އަހަރެންނަކީ އިނގިރޭސި އަންހެނަކީމެވެ. ނަމަކީ ސާރާ ޖޭން ބޫތު އެވެ. ގިނަ މީހުންނަށް އަހަރެން އެނގޭނީ ލޯރެންގެ ނަމުންނެވެ. ފަހަރުގައި އަހަރެންގެ އެއްބަފާ ދައްތަ ގިނަ ބަޔަކަށް އެނގޭނެ އެވެ. އޭނާއަކީ މި ގައުމުގެ ކުރީގެ ބޮޑުވަޒީރު ޓޯނީ ބްލޭއާގެ އަންހެނުންނެވެ. އެކަމަކު މިއީ އޭނާގެ ވާހަކައެއް ނޫނެވެ. މިއީ އަހަރެންގެ ވާހަކަ އެވެ. އަހަރެން އިސްލާމްވި ގޮތުގެ ވާހަކަ އެވެ.

އަހަރެން ކުރާ މަސައްކަތަކީ ނޫސްވެރިކަމެވެ. ބްރޯޑްކާސްޓް ދާއިރާ އެވެ. އެއް ފަހަރަކު، ފަލަސްތީނަށް ކުރި ދަތުރެކެވެ. ޣައްޒާގައި ހުންނަ ރަފަހްގެ ރެފިއުޖީ ކޭމްޕެއްގައި ހުންނަން ޖެހުނެވެ. އެއީ ރަމަޟާން މަހެކެވެ. އެ ދުވަހު އަހަރެންނަށް ކާން އެއްޗެއް ލިބުނީ، އަހަރެމެންނަށް މަރުހަބާކީ އާއިލާއަކާ އެކު، އެމީހުން ރޯދަ ވީއްލި ވަގުތުގަ އެވެ.

އަހަރެން އެމީހުންގެ ފޭލިގެއަށް ވަން އިރު، އެތަނުގައި އުޅޭ އަންހެން މީހާ އުފާވެރި ހިނިތުންވުމަކާ އެކު އަހަރެންނަށް މަރުހަބާ ކި އެވެ. އެވަގުތު އޭނާ ދިޔައީ އޭނާގެ ދަރީންނަށް ރޯދަ ވީއްލުން ތައްޔާރު ކުރަމުންނެވެ. އާއިލާ ބޮޑެވެ. ނަމަވެސް މަދު ކާއެތި ކޮޅެކެވެ. ރޯދަ މަހު އެހާ މަދު ކާނާއާ އެކު ރޯދައަށް ހުރުމުން ދަތިވޭތޯ އަހަރެން ކުރި ސުވާލަށް، އެއްކަލަ އަންހެން މީހާ ހިނިތުންވެފައި ދިން ޖަވާބަކީ "އަލްހަމްދުލިﷲ" އެވެ.

އެ އާއިލާއާ އެކު އަހަރެން އެދުވަހު ރޯދަ ވީއްލި ވަގުތު ކެއުމަށް ލިބުނީ ވަރަށް ކުޑަ އެތިކޮޅެކެވެ. އަހަރެންގެ ހިތުގައި ރުޅިވެރިކަމެއް އުފެދުނެވެ. ހިތަށް އެރި އެވެ. ބަނޑުހައިވެފައި ތިބި ބަޔަކު އިތުރަށް ހައިހޫނު ކުރަނީ ކީއްވެގެން ހެއްޔެވެ؟ ދުނިޔޭގައި އެންމެ ހާލުގައި ދިރިއުޅޭ މީހުން ވެސް ދުވާލު ނުކައި ނުބޮއި ބައިތިއްބަން މި ދީނެއްގައި އަންގަވަނީ ކީއްވެގެން ހެއްޔެވެ؟

މި ސުވާލުތަކުގެ ޖަވާބު ހޯދަން އަހަރެން އެއްކަލަ އަންހެން މީހާގެ ގާތުގައި އަހާލީމެވެ.

"އުޚްތާ. އަހަރެމެން ރޯދަ މަހު ރޯދަ ހިފަނީ ފަގީރުންގެ މަތިން ހަނދާން ކުރަން،" ލިބުނު ޖަވާބަކީ މިއީ އެވެ. އަހަރެން ދިޔައީ ތަރި ބުރައިގެންނެވެ. މި ޖަވާބު އަހަރެންނަށް މި ދިނީ ފަގީރެކެވެ. މި އަންހެން މީހާގެ އަތުގައި ދަބަހެއް ނެތް ހާލު، އަހަރެންނާ އެކު އެވަގުތު އިށީނދެގެން އިން އޭނާގެ ދަރީންގެ އަތުގައި އަރާލާނެ ބޫޓެއް، ލިޔެލާނެ ގަލަމެއް ފަންސުރެއް ނުވިތަނުގައި ކަރުދާހެއް ވެސް ނެތެވެ.

ފާޑެއްގެ ޝައުގެއް އަހަރެންގެ ހިތުގައި އުފެދުނެވެ. މިކަމުގެ ތެރެއަށް އިތުރަށް ބަލާލަން ބޭނުންވެއްޖެ އެވެ. ޖެހިގެން އައި އަހަރުގެ ރޯދަ މަހު ވެސް އަހަރެން އިސްލާމީ ގައުމަކަށް ދާން ޖެހުނެވެ. މިފަހަރު އިރާނަށެވެ.

އިސްލާމީ ގައުމުތަކަށް ގިނަ ގިނައިން ޒިޔާރަތް ކުރަން ޖެހޭތީ އަހަރެން މީގެ ކުރިން ވާނީ އިސްލާމީ ސަގާފަތް ކޮންމެ ވެސް ވަރަކަށް ދަސްކޮށްފަ އެވެ. އިރާނުގައި އުޅޭ އިރު އިސްތަށިގަނޑު ނިވާކުރަން ޖެހެ އެވެ. އިރާނަށް ދިއުމާ އެކު އަހަރެން އެ ގައުމުގެ މިސްކިތަކަށް އެރީމެވެ. އަދި އިސްލާމީ ސަގާފަތަށް އިހްތިރާމް ކުރުމުގެ ގޮތުން ވުޟޫކޮށް، މިސްކިތުގައި ކުޑަ ވަގުތުކޮޅަކު މަޑުކޮށްލީމެވެ.

އަދި މުސްލިމުންގެ ކަލާނގެއަށް އަހަރެން ދެންނެވީމެވެ. "އޭ ﷲ އެވެ. އަހަރެން އެއްވެސް އެއްޗެއް ބޭނުމެއް ނެތެވެ. ބޭނުންވާ ހުރިހާ އެއްޗެއް އެބަހުއްޓެވެ. އަހަރެންގެ މި ދަތުރަށް ޓަކައި އަހަރެން ޝުކުރުވެރި ވަމެވެ. ނަމަވެސް އިބަ އިލާހު، ފަލަސްތީނުގެ ރައްޔިތުންގެ މަތީން ހަނދުމަފުޅު ނެތިކޮށް ނުލައްވައްޗެވެ،". މިއީ އަހަރެންގެ ހިތަށް މިފަދަ އެއްޗެއް އެރި ފުރަތަމަ ފަހަރެވެ. ދެން މި މިސްކިތުގެ ތެރެއަށް އަހަރެން ނަޒަރު ހިންގާލީމެވެ.

ފެންނަނީ އަންހެނުންނާއި އެމީހުންގެ ދަރީންނެވެ. މީހުން އައިސް ވަދެ ނުކުމެ ހަދާ މަންޒަރެވެ. ސުލްހަވެރިކަމާއި އަމާންކަމެވެ. މަޑުމައިތިރިކަން ވެސް މެ އެވެ. އަހަރެން ނިންމީ އެ މަޑުމައިތިރިކަން ދިގު ދަންމާލުމަށް މިސްކިތުގައި މަޑު ކުރުމަށެވެ.

އެދުވަހުގެ ހަވީރާއި ރޭގަނޑު، މިސްކިތަށް އައި އަންހެނުންނާއި ކުޑަކުދިން އަހަރެންގެ ކައިރިއަށް އައިސް އަހަރެންނަށް ހެޔޮ ދުއާކޮށް ހެދި އެވެ. ވަމުން ދިޔައީ ކިހިނެއް ކަމެއް ވެސް އަހަރެންނަކަށް ނޭނގުނެވެ. މިއީ މިސްކިތުގެ ހިތްގައިމު ކަމެވެ. ނުދަންނަ މީހުން އެކަކު އަނެކަކަށް ހެޔޮ ދުއާ ކުރެ އެވެ. އެރޭ އަހަރެން ނިދީ މިސްކިތުގެ ތަޅުންގަނޑު މަތީގަ އެވެ. ދެން ހޭލެވުނީ ފަތިސް ނަމާދަށް ބަންގި ގޮވަނިކޮށެވެ. އަހަރެން މިސްކިތުގައި ފަތިސް ނަމާދު ވެސް ކުރީމެވެ. މުސްލިމެއް ނޫން ކަމުގައި ވިޔަސް، މުސްލިމު ގައުމެއްގައި ހުރުމުން އެގައުމުގެ ރައްޔިތުންގެ ދީނަށް އިހްތިރާމު ކުރުމުގެ ގޮތުންނެވެ.

އިރާނުގައި އަހަރެންގެ މަސައްކަތް ނިންމައި، އެނބުރި ލަންޑަނަށް ދިޔަ ފްލައިޓުގައި ގިނަ އަދަދެއްގެ އިރާނު އަންހެނުން ވެސް ތިއްބެވެ. ލަންޑަނަށް 20 މިނިޓު ތެރޭގައި ޖައްސާނެ ވާހަކަ ޕައިލެޓު އިއުލާން ކުރުމާ އެކު، އިރާނުގެ އަންހެންވެރީން އެމީހުންގެ އިސްތަށި ނިވާކުރަން އަޅާފައި ހުރި ފޮތިގަނޑުތައް ނަގައި، އެމީހުންގެ އިސްތަށިގަނޑު ދޫކޮށްލި އެވެ. އަހަރެން ހުރީ ކޮސްވެފަ އެވެ. އެކަނބަލުންނަށް އެ އައި ބަދަލުންނެވެ. ކޮސްވެފައި ބަލަހައްޓައިގެން ހުރެވުމުގެ ސަބަބުން، އަހަރެންގެ ބޮލުގައި އަހަރެން އަޅައިގެން ހުރި ފޮތިގަނޑު ނަގާކަށް ނުކެރުނެވެ. ނަގަން ބޭނުންވި އެވެ. އެކަމަކު ވެސް އެ ހިތްވަރެއް އަހަރެންގެ ނެތުނީ އެވެ. ލަންޑަނަށް އަހަރެން ފޭބީ ވެސް އެ ހިޖާބާ އެކު އެވެ.

އެ އެޅި ގޮތަށް ދެން ދުވަހަކު ވެސް ނުބޭލުނެވެ. ހަތް ދުވަސް ފަހުން އަހަރެން އިސްލާމް ދީން ގަބޫލުކޮށް، ޝަހާދަތުގެ ދެކަލިމަ ކިއީމެވެ. މުސްލިމު ގައުމުތަކުގައި މަސައްކަތް ކުރަން ޖެހުމުން، އިސްލާމް ދީނުގެ ކަންކަން އަހަރެންނަށް އެނގެ އެވެ. މާ ބޮޑު އެއްޗެއް ދަސްކުރަން ވެސް ނުޖެހުނެވެ.

ޝަހާދަތް ކިޔައި، އިސްލާމް ވުމަށް ފަހު އަހަރެން ކީރިތި ޤުރްއާން ހުޅުވާލީމެވެ. ސޫރަތުލް ފާތިހާއަށް ހުޅުވި އިރު، އެ ސޫރަތް އަހަރެންނަށް ގޮވަމުން ދިޔަ ކަހަލަ އެވެ. ސާރާ އެވެ. ތިބާ ތިޔަ އުޅުނީ ކޮންތާކު ހެއްޔެވެ. އަމާންކަމުގެ ދީނަށް މަރުހަބާ އެވެ.

އެވަގުތު ވީ އުފަލެއް އަހަރެންނަށް ބަޔާން ކޮށްދޭކަށް އަދިވެސް ނޭނގެ އެވެ. އަލްހަމްދުލިﷲ އެވެ. އަހަރެންގެ ދަރީން ސުވާލު ކުރެ އެވެ. މަންމާ އެވެ. މަންމަ މުސްލިމަކަށް ވިޔަސް، ތިޔައީ ހަމަ އަހަރެމެންގެ މަންމަ ދޯ އެވެ. އަހަރެން ބުނީ އިސްލާމް ވުމަށް ފަހު އަހަރެން ކުރިޔަށް ވުރެ މާ ރަނގަޅު މަޔަކަށް ވާނެ ކަމަށެވެ.