އިނގިރޭސި ކްލަބު މެންޗެސްޓާ ޔުނައިޓެޑުގެ ކޯޗުކަމާ ދާދި ފަހުން ހަވާލުވި، ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަ ދެ އެވެ.

މިދިޔަ ހަފްތާގައި މޮރީނިއޯ ރާއްޖެ އައިސްފައި ވަނީ އޭނާގެ ދެ ކުދިންނާ ވެސް އެކު އެވެ. މޮރީނިއޯގެ އާއިލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ގިލިލަންކަން ފުށި ރިސޯޓުގަ އެވެ.

މޮރީނިއޯ ވަނީ އޭނާ ރާއްޖެ އައިސް ނަގާފައިވާ ދެ ފޮޓޯއެއް އިންސްޓަގްރާމް ކޮށްފަ އެވެ. ބޯޅަ އެއް ހިފައިގެން މޫދުގައި އޮއްވާ ނަގާފައިވާ ފޮޓޯ އާއެކު ލިޔެފައި ވަނީ ޖުލައި މަހުގެ ހަ ވަނަ ދުވަސް އަންނަ އިރު އޭނާ މުޅިން ފިޓު ވާނެ ކަމަށެވެ. ނޫނީ ވަރުބަލި ވެފައި ހުންނާނެ ކަމަށް ވެސް ލިޔެފައިވެ އެވެ.

ޖުލައި ހަ ވަނަ ދުވަހަކީ ޔުނައިޓެޑާ އެކު އޭނާ ފަރިތަކުރުންތައް ފަށާ ދުވަހެވެ.

ރާއްޖެ އާދެވުމުން އެންމެ ބޮޑު އުފަލެއް ލިބިފައި ވަނީ މޮރީނިއޯގެ ދެ ކުދިންނަށެވެ. އެމީހުން ވަނީ ސްނޯކްލިން އަށް ގޮސް ނަގާފައިވާ ވީޑިއޯ އަކާއި، ރިސޯޓުގެ ރީތި މަންޒަރުތައް ފެންނަ ގިނަ ފޮޓޯތަކެއް އިންސްޓަގްރާމް ކޮށްފަ އެވެ.

އެމީހުން ރާއްޖެ ސިފަކޮށްފައި ވަނީ "އެންމެ ރީތި" ތަނުގެ ގޮތުގަ އެވެ.