19 May 2011, 14:17
މާލެ އިން ގދ. ތިނަދޫ އަށް ދިޔަ ބޯޓަކުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެރަށަށް އެތެރެކުރަން އުޅުނު މީހަކު ފުލުހުން އަތުލައިގެންފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އެމައްސަލައާ ގުޅިގެން މިއަދު ހެނދުނު ތިނަދޫ އިން ހައްޔަރުކޮށްފައިވަނީ އެރަށު މިލާނޯގެ، އިސްމާއިލް މުހައްމަދު 20، ކަމަށާއި އޭނާ ހައްޔަރުކޮށްފައި ވަނީ އެ ރަށަށް ދިޔަ ބޯޓަކުން ބޭލި މުދާތަކެއް ހިފައިގެން ސައިކަލެއްގައި ދަނިކޮށް ކަމަށެވެ.
ފުލުހުން ބުނީ އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހަށިގަނޑު ބަލާ ފާސްކުރުއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހިތަކެއް އަޅާފައިވާ ޕެކެޓްތަކެއް އެނާ ގެންގުޅުނު މުދާތަކުގެ ތެރޭގައި ހުރި ބޭބީ ފުއްދަޅުތަކުންނާއި ނޫޑްލްސް ކޭހެއްގެ ތެރޭގައި ފޮރުވާފައި ހުއްޓާ ފެނިފައިވާ ކަމަށެވެ.
މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ އެތަކެއްޗަކީ ހޭޝް އޮއިލް ކަމަށް ތުހުމަތުކުރެވޭ 50 ޕަކެޓް ކަމަށް ވެސް ފުލުހުން ބުންޏެވެ.