25 Jun 2016, 12:38
ލަންޑަން (ޖޫން 25): ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވާން އިނގިރޭސިން ނިންމުމުން، އިންގްލެންޑް، ވޭލްސް، ސްކޮޓްލެންޑް އަދި ނަދަން އަޔަލެންޑް ހިމެނޭ އިނގިރޭސިވިލާތުން ވަކިވުމާ ބެހޭ ގޮތުން ސްކޮޓްލެންޑުން އަނެއްކާ ވެސް ވޯޓެއް ބޭއްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްކޮޓްލެންޑުގެ ފަސްޓް މިނިސްޓާ، ނިކޮލާ ސްޓާޖިއަން ވިދާޅުވެއްޖެ އެވެ.
ބުރާސްފަތި ދުވަހު އިނގިރޭސިވިލާތުގައި ބޭއްވި ވޯޓުގައި ސްކޮޓްލެންޑުގެ 62 ޕަސެންޓް ރައްޔިތުން ވޯޓު ދިނީ އީޔޫގައި ދެމިތިބުމަށެވެ. ނަމަވެސް، މުޅި ޔޫކޭގެ ވޯޓު އެއްކޮށްލުމުން 52 ޕަސެންޓު މީހުން ތާއިދުކޮށްފައި ވަނީ އީޔޫއިން ވަކިވުމަށެވެ. އެއާ އަޅާ ބަލާއިރު އީޔޫގައި ދެމިތިބުމަށް ވޯޓު ދީފައި ވަނީ 48 ޕަސެންޓު މީހުންނެވެ.
ސްކޮޓްލެންޑުގެ ރައްޔިތުން ބޭނުންވާ ގޮތާ ހިލާފަށް އެގައުމާ އީޔޫއާ ވަކި ކުރުމަކީ "ދިމިގުރާތީ ގޮތުން ގަބޫލު ނުކުރެވޭ ކަމެއް" ކަމަށާއި އިނގިރޭސިވިލާތް އީޔޫ އިން ވަކި ވުމުގެ ކުރިން، ސްކޮޓްލެންޑުން އިނގިރޭސިވިލާތާ ވަކިވުމާ ބެހޭ ގޮތުން ގޮތެއް ނިންމުމަށް ސްކޮޓްލެންޑަށް ފުރުސަތު ލިބެން ޖެހޭނެ ކަމަށް ސްޓާޖަން ވިދާޅުވި އެވެ.
"ސްކޮޓްލެންޑުގެ ގާނޫނު ހަދާ މަޖިލީހަށް ފެންނަ ގޮތުގައި ޔޫރަޕުގައި ދެމިތިބުމަށް ކުރެވެން އޮތް ކަމަކީ [މިނިވަން ކަމާ ބެހޭ] ރެފަރެންޑަމްއެއް އަނެއްކާ ވެސް ބޭއްވުން ކަމުގައިވާ ނަމަ، ސްކޮޓްލެންޑަށް އެފުރުސަތު ލިބެން ޖެހޭނެ.. އަޅުގަނޑު ދެކޭ ގޮތުގައި [ސްކޮޓްލެންޑުގެ] މިނިވަންކަމާ ބެހޭ ވޯޓެއް ބޭއްވުމަކީ ވަރަށް ބޮޑަށް އެކަށީގެންވާ ކަމެއް،" ސްޓާޖަން ވިދާޅުވި އެވެ.
ސްކޮޓެލެންޑުން ވަނީ މީގެ ކުރިން ވެސް އިނގިރޭސިވިލާތުން ވަކިވުމާ ބެހޭ ގޮތުން ވޯޓެއް ބާއްވާފަ އެވެ. ދެހާސްސާދަ ވަނަ އަހަރު ބޭއްވި އެވޯޓުގައި ގިނަ ބަޔަކު ތާއިދު ކުރީ އިނގިރޭސިވިލާތުގައި ދެމިތިބުމަށެވެ. ނަމަވެސް، އިނގިރޭސިވިލާތުގައި ތިބުމަށް ސްކޮޓްލެންޑުގެ ގިނަ ރައްޔިތުން ވޯޓު ދިނީ އީޔޫއިން ވަކި ނުވުމުގެ ގޮތުންނެވެ. އެހެންކަމުން، އެސަބަބަށް ޓަކައި އިނގިރޭސިވިލާތުގައި ދެމިތިބުމަށް ވޯޓު ދިން ގިނަ މީހުންގެ ހިޔާލު މިހާރު ބަދަލުވެފައި ވާނެ ކަމަށް ވެސް ސްޓާޖަން ވިދާޅުވި އެވެ.
އިނގިރޭސިވިލާތުން އީޔޫއިން ވަކިވުމަށް ނިންމުމާ ގުޅިގެން ބޮޑުވަޒީރު ޑޭވިޑް ކެމެރަން ވަނީ އަންނަ އޮކްޓޯބަރު މަހަށް ފަހު މަގާމުން އިސްތިއުފާ ދެއްވަން ނިންމަވާފަ އެވެ. (އަލްޖަޒީރާ)