25 Jun 2016, 21:15
ޕެރިހުން އަހުމަދު މުޖްތަބާ
އަތުން އެންމެ ރުފިޔާއެއް ހަރަދުކޮށްގެން މިތިބަ ނަސީބުވެރިން ޔޫރޯ ބަލަން މިތިބީ ޕެރިހުގަ އެވެ. ޕެރިހުގެ ޕާކް ޑެސް ޕްރިންސަސް ސްޓޭޑިއަމްގަ އެވެ. ކޮކާކޯލާ ފުޅީގެ މަތިގަނޑު ދަށުގައިވާ ކޯޑެއް އެސްއެމްއެސް ކުރުމުން ލިބުނު ބޮޑު ހަދިޔާއަކީ މިއީ އެވެ. އެއް ރުފިޔާގެ އެސްއެމްއެސްއަކުން ލިބުނު ހަދިޔާއަކީ މިއީ އެވެ.
ޔޫރޯ ބަލަން ފުރުސަތު ލިބުނު 12 ދިވެހިންނާއި ކޮކާ ކޯލާގެ ދެ އޮފިޝަލަކާއެކު ރާއްޖޭގެ ތިން މީޑިއާއެއްގެ ތިން ނޫސްވެރިން ހިމެނޭ ޓީމުން ބަލަމުން މި ދަނީ ވޭލްސް އާއި ނޮދަން އަޔަލެންޑް މެޗެވެ. މިއީ ފޯރިގަދަ މެޗެކެވެ. މި ދެ ޓީމަކީ މުޅިން އަލަށް މި މުބާރާތަށް ނުކުތް ދެ ޓީމެވެ.

ދިވެހި ގިނަ ބަޔަކު ސަޕޯޓު ކުރަމުންދާ ރިޔާލް މެޑްރިޑްގެ ތަރި ގެރެތު ބޭލް، ވޭލްސްއަށް ކުޅެމުންދާ މޮޅު ކުޅުން ހަމަލޮލަށް މިރޭ އެ ދަނީ ފެންނަމުންނެވެ. އާސެނަލްގެ މެޑްފިލްޑަރު އާރޮން ރަމްސީ ގެ ކުޅުން ވެސް މި ފެނުނީ އެވެ.
ފުޓްބޯޅައަށް ލޯބި ކުރާ ބަޔަކަށް މިވަރުގެ ބޮޑު އުފަލައެއް ލިބޭނެތޯ އެވެ. ދުނިޔޭގެ އެންމެ މަގުބޫލް މަންޒިލެއް ކަމަށްވާ ޕެރިހުގެ އައިފުލް ޓަވަރު ބަލާލަން ފުރުސަތު ލިބުނީ އެވެ. އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރާ މަންޒިލް ޕެރިހުގައި ހަފްތާއެއް ހޭދަކޮށްލުމަކީ ކޮންފަދަ ބޮޑު އުފަލައެއްތޯ އެވެ.

ދިވެހިންގެ ހާއްސަ މުނާސަބަތުތަކާއި ޒުވާނުންގެ އުފާވެރިކަމާ ގުޅޭ އީދުތަކުގައި އަބަދުވެސް ކޮކާ ކޯލާއިން ދަނީ ބައިވެރިވަމުންނެވެ. ޔޫރޯގެ އުފާވެރިކަންް ޒުވާނުންނަށް ކޮކާކޯލާއިން ގެނެސް ދެނީ މިފަދަ ގޮތަކަށެވެ. އިޖުތިމާއީ ހަރަކާތްތަކުގައި ވެސް ކޮކާ ކޯލާއިން ދަނީ މި ނަމޫނާ ދައްކަމުންނެވެ.