒަވޭޓަރީގެ ވެރިޔާ، ރަމީ އަބްދުއްރަހްމާން ވިދާޅުވި ގޮތުގައި އިއްޔެގެ ހަމަލާތައް އަމާޒުކޮށްފައި ވަނީ ދެއިރުއައްޒައުރު ޕްރޮވިންސުގެ އަލް ގުރައްޔާއަށެވެ. އެހަމަލާގައި މަރުވި 47 މީހުންގެ ތެރެއިން 31 މީހުންނަކީ އާއްމުންކަން ކަށަވަރުވެފައިވާ އިރު، ބާކީ 16 މީހުންނަކީ އާއްމުން ކަމެއް ނުވަތަ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިން ކަމެއް އަދި ޔަގީންވެފައި ނުވާ ކަމަށް އަބްދުއްރަހްމާން ވިދާޅުވި އެވެ.
"އައިއެސްގެ ހަނގުރާމަވެރިން ވަނީ ރަށުގެ މިސްކިތް ހުންނަ ސަރަހައްދު ވަށާލާފައި،" އަބްދުއްރަހްމާން ވިދާޅުވި އެވެ.
ސީރިއާގެ ހަނގުރާމަ ފެށުނުތާ ފަސް އަހަރު ވެފައިވާ އިރު އެހަނގުރާމައިގައި 280،000 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ. އަދި ގައުމުގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރު ދޫކޮށް ދާން ޖެހިފައި ކަމަށް ޔޫއެން އިން ލަފާ ކުރެ އެވެ. (އަލްޖަޒީރާ)