އެމެރިކާގެ ކެލިފޯނިއާއަށް ބާރުގަދަ ބިންހެލުމެއް އަންނަން އުޅޭކަމުގެ ބޮޑެތި ނިޝާންތަކެއް އެސަރަހައްދުގެ ބިންގަނޑުން ފެންނަން ފަށައިފި އެވެ.

ދުނިޔޭގެ އެންމެ ހަރަކާތްތެރި (އެކްޓިވް) އެއް ޓެކްޓޯނިކް ޕްލޭޓް ބައުންޑްރީއަކީ އުތުރު އެމެރިކާ ޓެކްޓޯނިކް ޕްލޭޓާއި ފެސިފިކް އޯޝަނިކް ޕްލޭޓް ގުޅޭ ސަރަހައްދު ނުވަތަ ސެން އެންޑްރެއާސް ފޯލްޓް ލައިނެވެ. މި ފޯލްޓް ލައިނަކީ އެމެރިކާގެ ކެލިފޯނިއާ ސްޓޭޓު ތެރެއިން 800 މޭލުގެ ސަރަހައްދަކަށް ދެމިގެންދާ ޕްލޭޓެކެވެ.

ބިންހެލުން އުފެދެނީ، ދެ ޕްލޭޓު އެކަތި އަނެކައްޗާ ޖެހުމުން، ނުވަތަ އެއް ޕްލޭޓު އަނެއް ޕްލޭޓު ކައިރިން ކޮންމެވެސް ކަހަލަ ގޮތަކަށް މޫވްމެންޓެއް އައުމުންނެވެ.

ޔުނިވާސިޓީ އޮފް ހަވާއީއިން ކޮމްޕިއުޓަރު ބެނުންކޮށްގެން ހެދި އިމޭޖުތަކަކުން ދައްކާ ގޮތުގައި ސެން އެންޑްރެއާސް ފޯލްޓް ލައިނުގައި ދެ ޕްލޭޓު ދަނީ ވަރަށް ހަލުއި ކަމާ އެކު މޫވް ކުރަމުންނެވެ. އޭގެ ސަބަބުން ކެލިފޯނިއާގެ ބިމަށް ވަރަށް ބޮޑެތި ބަދަލުތަކެއް އަންނަމުން ދެ އެވެ.

ކެލިފޯނިއާގެ ބިންގަނޑަށް އަންނަ ބަދަލަކީ، އެއް ޕްލޭޓުގެ މަތީގައި އޮތް ބައި މައްޗަށް ހިއްލުމާއި އަޑިއަށް ދިއުން ފަދަ މޫވްމެންޓުތަކަކާ ގުޅިގެން އަންނަ ބަދަލެކެވެ. ނޭޗާ ޖިއޯސައިންސް ޖާނަލްގައި މިދިޔަ ހަފްތާގައި ޝާއިއުކުރި ރިޕޯޓެއް ބުނާ ގޮތުގައި، ކެލިފޯނިއާގެ ލޮސް އެންޖެލެސް ބޭސިން، އޮރެންޖް ކައުންޓީ، ބޭކާސްފީލްޑް އަދި ސެން ޑިއޭގޯ ދަނީ ކޮންމެ އަހަރަކު ވެސް ތިން މިލިމީޓަރާ ހަމައަށް އަޑިއަށް ދަމުންނެވެ. އަދި ސެންޓަ ބާބަރާ، ސެން ލުއިސް އޮބިސްޕޯ އަދި ސަން ބާނަޑީނޯ ކައުންޓީ ފަދަ ސަރަހައްދުތަކުގެ ބިން ދަނީ މައްޗަށް އަރަމުންނެވެ.

ޖިއޮލޮޖިސްޓުން ބުނާ ގޮތުގައި މިދިޔަ އަހަރުތަކުގެ ތެރޭގައި އެސަރަހައްދުގެ ބިންގަނޑު ހަލުއިކަމާ އެކު މައްޗަށް އަރަމުން ދަނީ، ވަރުގަދަ ސެއިސްމިކް ހަރަކާތެއް ހިނގަން އުޅޭތީ އެވެ. މިހާރު އެސަރަހައްދުގެ ބިމަށް ބޮޑެތި ބަދަލުތަކެއް އަންނަ އިރު، ބިމުގެ އަޑީގައި އުފެދެމުން އަންނަ އެނާޖީ ނުވަތަ ހަކަތަ ކައިރި މުސްތަގުބަލެއްގައި ރިލީޒް ވާނީ ބިންހެލުމެއްގެ ގޮތުގައި ކަމަށް ވާ އިރު، މި ބިންހެލުމުގެ ބާރު ވަރަށް ގަދަ ވާނެ ކަމަށް ބެލެވެ އެވެ.

އެހެން ނަމަވެސް ކެލިފޯނިއާއަށް އަންނަ މި ބިންހެލުމުގެ ބާރުމިނާއި، އަންނާނެ ދުވަސްވަރެއް އަދި އަންނާނެ ސީދާ ތަނެއް ހޯދުމަށް އެކަށީގެންވާ މައުލޫމާތާއި ވަސީލަތްތައް ޖިއޮލޮޖިސްޓުންނާއި ސައިސްމޮލޮޖިސްޓުންނަށް ހޯދިފައެއް ނުވެ އެވެ.