25 Jun 2016, 22:43
ސްވިޒަލެންޑްގެ ވިންގާ ޒާޑަން ޝަކީރީއަކީ ރީތި ގޯލުތައް ޖެހުމުގައި މަޝްހޫރުކަން ހޯދަމުން އަންނަ ކުޅުންތެރިއެކެވެ. ފްރާންސްގައި ކުރިއަށްދާ ޔޫރޯގެ ދެވަނަ ބުރުގައި ޕޮލެންޑާ ދެކޮޅަށް ސްވިޒަލެންޑް ކުޅުނު މެޗުގައި ވެސް ރީތި ގޯލަކާއެކު ޝަކީރީ ވަނީ ޖާދޫ ދައްކާލައިފަ އެވެ.
ޕޮލެންޑާ ދެކޮޅަށް ސްވިޒަލެންޑް މިރޭ ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވާން އަށް މިނެޓަށް ވެފައި ވަނިކޮށް، ޝަކީރީ ވަނީ "ވޮލީ ކިކް" އަކުން ލަނޑެއް ޖަހައި ސްވިޒަލެންޑް ބަލިވާން ދަނިކޮށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ. އެ ލަނޑު ވަދެފައިވަނީ ޕޮލެންޑް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.
އެ މެޗުގައި ސްވިޒަލެންޑްގެ ޝަކީރީގެ ފަރާތުން ހަމައެކަނި ރީތި ލަނޑެއް ފެނުނީކީ ނޫނެވެ. ޝަކީރީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ އިރު، އާންމުކޮށް އޭނާގެ ފަރާތުން ފެންނަ އިދިކޮޅު ކުޅުންތެރިންގެ ކައިރިން ނެއްޓުމުގެ އުކުޅު ވެސް މެޗުގައި ފެނިގެންދިޔަ އެވެ. އެ މެޗުގައި ޕެނަލްޓީ ޖަހައިގެން ޕޮލެންޑް އަތުން ބަލިވެ، ސްވިޒަލެންޑް ވަނީ މުބާރާތާ އަލްވަދާއު ކިޔަން ޖެހިފަ އެވެ. ނަމަވެސް ޝަކީރީގެ ލަނޑާއެކު ސްވިޒަލެންޑްގެ ނަން މުބާރާތް ނިމެންދެން ފާހަގަކުރަމުންދާނެ އެވެ.

ޕޮލެންޑް ކޮޅަށް ޖެހި ރީތި ގޯލާއެކު ސްވިޒަލެންޑްގެ ޝަކީރީ އުފާފާޅުކުރަނީ --- ފޮޓޯ: އޭޕީ
ޔޫރޯގައި ކޯނަރުތަކާއި ހިލޭ ޖެހުންތަކުން އެންމެ ނުރައްކާތެރި ހުރަސްތައް ނަގައިދެމުންދާ ކުޅުންތެރިއެއްގެ ގޮތުގައި ވެސް ޝަކީރީ ފާހަގަކޮށްލެވެ އެވެ. މިރޭގެ މެޗަށް އެކަނި ބަލައިލި ކަމަށް ވިޔަސް، ޝަކީރީ ވަނީ ކޯނަރުތަކުން ނުރައްކާތެރި ހަމަލާތަކެއް އުފައްދައިފަ އެވެ. އޭނާގެ ލަނޑު ފެނުމުގެ ކުރިން ނުރައްކާތެރި ހަމަލާއެއް ވެސް އުފައްދާފައިވެ އެވެ. ދެވަނަ ހާފުގައި ޕެނަލްޓީ އޭރިޔާ ބޭރުން އޭނާ އުފެއްދި ބާރު ހަމަލާ، ޕޮލެންޑްގެ ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފަ އެވެ.
އިނގިރޭސި ޕްރިމިއާ ލީގުގެ ކްލަބު ސްޓޯކް ސިޓީއާ ޝަކީރީ ގުޅިފައިވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި 12 މިލިއަން ޕައުންޑްގެ އަގަކަށެވެ. އޭނާ އެ ކްލަބުގައި ޖެހި އެންމެ ފާހަގަކޮށްލެވުނު ލަނޑަކީ މިިދިޔަ އަހަރުގެ ފަހުކޮޅު އެވަޓަންއާ ދެކޮޅަށް ކުޅުނު މެޗުގައި ޖެހި ލަނޑެވެ. އެވަޓަންގެ ގޯލްކީޕަރު ޓީމް ހޮވާޑްގެ ބޯމަތިން ގޯލުގެ ތެރެއަށް އޮއްސާލި އެ ލަނޑު ހިމެނިފައިވަނީ ޕްރިމިއާ ލީގުގެ އެންމެ ރީތި ލަނޑުތަކުގެ ތެރޭގައެވެ. މި އަހަރުގެ މާޗް މަހު ނިއުކާސަލް ޔުނައިޓެޑާ ދެކޮޅަށް ކުޅުނު މެޗުގައި 20 ޔާޑު ދުރުން ޝަކީރީ ޖެހި ލަނޑު ވެސް ފާހަގަކޮށްލެވެ އެވެ.
ސްޓޯކް ސިޓީގެ އިތުރުން ވެސް އިޓަލީގެ އިންޓަ މިލާނާއި ޖަރުމަނުގެ ބަޔާން މިއުނިކަށް ކުޅުނު ދުވަސްވަރު ވެސް ޝަކީރީގެ ފަރާތުން ރީތި ގޯލުތަކާއި މޮޅެތި އުކުޅުތަކެއް ފެނިގެންދިޔަ އެވެ.
ޝަކީރީގެ ޖާދުވީ އުކުޅުތަކުގެ ސަބަބުން އޭނާ އަށް ވަނަންތަކެއް ވެސް ދެވިފައިވެ އެވެ. އޭނާ އަށް ދެވިފައިވާ ވަނަންތަކުގެ ތެރޭގައި "އަލްޕައިން މެސީ" އާއި "ދަ މެޖިކް ޑުވާފް" ފާހަގަކޮށްލެވެ އެވެ. ކުޅުމުގައި މެސީ ގެންގުޅޭ އުކުޅުތަކާ އެއްގޮތް އުކުޅުތަކެއް ޝަކީރީ ގެންގުޅެމުންދާތީ ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި އޭނާ އަކީ ސްވިޒަލެންޑްގެ މެސީ އެވެ.
ޖަރުމަނުގެ ބަޔާން މިއުނިކާއި، އިންޓަ މިލާނަށް ކުޅުނު ޝަކީރީ ވަނީ ބްރެޒިލްގައި ބޭއްވީ ވޯލްޑް ކަޕް 2014ގައި ވެސް ސްވިޒަލެންޑަށް މޮޅު ކުޅުމެއް ދައްކައި، ގްރޫޕް ސްޓޭޖުގައި ހޮންޑިއުރަސްއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކެއް ހަދައިފަ އެވެ.