25 Jun 2016, 12:41
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ވަކިވުމަށް އިނގެރޭސި ރައްޔިތުން ނިންމި ނިންމުމަކީ ހަރުދަނާ ޑިމޮކްރަސީއެއްގެ ތެރެއިން އެގައުމުގެ ރައްޔިތުން ނިންމި ތާރީޚީ ނިންމުމެއް ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވެއްޖެ އެވެ.
ފޮރިން މިނިސްޓްރީ އިން އިއްޔެ ނެރުނު ބަޔާނެއްގައި، ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ، އީޔޫ އިން ވަކިވުމަށް އިނގިރޭސިން ނިންމުމުން، އެމީހުންގެ ކުރިމަގު ބައްޓަންކޮށް ގައުމުގެ އިސްތިގުލާލު ދެމެހައްޓަން ރައްޔިތުން ބޭނުންވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހު އިނގެރޭސި ވިލާތުގައި ނެގި ވޯޓުގެ ރަސްމީ ނަތީޖާތައް ދައްކާ ގޮތުން އީޔޫ އިން ވަކިވުމަށް 52 ޕަސެންޓް މީހުން ވަނީ ވޯޓު ދީފަ އެވެ. އަދި އީޔޫގައި ދެމި ިތިބުމަށް ވޯޓުލީ މީހުންގެ ނިސްބަތަކީ 48 ޕަސެންޓެވެ.
"ވޯޓުގެ ނަތީޖާ އިން ރަނގަޅަށް ހާމަވެގެން ހިނގައްޖެ އިނގެރޭސިން އެމީހުންގެ ގައުމުގެ މުސްތަގުބަލު އެމީހުން އަމިއްލައަށް ބައްޓަން ކުރަން ބޭނުންވާ މިންވަރު،" ދުންޔާ ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވީ އިނގެރޭސިވިލާތަކީ ރާއްޖެއަށް މުހިންމު ބައިވެރިއެއް ކަމަށާއި އެއީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ އެއް ގައުމު ކަމަށެވެ. އޭގެ އިތުރުން ރާއްޖޭގެ ޑިމޮކްރަސީ ހަރުދަނާ ކުރުމަށް އީޔޫ އާއި އަދިވެސް އެހެނިހެން ބައިނަލްއަގުވާމީ ޖަމާއަތްތަކާ އެކު ކުރާ މަސައްކަތުގައި އިނގިރޭސިވިލާތުން މުހިންމު ދައުރެއް އަދާކުރަމުން އަންނަ ކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.
މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި ވެސް ދެގައުމުގެ ގުޅުން އިތުރަށް ހަރަދަނާކުރުމަށް ދެ ސަރުކާރު ގުޅިގެން މަސައްކަތް ކުރާނެ ކަމަށެވެ.
އިނގިރޭސީންގެ އެ ޥޯޓާ އެކު އިނގިރޭސި ވިލާތް ވެގެން ގޮސްފައި ވަނީ 28 ގައުމު ހިމެނޭ ޔޫރަޕުގެ އިއްތިހާދުން ވަކިވާ ފުރަތަމަ ގައުމަށެވެ.
އިނގިރޭސިންގެ ނިންމުމާ ގުޅިގެން އެ ގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވަނީ މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފަ އެވެ.
އިނގިރޭސިންގެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެ، ކެމެރަން ވަނީ ގައުމު ހަމަޔަކަށް އެޅެން ދެން އިތުރު ތިން މަސް ދުވަހު ބޮޑުވަޒީރު ކަމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ.