25 Jun 2016, 22:48
ރާއްޖޭގެ މަޝްހޫރު އޮންލައިން ނޫސް، ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) ހުއްޓާލީ ސަރުކާރުގެ ނުފޫޒެއް އޮވެގެން ނޫން ކަމަށް، އެ ނޫސް ހިންގާ ކުންފުނީގެ މެޖޯރިޓީ ހިއްސާދާރު ބުނީ މަޖްބޫރު ކުރުވައިގެން ކަމަށް އެ ނޫހުގެ އެއް ހިއްސާދަރު އިސްމާއިލް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސީއެންއެމަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަދި މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން (މަސީ) ގެ ރައީސް މުހައްމަދު އަލީ ޖަނާހުގެ 51 ޕަސެންޓް މެޖޯރިޓީ ހިއްސާއާ އަދި އިސްމާއިލް ރަޝީދުގެ 49 ޕަސެންޓް ހިއްސާއާއެކު، މޭ 3، 2011 ވަނަ އަހަރު ފެށި އޮންލައިން ނޫހެކެވެ. އެ ނޫސް ނެރުން ރޭ ވަނީ ހުއްޓާލާފައެވެ.
ނޫސް ނެރުން ހުއްޓާލުމާ ގުޅިގެން ޖަނާ މިއަދު ވިދާޅުވީ، ނޫސް ހުއްޓާލަން ޖެހުނީ އެއްވެސް ނުފޫޒެއް އޮވެގެން ނޫން ކަމަށާއި އެ މަސައްކަތް ކުރަން ބޭނުން ނުވާތީ ކަމަށެވެ. އަދި އެކަން ނިންމީ ބޯޑުގެ އިއްތިފާގުން ކަމަށް ވެސް ވިދާޅުވި އެވެ.
ނަމަވެސް އިސްމާއިލް ރަޝީދު މިއަދު ނެރުއްވި ބަޔާނެއްގައި ބުނީ އެގޮތަށް އެވާހަކަތައް ޖަނާ ވިދާޅުވީ ޕްރެޝަރުތައް ކުރާ ފަރާތްތަކުން އޭނާއަށް މަޖްބޫރު ކުރުވައި ފިއްތުންތައް ކުރިމަތި ކުރުވުމުން ކަމަށް ދެކޭ ކަމަށް ބުނެފަ އެވެ.
އޭނާ ވިދާޅުވީ، ސަރުކާރަށް ސަނާ ކިޔާ ނޫހަކަށް ސީއެންއެމް ބަދަލުކުރުމަށް ސަރުކާރުގެ ނުފޫޒުގަދަ ފަރާތްތަކުން މަސައްކަތްކޮށް އެކަން ނާކާމިޔާބު ވުމުން ސީއެންއެމް ވުޖޫދުން ނެތިކޮށްލަން މަސައްކަތް ކުރި ކަމަށެވެ.
އެގޮތުން ކުރިމަތިކުރި ޕްރެޝަރުގެ ސަބަބުން ސީއެމްއެމްގެ ޗެއާމަންކަމުގެ މަގާމުން ޖަނާ އިސްތިއުފާދީ ނޫހުގައި އޮތް އޭނާގެ ހިއްސާ ވިއްކާލަން ވެސް ނިންމި ކަމަށް އިސްމާއިލް ރަޝީދު ވިދާޅުވި އެވެ.
"ސަރުކާރުގެ ތެރެއިން އަޅުގަނޑަށާއި ސީއެންއެމްގެ ޓީމަށް ކުރިމަތި ކުރަމުންދިޔަ ފިއްތުންތަކަށް ބޯނުލެބުމުގެ ނަތީޖާއަކަށް ވެގެންދިޔައީ ސީއެންއެމްގެ މެޖޯރިޓީ ހިއްސާދާރަށް އިތުރަށް ކުރިއަށް ނުގެންދެވޭ ވަރަށް މަޖުބޫރު ކުރުމެވެ. ނަތީޖާއެއްގެ ގޮތުން ކުންފުނި އުވާލުމަށް ރޭގެ ވަގުތެއްގައި ވަނީ ނިންމައިފަ އެވެ." އިސްމާއިލްގެ ބަޔާނުގައި ވިދާޅުވި އެވެ.
ސީއެންއެމް އުވާލުމަށް ނިންމީ މެޖޯރިޓީ ހިއްސާދާރު ޖަނާގެ އިސް ނެގުމަށް ކުންފުނީގެ ބޯޑަށް އެ މައްސަލަ ހުށަހަޅާ މެޖޯރިޓީ ލިބިގެންނެވެ. ސީއެމްއެމް ހުއްޓާލަން އިސްމާއިލް ރަޝީދު ވެސް އެއްބަސްވި އެވެ.
އޭނާ ވިދާޅުވީ، ނޫސް ހުއްޓާލުމަށް އެއްބަސްވީ އެ ނޫހަށް ހަރަދު ކުރި ޖަނާހުގެ ވިޔަފާރި އަށް ފިއްތުންތައް ކުރިމަތިވެ، ދެރަ ގޮތެއް ވިޔަ ނުދިނުމަށާއި ސީއެންއެމްގައި މިހާތަނަށް ލިޔެފައިވާ ލިޔުންތަކާއި ފޮޓޯތައް ނެތިކޮށްލުމުގެ ބަދަލުގައި އެތަކެތި އާކައިވް ކުރުމަށް ކަމަށެވެ.
ސީއެންއެމް ނޫހަކީ ވެބްސައިޓްތައް ރޭންކުރާ އެލެކްސާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ދެ ވަނައަށް އެންމެ މަގުބޫލް ވެބްސައިޓެވެ.