26 Jun 2016, 12:43
ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަންދާ މީހުން އުފުލުމަށް ސައުދީ އަރަބިއާގެ ގައުމީ އެއާލައިން "ސައުދީ އަރަބިއަން އެއާލައިން" ހަމަޖައްސައިފި އެވެ.
ހައްޖު ކޯޕަރޭޝަންގެ އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ހައްޖު ކޯޕަރޭޝަނާއި ސައުދީ އަރަބިއަން އެއާލައިން އާ ދެމެދު ވަނީ އެކަމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ.
އެއްބަސްވުމުގައި ހައްޖު ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދްރީހެވެ. ސައުދީ އެއާލައިންގެ ފަރާތުން ސޮއިކުރެއްވީ އެ އެއާލައިންގެ ސީއީއޯ ހިޝާމް ޝަމްސެވެ.

ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު ހައްޖުގެ އަޅުކަން އަދާކުރަންދާ މީހުން އުފުލުމަށް ސައުދީ އަރަބިއާގެ ގައުމީ އެއާލައިން "ސައުދީ އަރަބިއަން އެއާލައިން" ހަމަޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން -- ސަން ފޮޓޯ/ މުހައްމަދު އަފްރާހް
ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހައްޖު ކޯޕަރޭޝަންގެ އެމްޑީ ޔާމީން އިދްރީސް ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި މިއަހަރު ހައްޖަށްދާ މީހުން ގެންގޮސް ގެނައުމަށް ސައުދީ އެއާލައިން އިން މާލެ ޖިއްދާ އަދި ޖިއްދާ އިން މާލެ އަށް ސީދާ ހަތަރު ފްލައިޓެއް އޮޕަރޭޓްކުރާނެ ކަމަށެވެ.
މީގެ އިތުރުން ސައުދީ އެއާލައިންއާއެކުވި އެއްބަސްވުމުގެ ދަށުން މީގެ ކުރީ ދެ އަހަރާ ހިލާފަށް ކޮންމެ ހައްޖު ވެރިއަކަށް ޒަމްޒަމް ފެންފުޅީގެ ބަރުދަން ނުލައި 40 ކިލޯ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ ކުރިން ދެ އަހަރު ވެސް ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ މީހުން އުފުލުމަށް ހަވާލުކޮށްފައި ވަނީ މެގަ މޯލްޑިވްސް އާ އެވެ. އެ އެއާލައިން އިން ކޮންމެ ހައްޖާޖީއަކަށް ދީފައި ވަނީ 30 ކިލޯ އެވެ.
ދުނިޔޭގެ 126 ގައުމަކަށް ދަތުރުތައް ކުރަމުން އަންނަ ސައުދީގެ ގައުމީ އެއާލައިންގެ ސީދާ ދަތުރުތައް ރާއްޖެއަށް ފަށާފައި ވަނީ މިދިޔަ މާޗް މަހުގެ ފަހުކޮޅު އެވެ.