"ވައުދުތައް މެކުހަށް" މި ނަމުގައި މާދަމާ ރޭ އާޓްފިޝަލް ބީޗުގައި އެމްޑީޕީން ބާއްވާ ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ސިޔާސީ އިސް ބޭފުޅުންތަކެއް އެމްޑީޕީއަށް ސޮއި ކުރައްވާނެ ކަމަށް އެ ޕާޓީގެ ރައީސް ޑރ. އިބްރާހިމް ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުހްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމުގެ ދައުރު ދެ ބައިވުމާ ގުޅިގެން، ވެރިކަން ކުރާ އެމްޑިޕީގެ މެނިފެސްޓޯގައިވާ "ވައުދުތައް މެކުހަށް" ޖެހުމަށް ލިބުނު ބާރުތަކާއި، ކުރަންހުރި މަސައްކަތްތަކާ ބެހޭ ގޮތުން އެމްޑީޕީން މާދަމާ ރޭ އާޓްފިޝަލް ބީޗުގައި ބާއްވާ ޖަލްސާއާ ބެހޭ ގޮތުން ޑރ. ޑީޑީ މިއަދު ވިދާޅުވީ މާދަމާރޭގެ ޖަލްސާގައި މަޖިލީހުގެ މެންބަރުންތަކެއް އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށެވެ. އަދި ސިޔާސީ އިސް ބޭފުޅުންނާއި އެހެނިހެން ބައެއް ފަރާތްތައްވެސް އެމްޑީޕީއަށް ސޮއިކޮށް ޕާޓީގެ މެނިފެސްޓޯ ތަންފީޒު ކުރުމަށް ބާރު އަޅައި ޖަލްސާގައި ވާހަކަފުޅު ދައްކަވާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވި އެވެ.

"އަޅުގަނޑަށް ޔަގީންކޮށް ދަންނަވަން ދަތި ކިހާ ބެފުޅުންނެއްކަން ސޮއިކުރައްވަނީ. މިހާރުވެސް އަލަށް ގުޅިވަޑައިގަންވަން ބޭނުންފުޅުވާ އެފަދަ ފަރާތްތަކަށް އެ ފުރުސަތު އެ ވަގުތާ ހަމައަށް ހުޅުވާލެވިފައިވަނީ،" ޑރ. ޑީޑީ ވިދާޅުވި އެވެ.

އެމްޑީޕީގެ ބޮޑު ޖަލްސާގައި އެ ޕާޓީއާ ގުޅިވަޑައިގަންނަވާ މަޖިލީހުގެ މެންބަރުންގެ ނަންތަކެއް ވެސް އަދި ސިޔާސީ އިސް ފަރާތްތަކުގެ ނަންތަކެއް ވެސް ޑރ. ޑީޑީ ވިދާޅެއް ނުވެ އެވެ.

މަޖިލިސް މެންބަރުނާއި ސިޔާސީ ފަރާތްތަކުން މާދަމާ ރޭގެ ޖަލްސާގައި އެމްޑީޕީއާ ގުޅިވަޑައިގަންނަވާނެ ކަމަށް ޑރ. ޑީޑީ ވިދާޅުވެފައި ވާއިރު، ޑީއާރްޕީއަށް ނިސްބަތްވާ މަޖިލީހުގެ މެންބަރުންތަކެއް އެ ޕާޓީއާ ގުޅިވަޑައިގަންނަވާ ކަމުގެ އަޑުތައް ދަނީ ފެތުރެމުންނެވެ. އަދި އެ އަޑުތައް ފެތުރިފައިވާ ދަނޑިވަޅެއްގައި އެންމެ ބޮޑު އިދިކޮޅު ޕާޓީގެ ޑެޕިއުޓީ ލީޑަރު އަލީ ވަހީދު ވަނީ މިއަދު އެ ޕާޓީން ވަކިވެވަޑައިގެންފަ އެވެ. އަދި އަލީ ވަހީދު އެމްޑީޕީއާ ގުޅިވަޑައިގެންނެވި ކަމަށް ދެކެވޭ ވާހަކަތައް އޭނާ މިއަދު ވަނީ ދޮގުކުރައްވާފަ އެވެ. ނަމަވެސް ކުރިއަށް އޮތް ތާނގައި އެމްޑީއަށް ސޮއިކުރައްވާފާނެ ކަމެއް ދެކެވޭ ވާހަކަތަކަށް އަލީ ވަހީދު ވަކި އެއްޗެއް ވިދާޅެއް ނުވެ އެވެ.

އަލީ ވަހީދު ޑީއާރްޕީން ވަކިވެވަޑައިގެންފައި ވާއިރު، އެނާގެ އަރިހުގައި އުޅުއްވި ހަސަން ސުޖާއު ވަނީ އެމްޑީޕީއާ ގުޅިވަޑައިގެންފަ އެވެ. އަދި ރައީސް ނަޝީދު ވަނީ ސުޖާއުއަށް ސްޓޭޓް މިނިސްޓަރުކަން ދެއްވާފަ އެވެ.
\"