އިތުރު ވަގުތުގައި ޖެހި ލަނޑުން ކްރޮއޭޝިއާގެ މައްޗަށް ކުރި ހޯދައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ކެޕްޓަން ކަމުގެ ދަށުން ކުޅެމުންދާ ޕޯޗުގަލުން ކުއާޓާ ފައިނަލުގެ ޖާގައެއް ހޯދައިފި އެވެ.

ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ކުއާޓާ އަށް ޕޯޗުގަލް ދަތުރުކުރީ ދެވަނަ ބުރުގައި މިރޭ ކްރޮއޭޝިއާގެ މައްޗަށް އިތުރު ވަގުތު ކުޅެގެން 1-0 ލަނޑުން ކުރި ހޯދައިގެންނެވެ.

ޔޫރޯގެ ދެވަނަ ބުރުގައި ކްރޮއޭޝިއާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ޕޯޗުގަލް --- ފޮޓޯ: އޭޕީ

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ގިނަ ފުރުސަތުތަކެއް ލިބިފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ޑިފެންޑަރު ޕެޕޭ އާއި ކްރޮއޭޝިއާގެ އިވާން ޕެރިސިޗް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އެ ދެ ކުޅުންތެރިން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.

މެޗުގެ 62 ވަނަ މިނެޓުގައި ކްރޮއޭޝިއާ އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކްރޮއޭޝިއާ އަށް ލިބުނު ހިލޭ ޖެހުމަކުން އިވާން ރަކިޓިޗް ނަގައިދިން ހުރަހަކުން ޑޮމަގޮޖް ވިޑާ ބޮލުން އުފެއްދި ހަމަލާ ޕޯޗުގަލްގެ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

އޭގެ ދެ މިނެޓް ފަހުން ޕޯޗުގަލް އަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިޔާ ތެރެއިން ލިބުނު ފުރުސަތަކުން އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ. ނާނި އަތުން އެ ބޯޅަ ހޯދުމަށް ކްރޮއޭޝިއާގެ އިވާން ސްޓްރިނިޗް ފައުލްކުރި ކަމަށް ބުނެ، ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އެ ޓީމުގެ ބައެއް ކުޅުންތެރިން އެޕީލް ކޮށްފައިވެ އެވެ. މެޗުގެ ދެވަނަ ހާފުގައި ވެސް ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައިވުމުން ނަތީޖާ ނެރުމަށް އިތުރު ވަގުތަށް ދާން ޖެހުނެވެ.

ޔޫރޯގެ ދެވަނަ ބުރުގައި ކްރޮއޭޝިއާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ޕޯޗުގަލް --- ފޮޓޯ: އޭޕީ

އިތުރު ވަގުތުގެ ފުރަތަމަ ހާފުގައި ދެ ޓީމުންކުރެ އެއްވެސް ޓީމަކަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފައެއް ނުވެ އެވެ. އިތުރު ވަގުތުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި މާސެލޯ ބްރޮޒޮވިޗް ނަގައިދިން ކޯނަރަކުން ޕޯޗުގަލްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ވިޑާ އުފެއްދި ހަމަލާ ގޯލާ އަމާޒުވެފައެއް ނުވެ އެވެ.

އިތުރު ވަގުތުގެ ދެވަނަ ހާފުގައި ކްރޮއޭޝިއާގެ ޕެރިސިޗް އަށް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕޯޗުގަލްގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ޕެރިސިޗް ބޮލުން އުފެއްދި ހަމަލާ، އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗުގެ 117 ވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފަ އެވެ. ޕޯޗުގަލް އަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ރިކާޑޯ ކަރޭޝްމާ އެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ކްރޮއޭޝިއާގެ ޕެނަލްޓީ އޭރިޔާ ތެރޭގައި ހުރެފައި ރޮނާލްޑޯ އުފެއްދި ހަމަލާ ކީޕަރު ޑެނިއެލް ސުބަސިޗް މަތަކުރުމާއެކު ލިބުނު ރީބައުންސް ބޯޅައިންނެވެ.

ޔޫރޯގެ ދެވަނަ ބުރުގައި ކްރޮއޭޝިއާ އާއި ޕޯޗުގަލް ބައްދަލުކުރި މެޗުގެ ތެރެއިން: އެ މެޗު 1-0 ލަނޑުން ކާމިޔާބުކުރީ ޕޯޗުގަލް --- ފޮޓޯ: އޭޕީ

އިތުރު ވަގުތު ދެވަަނަ ހާފު ނިމެން ދަނިކޮށް ނަތީޖާ ހަމަހަމަކޮށްލުމަށް ކްރޮއޭޝިއާ އަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔަ އެވެ. ޕޯޗުގަލްގެ ޕެނަލްޓީ އޭރިޔާ ތެރެއިން ވިޑާ އުފެއްދި ހަމަލާ ވެސް ގޯލާ އަމާޒުވާ ގޮތެއް ނުވެ އެވެ.

ކުއާޓާގައި މި މަހުގެ 30 ވަނަ ދުވަހު ޕޯޗުގަލް ނުކުންނަން ޖެހޭނީ ދެވަނަ ބުރުގެ ފުރަތަމަ މެޗުގައި ސްވިޒަލެންޑް އަތުން މޮޅުވި ޕޮލެންޑާ ދެކޮޅަށެވެ.