25 Jun 2016, 16:23
ރާއްޖެއިން ހައްދު ފަހަނަ އަޅާ ދިޔުމާއި ޓެރަރިޒަމްގެ އަމަލުތައް ހުއްޓުވުމުގައި އެމެރިކާއިން އެހީތެރިވަމުންދާ ކަމަށް އެމެރިކާގެ ސަފީރު، އަތުލް ކޭޝަޕް ވިދާޅުވެއްޖެ އެވެ.
އެމެރިކަން އެމްބަސީއިން އިންތިޒާމުކޮށްގެން މިދިޔަ ބުދަ ދުވަހު ބޭއްވި ރޯދަ ވީއްލުމެއްގައި ވާހަކަފުޅު ދައްކަވަމުން އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ވަނީ ރަމަޟާން މަހަކީ ގައުމީ ތަފާތުތައް ހުރިނަމަވެސް އެންމެން ގަބޫލު ކުރާ އަސާސީ އުސޫލުތަކުގެ އެއްގޮތްކަން ހަނދާން ކުރަންވީ ވަގުތެއް ކަން ފާހަގަ ކުރައްވާފަ އެވެ.
އަދި ރާއްޖެއިން އިޖްތިމާއީ ތަރައްގީއަށް ކުރާ މަސައްކަތްތަކުގައާއި، އަސާސީ މިނިވަންކަމާއި އުސޫލުތަކެއް ކުރިއަށް އަންނަންއޮތް ޖީލުތަކަށް ތަނަވަސް ކުރުމަށް ކުރަމުންދާ މަސައްކަތުގައި އެހީތެރިވުމަކީ އެމެރިކާއަށް ލިބިގެންދާ ފަހުރެއް ކަމަށާއި އެމެރިކާއިން މިހާރުވެސް ރާއްޖޭގައި ކުށް މަދު ކުރުމަށް އެހީތެރިވަމުން ކަމަށް ސަފީރު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގައި ހައްދުފަހަނައަޅާ ދިޔުމާއި ޓެރަރިޒްމް އާއި ކުށް މަދުކުރުމަށް ކުރެވޭ މަސައްކަތުގައި އެމެރިކާ ސަރުކާރުންދަނީ އެހީތެރިކަން ފޯރުކޮށްދެމުން،" ސަފީރު ވިދާޅުވި އެވެ.
މީގެ އިތުރުން އެމެރިކާގެ ސަފީރު ވަނީ ދެގައުމުގެ ގުޅުން އިތުރަށް ވަރުގަދަ ވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި ރާއްޖޭ އަކީ އިންޑިއާ ކަނޑުގައިވާ ނަމޫނާ ޑިމޮކްރަސީއަކަށް ވުމަށް އެމެރިކާއިން އެހީތެރިވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.