25 Jun 2016, 23:16
އިޓަލީގެ އެންޓޯނިއޯ ކަންޑްރޭވާ އަށް ލިބުނު އަނިޔާއަކާ ގުޅިގެން ސްޕެއިންއާ ދެކޮޅަށް ކުޅޭ ޔޫރޯގެ ދެވަނަ ބުރުގެ މެޗުގައި އޭނާ އަށް ނުކުޅެވޭނެ ކަން ކަށަވަރުވެއްޖެ އެވެ.
އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެފައިވާ ގޮތުގައި، ގްރޫޕް ސްޓޭޖުގައި ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށް ކުޅެ 1-0 ލަނޑުން އިޓަލީ ބަލިވި މެޗުގައި ކަންޑްރޭވާގެ ފައިގެ މަސްގަނޑަކަށް ލިބުނު އަނިޔާއަކާ ގުޅިގެން އޭނާ އަށް ދެވަނަ ބުރުގައި ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެ އެވެ.
ޔޫރޯގައި އިޓަލީން ކަންޑްރޭވާ ބޭނުންކޮށްފައި ވަނީ ވިންގާ އެއްގެ ގޮތުގައެވެ. ކަންޑްރޭވާ އަށް ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގައި ކުޅެވޭ ގޮތް ނުވުމުން އިޓަލީން އާންމުކޮށް މުބާރާތުގައި ބޭނުންކުރާ 2-5-3ގެ ފޯމޭޝަނަށް ބަދަލުތަކެއް ގެންނަން ވެސް ކޯޗު އެންޓޯނިއޯ ކެންޓޭ އަށް ޖެހިދާނެ އެވެ.
އަޔަލެންޑާ ދެކޮޅަށް ކުޅުނު މެޗުގައި އިޓަލީގެ ކެޕްޓަން ޖިއަންލުއިޖީ ބުފަން ނުފެނުނު ކަމުގައި ވިޔަސް، ސްޕެއިންއާ ދެކޮޅަށް ކުޅޭ މެޗުގައި އޭނާ ފެނުން ގާތް ކަމަށް އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ބުނެ އެވެ.
އެންމެ ފަހުން ކުޅުނު ޔޫރޯގެ ފައިނަލުގައި ވެސް ވާދަކޮށްފައި ވަނީ އިޓަލީ އާއި ސްޕެއިން އެވެ. އެ މެޗު 4-0 ލަނޑުން ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދީ ސްޕެއިން އެވެ. މި ފަހަރުގެ ޔޫރޯގެ ދެވަނަ ބުރުގައި ސްޕެއިން އާއި އިޓަލީ ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00ގައެވެ.