25 Jun 2016, 15:05
އޮންލައިން ނޫސް، ޗެނަލް ނިއުސް މޯލްޑިވްސް (ސީއެންއެމް) ހުއްޓާލީ އެއްވެސް ނުފޫޒެއް އޮވެގެން ނޫން ކަމަށާއި އެވިޔަފާރި ކުރަން ބޭނުންނުވާތީ ކަމަށް އެނޫހުގެ އެއް ހިއްސާދާރު މުހައްމަދު އަލީ ޖަނާހު(ޖަނާ) ވިދާޅުވި އެވެ.
މޯލްޑިވްސް އެސޯސިއޭޝަން ފޯ ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މަސީ)ގެ ރައީސް ޖަނާގެ 51 ޕަސެންޓް ހިއްސާ އޮންނަ ނޫސް އިއްޔެ ހުއްޓާލާފައިވާ އިރު ޖަނާ ވިދާޅުވީ އެއްވެސް ނުފޫޒެއް ނެތް ކަމަށާއި ނޫސް ހުއްޓާލީ އެވިޔަފާރި ކުރަން ބޭނުންނުވާތީ ކަމަށެވެ.
"އަޅުގަނޑު ކުރާ ވިޔަފާރިއެއްތާ އެއީ، އަޅުގަނޑަކީ ވިޔަފާރިވެރިއެއްތާ، އެވިޔަފާރީގައި ކުރިއަށްދާން ބޭނުންނު ވާތީ އަޅުގަނޑުމެން ބޯޑުގެ ޑިސިޝަންއަކުން ނިންމީ ބަންދުކުރަން. އަޅުގަނޑުމެން އިއްތިފާގުން ނިންމީ،" ޖަނާ ވިދާޅުވި އެވެ.
ޖަނާގެ އިތުރުން ދެން އެނޫހުގައި އަނެއް ހިއްސާދާރަކީ އިސްމާއިލް ރަޝީދެވެ. އޭނާގެ ހިއްސާއަކީ 49 ޕަސެންޓެވެ. އޭނާގެ ބަހެއް ހޯދަން ކުރި މަސައްކަތް އަދި ވަނީ ކާމިޔާބު ވާގޮތްނުވެފަ އެވެ.
ސީއެންއެމްގެ ނޫސްވެރިއަކު މިއަދު ސަން އަށް ބުނީ އެ މީހުން ވަރަށް އަވަހަށް ބަޔާނެއް ނެރެ، ކަން ހިނގި ގޮތް ކިޔައިދޭނެ ކަމަށެވެ. ހުލާސާކޮށް ބުނީ، ޖަނާ ބޭނުންފުޅުވީ ނޫހުގެ އާކައިވް ދުއްވާލުމަށް ކަމަށެވެ. އަދި އިސްމާއީލް ރަޝީދު ވެސް ޗެނެލް ނިއުސް މޯލްޑިވްސް އުވާލުމަށް އެއްބަސްވީ އެކަން ނުކުރަން ވެގެން ކަމަށެވެ.
"އަހަރުންގެ މަސްލަހަތަށް ވުރެ ޕަބްލިކް މަސްލަހަތު ބޮޑުވާނެ ކަމަށް އަހަރުން ގަބޫލުކުރީ. އާކައިވް ދުއްވާލުމަކަށް އަހަރުން ބޭނުމެއް ނޫން،" ސަން އާ ވާހަކަ ދެއްކި މުއައްޒަފު ބުންޏެވެ.
ޖަނާ ވިދާޅުވީ ދެން ސީއެންއެމް ނުހިންގާނެ ކަމަށެވެ.
އެނޫހަކީ ވެބްސައިޓުތައް ރޭންކުރާ އެލެކްސާގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ދެ ވަނައަށް އެންމެ މަގުބޫލް ވެބްސައިޓެވެ.