26 Jun 2016, 12:35
ކަނޑުމަގުން ރާޢްޖެ އެތެރެކުރާ ޕެރިޝަބަލް ގުޑްސް ނުވަތަ ފަސޭހައިން ހަލާކުވާ ބާވަތްތަކުގެ މުދަލުގެ ގުޑްސް ޑިކްލެރޭޝަން ބަލައިގަތުމާއި ދޫކުރުމުގެ މަސައްކަތް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ތަރުކާރީ ގުދަނުން ދޫކުރާ ގޮތަށް ހަމަޖައްސައިފި އެވެ.
ކަސްޓަމްސް އިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނާ ގޮތުގައި، ކަސްޓަމްސް އިން ޕެރިޝަބަލް މުދާ ދޫކުރުން އަވަސްކުރުމަށް ޓަކައި މިއަދު ފެށިގެން އަމަލުކުރާނެ އާ ގޮތަކީ، ޕެރިޝަބަލް މުދަލުގެ ގުޑްސް ޑިކްލެރޭޝަން ބަލައިގަތުމާޢި ދޫކުރުމުގެ ކަންތައްތައް އެމްޕީއެލްގެ ތަރުކާރީ ގުދަނުން ދޫކުރުމަށެވެ.
ކަސްޓަމްސް އިން ބުނީ އެ ޚިދުމަތްތައް ފޯރުކޮށްދޭނީ އެމްޕީއެލް ތަރުކާރީ ގުދަނުގެ ތެރޭގައި ގާއިމުކޮށްފައި ހުންނަ ކަސްޓަމްސް އޭރިއާގެ އެގްޒެމިނޭޝަން ޔުނިޓުން ކަމަށެވެ.
އަދި މިކަމުގެ ސަބަބުން، ޕެރިޝަބަލް މުދަލާ ގުޅޭ ޚިދުމަތްތައް ހޯދާ ފަރާތްތަކަށް އެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ލިބި، ކުރިޔަށް ވުރެ ވެސް ފަސޭހައިން، ހަލުއި ކަމާ އެކު މުދާ ބަލައި ފާސްކުރުމާއި ދޫކުރުމުގެ ކަންކަން ކުރިޔަށް ދާނެ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.
ކަސްޓަމްސް އިން އިތުރަށް ބުނާ ގޮތުގައި ރާއްޖެއަށް އިމްޕޯޓުކުރާ މުދާ ވީހާ ވެސް ލުއިފަސޭހަ އަދި އަވަސްގޮތެއްގައި ދޫކުރުމަށް ޓަކައި އެފަރާތުން އެމްޕީއެލްއާ މަޝްވަރާ ކޮށްފައިވާ އިރު، މިހާރު ދަނީ އިތުރު އިންތިޒާމުތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންނެވެ.
އެގޮތުން ރިސޯޓުތަކާއި އަތޮޅުތަކުގައި ހިންގާ ޕްރޮޖެކްޓުތަކަށް އިމްޕޯޓުކުރާ ތަކެތި ހުޅުމާލޭގައި ހުންނަ ކަސްޓަމްސް ސެކްޝަނުން ބަލައި ފާސްކޮށް، ދޫކުރުމުގެ ޚިދުމަތް ދެމުންދާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.