26 Jun 2016, 11:09
އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ އަށް ދިވެހިރާއްޖެ އިން ކަނޑައަޅާފައި ހުންނަ ދާއިމީ މަންދޫބު ކަމަށާއި އެމެރިކާގައި ހުންނަ ދިވެހިރާއްޖޭގެ ސަފީރުކަމަށާއި ކެނެޑާއަށް ދިވެހިރާއްޖެ އިން ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމުގެ މަގާމަށް ފޮރިން ސެކްރެޓަރީ ޑރ. އަލީ ނަސީރު އައްޔަން ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތުގެ ކޮމެޓީން ރުހުން ދީފި އެވެ.
މިދިޔަ ހަފްތާގައި ބޭއްވި ކޮމެޓީ ބައްދަލުވުމުގައި ޑރ. ނަސީރަށް ރުހުން ދީފައި ވަނީ ކޮމެޓީގެ އަޣުލަބިއްޔަތުންނެވެ.
ޑރ. އަލީ ނަސީރުގެ އިތުރުން ނެދަލެންޑްސް އާއި ލަގްޒަމްބާގްއަށް ކަނޑައަޅާ ނޮން-ރެސިޑެންޓް ސަފީރުކަމަށް، ގ. ސަމަންތާ، އަހުމަދު ޝިއާން އައްޔަން ކުރުމަށް ވެސް ކޮމެޓީގެ އަޣުލަބިއްޔަތުން ވަނީ ނިންމައިފަ އެވެ.
އެ ދެ ބޭފުޅުންނަށް ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމަށް ގައުމީ ސަލާމަތުގެ ކޮމިޓީ އަށް ފޮނުވީ މި މަހުގެ ހަތް ވަނަ ދުވަހު އެވެ.
މައްސަލަ ދިރާސާކޮށް ކޮމިޓީ އިން މަޖިލީހަށް ފޮނުވި ރިޕޯޓުގައި ބުނެފައި ވަނީ ޑރ. އަލީ ނަސީރު އަދި ޝިއާން އަހުމަދަކީ ވެސް އިންޓަވިއު ކުރުމަކާ ނުލައި، ސަފީރު ކަމަށް އައްޔަން ކުރުމަށް އެކަށީގެންވާ ދެ ބޭފުޅުން ކަމަށެވެ.
ޑރ. ނަސީރު ސަފީރު ކަމަށް އައްޔަން ކުރުމަށް ކޮމެޓީ އިން ރުހުން ދީފައި ވާއިރު، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި ނަސީރު އާއި އަނބިކަނބަލުން، އަދި އެމްއެމްއޭގެ ގަވަރުނަރު ޑރ. އަޒީމާ އާދަމް ބައިވެރިވެވަޑައިގަންނަވާ ކަމަށް އިދިކޮޅު އިއްތިހާދުން ވަނީ ތުހުމަތު ކޮށްފަ އެވެ.
އަދި ނަސީރު ސަފީރު ކަމަށް އައްޔަން ކުރައްވަނީ، ފިއްލެވުމުގެ ފުރުސަތު ދިނުމަށް ކަމަށް ވެސް އިދިކޮޅު އިއްތިހާދުން ވަނީ ބުނެފަ އެވެ.
އެކަމާ ގުޅިގެން ނަސީރު ވިދާޅުވީ ރާއްޖެ އިން ބޭރުގެ ގައުމުތަކަށާއި މިޝަންތަކަށް އައްޔަނު ކުރާ ސަފީރުންނަކީ ރާއްޖެ އިން ބޭރުގައި ފިލަން ނުވަތަ ފޮރުވެން ދާ ބައެއް ނޫން ކަމަށެވެ.