26 Jun 2016, 11:48
ޑިންގީއެއް ބަންޑުން ޖަހާލައި، މާލެ އާ ހުޅުލެ އާ ދެމެދު އަޅާ "ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބުރިޖް"ގެ މަސައްކަތުގައި އުޅުނު ދެ މީހަކަށް އަނިޔާވެއްޖެ އެވެ.
ޑިންގީ ބަންޑުން ޖަހާލައި އަނިޔާވި އެކަކު މިހާރު ވަނީ އައިޖީއެމްއެޗް އަށް ގެންގޮސްފަ އެވެ. އޭނާ އަކީ ދިވެއްސެއް ކަމަށް ހޮސްޕިޓަލުގެ މީޑިއާ އޮފިޝަލް ޒީނަތު އަލީ ހަބީބު ވިދާޅުވި އެވެ. ޒީނަތު ވިދާޅުވީ އޭނާގެ ހާލު ސީރިއަސް ނޫން ކަމަށެވެ.
"ކޮންމެސް ތަނެއްގައި ބޯ ޖެހުނު ކަމަށް ބުނީ. ހަމަ ސްޓޭބަލް. ހާލު ރަނގަޅު،" ޒިނާތު ވިދާޅުވި އެވެ.
ޑިންގީ ބަންޑުން ޖަހާލައި ހިނގި ހާދިސާގައި ޒަހަމްވި އެކަކަށް އޭޑީކޭގައި ވެސް އަންނަނީ ފަރުވާ ދެމުންނެވެ. އޭޑީކޭގައި ފަރުވާ ދެމުން އަންނަނީ ބިދޭސީ އަކަށެވެ. އޭޑީކޭ އިން ބުނީ އޭނާ އަށް ފަރުވާ ދެމުން އަންނަ ކަމަށާއި ޑޮކްޓަރުގެ ރިޕޯޓު ނުލިބޭތީ އަދި ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.
ފުލުހުންގެ އިންފޮމޭޝަން އޮފިސަރު 'ސަން' އަށް ވިދާޅުވީ އެ ސަރަހައްދުގައި މަސައްކަތް ކުރަން ބޭނުންކުރި ޑިންގީއެއް ބަންޑުން ޖަހާލައިގެން އުޅޭ ކަމުގެ މައުލޫމާތު ލިބި ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ.
އެ ސަރަހައްދުގައި ފުލުހުން ހަރަކާތްތެރި ވަނީ -- ފޮޓޯ: ޕީއެސްއެމް (ޓުވިޓާ)
ޑިންގީ ބަންޑުން ޖަހައިލި އިރު ޑިންގީގައި ދެ މީހަކު ތިބި ކަމަށާއި އިތުރު މައުލޫމާތު އަދި ސާފު ނުވާ ކަމަށް އޮފިސަރު ވިދާޅުވި އެވެ.
އެ ސަރަހައްދުގައި ފުލުހުންނާއި އެމްއެންޑީއެފް މިހާރު އަންނަނީ ހަރަކާތްތެރި ވަމުންނެވެ.