26 Jun 2016, 10:03
އެއީ މާލެއަށް ނިސްބަތްވާ ޒުވާނެކެވެ. ކުށުގެ މާހިރެކެވެ. އެތައް ޖަރީމާއެއް އޭނާ މައްޗަށް ތުހުމަތު ކުރެވޭއިރު އޭގެ ތެރެއިން އެތައް ކަމެއް ވަނީ ސާބިތު ވެސްވެފަ އެވެ. އެކަމަކު އެއީ ނަމެއްގަ އެވެ. އޭނާ އުޅެމުން ދަނީ އާރާއި ބާރުގައި އަދިވެސް މިމުޖުތަމައުގަ އެވެ. ޖަރީމާތަކުގެ ބައްޕައެއްގެ ގޮތުގައެވެ.
މިވަނީ ކިހިނެއްހެއްޔެވެ؟ ބޮޑެތި ކުށްތަކަށް ގާނޫނުން ބޮޑެތި އަދަބުތައް އެވަނީ ކަނޑައަޅައިފަ އެވެ. ބައެއް ފަހަރު ހުކުމްތައް ވެސް އެވަނީ ކޮށްފަ އެވެ. ނަމަވެސް އޭގެ ދެތިން މަސް ފަހުން އަނެއްކާ ވެސް އެމީހުން އެފެންނަނީ ދޫވެފައި ތިބޭ ތަނެވެ. އަނެއްކާ ވެސް ކުށް ކުރުމުގައި އިސްކޮށް ހަރަކާތްތެރިވާތަނެވެ. ދިރާސާ އިން ދައްކަނީ މުޖުރިމުންގެ ހިމާޔަތުގައި ބާރުގަދަ ފަރާތްތަކުން ތިބި ކަމަށެވެ.
ބައެއް ސިޔާސީ ވެރިން ތިބީ ގޭންގުތަކާ އެކު
މާލޭގައި 38 ގޭންގެއް ހަރަކާތްތެރިވާއިރު އޭގެ ތެރެއިން ގިނަ ގޭންގުތަކާއި ސިޔާސީ ވެރިންނާއި ބޮޑެތި ގުޅުންތަކެއް އޮވެ އެވެ. ސިޔާސީ ފަރާތްތަކުގެ "ބޮޑީ ގާޑުން"ގެ ގޮތުގައި ނުވަތަ "ބަޑީސް"ގެ ގޮތުގައި އެމީހުން ހަރަކާތްތެރިވާ ކަމަކީ އެންމެންނަށް އެނގޭ ކަންކަމެވެ. އެހެންކަމުން ކުށްކުރުމުން އެމީހުންގެ ހިމާޔަތުގައި މި ނުކުންނަނީ މިގައުމުގެ ހުރިހާ ބާރެއް ކޮންޓުރޯލްކުރާ އެއްކަލަ ސިޔާސީ ލީޑަރުންނެވެ.

ސިޔާސީ ބޭފުޅުންތަކެއް ޖަލްސާއެއްގައި-- ސިޔާސީ ޕާޓީތަކުން ގޭންގުތައް ކޮންޓުރޯލްކުރާކަމަށް ތުހުމަތުކުރެވޭ--
ސަލާމަތީ ބާރެއްގެ އިސް މަގާމެއްގައި ހުންނެވި އޮފިޝަލަކު ވިދާޅުވި ގޮތުގައި ބޮޑެތި ކުށްތައް ކުރާ މުޖުރިމުން ސަލާމަތް ވަނީ ސިޔާސީ ފަރާތްތަކުގެ އެހީގަ އެވެ. އެކިއެކި ނުފޫޒުތައް މެދުވެރިކޮށް ގޭންގުތަކަށް ނިސްބަތްވާ މުޖުރިމުން ދޫކުރަނީ ސިޔާސީ ފަރާތްތަކުން ކަމަށް އޭނާ ވިދާޅުވި އެވެ.
ފަހުގެ ތާރީހެއްގައި ހިންގި މަރުގެ މައްސަލަތަކުގެ ތެރެއިން އެތައް މައްސަލައެއްގެ ޝަރީއަތް ނުނިމިވާ އިރު މުޖުރިމުން ކަމަށް ތުހުމަތު ކުރެވޭ ބައެއް މީހުން މިމުޖުތަމައުގެ ތެރޭގައި އެބައުޅެ އެވެ. ބޮޑެތި ޖަރީމާތަކުގެ ހަގީގަތެއް ނޭނގެ އެވެ. އެތައް ބަޔަކަށް ރަހުމު ކުޑަ އަނިޔާތައް ދީފައިވާ އަދި ދެމުންދާ އެތައް ބަޔަކު އެބައުޅެ އެވެ. ބިރެއް ނެތި މަސްތުވާތަކެތި ވިއްކައި އެދަނީ މުއްސަދިވަމުންނެވެ. ޖީލަކަށް ފަހު ޖީލެއް އެދަނީ ނައްތާލަމުންނެވެ.
"މިވާގޮތަކީ ގޭންގު ވީމަ ނުހިނގާ މައްސަލައެއް، އެކަމަކު އެކަނި އުޅޭ ފަރުދުގެ މައްސަލަ ހިނގާ، މުއްރަތުގެ (ގާނޫނީ ވަކީލު އަހްމަދު ނަޖީބު މަރާލި) މައްސަލަ އެބަހިނގާ ދެއްތޯ، އޭނާ އަކީ ގޭންގަކަށް ނިސްބަތްވާ މީހެއް ނޫން، އެކަމަކު ގޭންގު މީހުންގެ މައްސަލަތަކެއް ނުހިނގާ. ގާނޫނު ރަނގަޅު، އަދަބުވެސް ރަނގަޅު، ސިޔާސީ ނުފޫޒުގެ ސަބަބުން ތަންފީޒު ނުވަނީ،" ސަލާމަތީ ބާރެއްގެ އިސް މަގާމުގައި ހުންނެވި ބޭފުޅާ ވިދާޅުވި އެވެ.
ދިރާސާއިން ވެސް ދައްކަނީ ސިޔާސީ މީހުންގެ ނުފޫޒު އޮތްކަން
މޯލްޑިވްސް އިންސްޓްޓިއުޓް ފޯ ސައިކޮލޮޖިކަލް ސާވިސަސް، ޓްރެއިނިން އެންޑް ރިސާޗް އާއި އޭޝިއާ ފައުންޑޭޝަން ގުޅިގެން ކުރި ދިރާސާއަކަށް ފަހު 2012 ވަނަ އަހަރު އާއްމުކުރި ރިޕޯޓުން ހާމަވާ ގޮތުގައި މާލޭގެ ގޭންގްތަކުން މިލިއަނުން ލާރި ދެނީ ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންނެވެ.

މާރާމާރީގައި ޒަހަމްވި މީހާގެ ގައިން އޮހޮރުނުލޭ ބިންމަތީގައި-- ސަން ފޮޓޯ/ ކިޔުންތެރިއެއް
ސީދާ ގޭންގުތަކުގެ މެމްބަރުން މައުލޫމާތުދީފައިވާ އެ ރިޕޯޓުގައި ބުނެފައި ވަނީީ މީހުން މެރުމަށް ސީދާ ގޭންގްތަކާ ހަވާލުކޮށް ބޮލަށް ފައިސާ ދޭ ކަމަށެވެ. ދިރާސާ ކުރި ފަރާތްތަކަށް ގޭންގު މެމްބަރުން ކިޔައިދީފައިވާ ގޮތުގައި މީހެއްގެ ޕްރޮފައިލް ހިމެނޭ ފައިލަކާއި ފައިސާ ދިނުމުން އެ މީހަކު މަރާލުމުގެ ހާދިސާތައް ހިންގާފައިވެ އެވެ. ހަމައެހެންމެ ހަމަނުޖެހުންތައްހިމެނެ އެވެ.
ގޭންގް މެމްބަރުންނާއި ލީޑަރުންގެ ސީދާ ބަހުން އެނގެނީ ރާއްޖޭގެ މައިގަނޑު ބޮޑެތި ހުރިހާ ސިޔާސީ ޕާޓީތަކަކުން ވެސް ގޭންގްތަކުގެ ބޭނުން ހިފާ ކަމަށެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ސިޔާސީ ޕާޓީއަކުން އެކަން ދޮގުކުރެ އެވެ. ޕާޓީތަކުން ގަބޫލު ކުރަނީ ކުށްކުރާ ގޭންގު މެމްބަރުން ބުނާ ބަހަކަށް އިތުބާރެއް ނުކުރެވޭނެ ކަމަށެވެ. އެފަދަ ބަޔަކު ދޭ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް ރިޕޯޓެއްގައި ސިޔާސީ ޕާޓީތަކުގެ ނަން ހިމަނައިގެން ނުވާނެ ކަމަށް އެ ޕާޓީތަކުން ބުނެ އެވެ.
ތަހުގީގު އިދާރާއާއި ޝަރުއީ ދާއިރާއިން ވެސް އެތައް ތުހުމަތެއް!
މަސްތުވާތަކެތީގެ ބޮޑެތި މައްސަލަތަކުގެ މައުލޫމާތު ކުރިއާލާ ލިބުމާ އެކު ފުލުހުން ދަނީ ދުރާލާ މަސައްކަތް ކުރަމުންނެވެ. އެތައްގޮތަކުން ފާރަލަމުން ގޮސް އެތަކެތި ލޮކޭޓް ކުރެވެނީ ފުލުހުންގެ ބުރަ އެތައް މަސަކަތަކުންނެވެ. ނަމަވެސް ފަހު ވަގުތު އެމައުލޫމާތު ގޭންގުތަކަށް ލިބި ތަކެތި ފޮރުވުމުގެ ފުރުސަތު މިހާރު ދަނީ ލިބެމުންނެވެ.
ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރި 29 ކިލޯގެ މަސްތުވާތަކެތި ނޫސްވެރިންނަށް ދައްކާލުން: -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މަސްތުވާތަކެތީގެ މައްސަލަތައް ތަހުގީގު ކުރާ ފުލުހުންގެ އިންވެސްޓިގޭޝަން އޮފިސަރަކު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި ހުރިތަން ހޯދައި އެތަކެތި ނެގުމަށް ފުލުހުން ކޯޓު އަމުރު ހޯދާއިރު ގޭންތަކަށް އެ މައުލޫމާތު ލިބެމުންދެ އެވެ.
ޖިނާއީ މައްސަލަތައް ބަލާ ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަހުމަދު މުހައްމަދު މަނިކު ވިދާޅުވީ ކޯޓުން އަމުރުތައް ދޫކުރާއިރު އެ މައުލޫމާތު ލިބޭނީ އިދާރީ މުވައްޒަފަކާއި ފަނޑިޔާރު މީހާއަށް އެކަނި ކަމަށާއި އެއީ ވަރަށް ސިއްރުން ކުރެވޭ ކަމެއް ކަމަށެވެ. އެ މައުލޫމާތު ކޯޓަކުން ލީކެއް ނުވާނެ ކަމަށް މަނިކު ވިދާޅުވި އެވެ.
ސަލާމަތީ ބާރުތަކުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ މުޖުރިމުންނަށް ހުކުމް ނުކުރެވި ގިނަ ދުވަސްވުމެވެ. ހަމައެއާ އެކު ތަފާތު ސަބަބުތައް ދައްކައި ކޯޓްތަކުން މުޖުރިމުން ސަލާމަތްވަމުން އަންނަ ކަމަށް ވެސް އެފަރާތްތަކުން ދަނީ ފާހަގަ ކުރަމުންނެވެ.
މަނިކު ވިދާޅުވީ ގޭންގުތަކަކާއި ކްރިމިނަލް ކޯޓަކާ އެއްވެސް ގުޅުމެއް ނޯންނަ ކަމަށާއި ބަންދުން މީހުން ދޫކުރުމުގައި ރިއާޔަތް ކުރާނީ ބަންދުކުރަން އެދޭ ފަރާތުން ހުށަހަ ޅާ ހުށައެޅުންތަނަކަށް ކަމަށެވެ.
މާރާމާރީ ހިންގި ސަރަހައްދެއް ފުލުހުން ބަންދުކޮށްފައި-- ސަން ފައިލް ފޮޓ
"އެއްވެސް ހާލެއްގައި މީހާ ފެންނައިރަށް ކޯޓުން ދޫކޮށްލަނީކީއެއް ނޫން، ކޯޓުން މީހާ ދޫކޮށްލާނީ އެ މީހަކު ހުށަހަޅާހެކި ހެއްކާއި ގަރީނާތަކުގެ މައްޗަށް ބިނާކޮށް،" މަނިކު ވިދާޅުވި އެވެ.
ގާނޫނީ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކުން ދަނީ ފުލުހުންނަށް ތުހުމަތުގެ އިނގިލި ދިއްކުރަމުންނެވެ. ގާނޫނީ ވަކީލް މޫސާ ސިރާޖު ވިދާޅުވި ގޮތުގައި ރާއްޖޭގައި ކުށްވެރިން ގިނަ ފަހަރަށް ދޫވެފައި ހުންނަނީ ފުލުހުން އަމަލުކުރާ ގޮތުންނެވެ. އެގޮތުން ގާނޫނުގައި އޮންނަ އުސޫލްތައް މަތިން ކަންތައް ނުކުރުމާއި ހެކި ހޯދުމަށް ވުރެ އެހެން ކަންކަން އިސްކުރުން ހިމެނޭ ކަމަށް ސިރާޖު ވިދާޅުވި އެވެ.
"ޕުރޮފެޝަނަލްކޮށް އަމަލު ކުރާ ތަންތަނުގައި ފުރަތަމަ އެވިޑެންސް ކަލެކްޓްކުރާނީ، ދެން މީހާއާ ހިސާބަށް ދާނީ ދޫނުވާވަރަށް ހެކި ހޯދާފައި، މިތާ މިކުރާކަމަކީ ފުރަތަމަ މީހާ ހައްޔަރުުކުރަނީ، އެހެންވީމާ އެވިޑެންސް ނައްތާލާނެ އެއްނު." ސިރާޖު ވިދާޅުވި އެވެ. "މީހާ ހައްޔަރު ކުރާއިރު ޕުރޮސީޖާ ފޮލޯއެއް ނުކުރޭ، ތަނަކަށް ވަންނައިރު އަމުރެއް ނުނަގާ، އަމުރު ނުނަގާ ވަދެއްޖެ ނަމަ ހަމަ ކޯޓަށް ދާއިރަށް ދޫކޮށްލާނެ."
މައްސަލަތައް ތަހުގީގު ކުރާ ފުލުހުންނާ މެދު އެހެން ތުހުމަތުތަކެއް ވެސް ކުރެވެ އެވެ. އެއީ ވަރަށް ގިނައިން "ޑީލް"ތައް ހަދާކަމުގެ ތުހުމަތެވެ.
މައްސަލަތައް ތަހުގީގު ކުރާ ފުލުހުންގެ އިސް އޮފިޝަލް ވިދާޅުވީ ގިނަ އަދަދެއްގެ ފުލުހުން އުޅޭ އިރު އޭގެ ތެރޭގައި ގޭންތުތަކާ ގުޅުން އޮންނަ ފުލުހުން އުޅެދާނެ ކަމަށެވެ. ނަމަވެސް ހެކިނައްތާލުމާއި މައްސަލައަށް ނުފޫޒު ފޯރުމުގެ ބާރު ލިބިގެންނުވާ ކަމަށް ވިދާޅުވި އެވެ.
ގޭންގުތަކުގެ ނުފޫޒު ފޯރުވަނީ ފައިސާ އާއި އަންހެންކުދިން ބޭނުންކޮށްގެން
ބޭރުގެ ގައުމުތަކުގައި ގޭންގު ހިންގުމަކީ އެމީހުންގެ ވިޔަފާރިއެކެވެ. ރާއްޖޭގައި އެކަން ބޮޑަށް މި އޮންނަނީ އާރާއި ބާރުގެ މައްޗަށެވެ. ގޭންގުތަކަށް ފަންޑު ކުރާ ފަރާތްތަކުން އެކަން ކުރަނީ ބާރު ހޯދުމަށެވެ.
ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިން ގޭންގްތަކަށް ހަރަދުކުރަނީ ސީދާ ފައިސާ ދިނުމާއި ގޭންގް މެމްބަރުންގެ ހިތްހަމަޖެހޭ ކަންތައްތަކަށެވެ. އަދި ރަލާއި އެނޫން ވެސް މަސްތުވާތަކެތި ސަޕްލައިކޮށްދިނުމަކީ ވެސް ސިޔާސީ ފަރާތްތަކާއި ވިޔަފާރިވެރިންގެ އާދައެކެވެ. އެއާ އެކު ސިޔާސީ ފަރާތްތައް ބުނާ ގޮތެއް ގޭންގުތަކުން ހަދަ އެވެ.
ސަލާމަތީ ބާރުގައި މަސައްކަތް ކުރައްވާ އިސް އޮފިޝަލަކު ވިދާޅުވި ގޮތުގައި ގޭންގުތަކަށް ނިސްބަތްވާ މީހުން ސަލާމަތް ކުރުމަށް ބޭނުން ކުރަނީ ދެ ވަސީލަތެކެވެ. އެއީ ފައިސާ އާއި އަންހެން ކުދިންނެވެ. އެ ދެ ވަސީލަތުގެ ބޭނުން ހިފައި ކުށްވެރިން ސަލާމަތް ކުރަނީ ކަމަށް އޭނާ ވިދާޅުވި އެވެ.
އިސްވެ ފާހަގަކުރި ވާހަކަތަކަށް ބަލާއިރު ގޭންގުތައް ނުހުއްޓުވިގެން މިއުޅެނީ ކީއްވެގެންކަން ވަރަށް ސާފެވެ. އެއްބަޔަކު އާރާއި ބާރުގެ ބޭނުމުގައި ގައުމު އަނދަވަޅަކަށް މި ވަނީ ވައްޓާލައިފަ އެވެ. އުސޫލް ކަނޑައަޅާ ފަރާތްތަކުން ގޭންގުތައް މޮނީޓާ ކުރާ ކަމަށް ތުހުމަތު ކުރެވޭއިރު ރައްކާތެރިކަން ފޯރުކޮށް ދޭން ޖެހޭ މުއައްސަސާތަކާ މެދު ވެސް މިކުރެވެނީ ނުރަނގަޅު ތުހުމަތުތަކެވެ. ރައްޔިތުން ހޭލަންވެއްޖެ އެވެ. ޖީލަކަށް ފަހު ޖީލެއް ހަލާކުގެ ތެރެއަށް ނުދަނީސް މިކަމާ ދެކޮޅަށް ތެދުވަން ޖެހެ އެވެ.