26 Jun 2016, 00:20
ނ. ވެލިދޫގެ މަޝްހޫރު ކޮންސްޓްރަކްޝަން ކުންފުންޏެއް ކަމަށްވާ ހުސް އަލި ކޮންސްޓްރަކްޝަނާ ވެލިދޫ ޔޫތް ޑިވެލޮޕްމަންޓް ސޮސައިޓީ އަދި އެ ރަށުގެ ފުލުހުން ގުޅިގެން ބޭއްވި ފަސް ވަނަ ހުސް އަލި ތުއްތު ކުދިންގެ ޤުރުއާން މުބާރާތް ނިންމާލައިފި އެވެ.
ކޮންމެ ރަމަޟާން މަހަކާ ދިމާކޮށް މުޅި ރަށަށް ހުޅުވާލައިގެން ބާއްވަމުން އަންނަ އެ މުބާރާތުގައި މިއަހަރު ބަލައިގެންނާއި ނުބަލާ ކިއުމުގެ ބައިން ހަ އުމުރުފުރާއަކުން 53 ކުދިން ބައިވެރިވެފައިވެ އެވެ.
އިއްޔެއާ މިއަދުގެ ނިޔަލަށް ނ. އަތޮޅު ތައުލީ މަރުކަޒުގައި ކުރިއަށްދިޔަ އެ މުބާރާތުގައި ފަނޑިޔާރުކަން ކުރައްވާފައިވަނީ މާލެއިން ފަނޑިޔާރުން ގެނެސްގެން ކަމަށް ވެލިދޫ ޑިވެލޮޕްމަންޓް ސޮސައިޓީ އިން ބުނެ އެވެ.
ފަސް ވަނަ ހުސް އަލި ތުއްތު ކުދިންގެ ޤުރުއާން މުބާރާތުގައި ފަނޑިޔާރުކަން ކޮށްދެއްވި ތިން ފަނޑިޔާރުން ---
އެ ސޮސައިޓީގެ ވައިސް ޗެއާޕާސަން މުހައްމަދު ފާއިޒު މިރޭ ވިދާޅުވީ، މުބާރާތުގައި ނަތީޖާ ފާޅުކުރުން އޮންނާނީ ރަމަޟާން މަހުގެ 27 ވަނަ ދުވަހުގެ ރޭ ކަމަށެވެ.
މުޅި މުބާރާތުން އެއް ވަނައަށްދާ ދަރިވަރަށް މުބާރާތުގެ މެއިން ސްޕޮންސާ، ހުސް އަލި ކޮންސްޓްރަކްޝަން ކުންފުނިން އިނާމާއި ތަށި ދޭން ނިންމާފައިވާއިރު، މުބާރާތުގެ ވަނަތަކަށް ހޮވޭ ދަރިވަރުންނަށް ރަށުގެ ވިޔަފާރިވެރިން އަގު ބޮޑެތި އިނާމުތަކަށް ހުށަހަޅާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.