"އަހަރެންގެ ނަމަކީ އޮސްޓިން ރޯ އެވެ. އުމުރުން 10 އަހަރެވެ. އެންމެ ތުއްތު އިރުން ފެށިގެން ވެސް އަހަންނަށް އުޅެން ޖެހިފައި ވަނީ ވަރަށް އެކަނިވެރި އެހާމެ ހިތްދަތި ދިރިއުޅުމެކެވެ. މަންމަ އާއި ބައްޕަ ވަރިވުމުގެ ސަބަބުން އުމުރުން އެންމެ ހަ ހަފްތާ އިން ފެށިގެން ހިތި އެތައް ތަޖުރިބާތަކެއް ކުރަން ޖެހުނެވެ.

ަމަންމަ އަށް މަސައްކަތުން އަވަދިވެ އަހަރެން ގާތުގައި މަޑުކޮށްލާނެ ވަގުތެއް ނުވެ އެވެ. ބައްޕަ އަކީ މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވަގު ވިޔަފާރި ކުރާ މީހެކެވެ. އެހެންކަމުން އަހަރެން ބޮޑުވެގެން އައި އިރު ފެންނަން ނުވާނެ އެތައް މަންޒަރެއް ވަނީ ފެނިފަ އެވެ.

މަންމަ އާއި ބައްޕަގެ ސަމާލުކަން ހޯދަން އަހަރެން ކުރާ ކަމަކީ އެއްޗެހި ހަލާކުކޮށް އެހެން ކުދިންނަށް އަނިޔާ ކުރުމެވެ. އަބަދު ހުންނަނީ ރުޅި އައިސް ފާޑެއްގެ ވިޔަރިގަނޑެއް އަރައިފަ އެވެ. އެކަން ރަނގަޅު ވޭތޯ ބައްޕަ އަހަރެންނަށް ފާޑު ފާޑުގެ ބޭސްތައް ދިނެވެ. އެއްވެސް ކުރިއެރުމެއް ނުލިބުނު ތާގައި، ކަންކަން ދިޔައީ ގޯހުން ގޯހަށެވެ.

މަންމަގެ ގޭގައި ހުރެ ބަސްނާހާ ކޮންމެ ފަހަރަކު، ބައްޕަގެ ގާތަށް ފޮނުވާލަ އެވެ. ބައްޕަ ވެސް އަހަރެން ބޮޑާހާކާ ކޮންމެ ފަހަރަކު މަންމަ ގާތަށް ފޮނުވާލަ އެވެ. އަހަރެންނަކީ އެމީހުންނަށް މުހިންމު މީހެއް ނޫނެވެ. އަހަރެންގެ ރުޅިގަނޑުގެ ސަބަބުން އެތައް ސްކޫލަކުން ކަނޑައިލި އެވެ. އެހެން ކުދިންނަށް އަނިޔާ ކޮށްގެންނެވެ.

އަހަރެންގެ އުޅުމަށް އެއްވެސް ހެޔޮ ބަދަލެއް ނާންނާތީ އެންމެ ފަހުން މަންމަ ވެސް އަދި ބައްޕަ ވެސް އަހަރެން ބޭނުން ނުވީ އެވެ. ދެން އަހަންނަށް ވާނެ ގޮތަކާ މެދު ވިސްނައި ބޯ ހާސްވާން ފެށި އެވެ.

އުންމީދު ކަނޑާލައިގެން ހުއްޓައި، ދެމަފިރިއަކު އަހަރެން ގެންގޮސް ތަރުބިއްޔަތު ކުރަން އެއްބަސްވި އެވެ. އެ ދެމަފިރިންގެ ކުދިން ބޮޑެތިވެފައި ތިބުމުން، ގޭގައި އުޅެނީ ދެމީހުން އެކަންޏެވެ. އެދެމީހުން އެއްބަސްވީ އަހަރެންގެ އުޅުން ރަނގަޅު ވަންދެން ގެއަށް ޓީޗަރުން ގެނެސްގެން ކިޔަވައިދޭށެވެ. އަހަރެންގެ ރުޅިގަނޑު ކޮންޓްރޯލް ކުރަން އެއްވެސް ކަހަލަ ބޭހެއް ނުދޭން ވެސް އެއްބަސްވި އެވެ. އެހެންވެ އެމީހުންނާ އެކު ދިރިއުޅެން އަހަރެން އެއްބަސްވީމެވެ.

އަހަރެންގެ ބެލެނިވެރިކަމާ ހަވާލުވީ ޖުމާނާ އަދި ވަސީމް އެވެ. މުސްލިމު ދެމަފިރިންނެވެ. އަހަރެން ބަލާ އެ ދެމީހުން އެއާޕޯޓަށް ވެސް އަ އެވެ. ގެއަށް ދިޔަ އިރު، އަހަންނަށް ވަކިން ހާއްސަ ކޮޓަރިއެއް ތައްޔާރުކޮށްފައި ހުއްޓެވެ. އަހަންނަށް އެންމެ ރީތި، ނޫ ކުލަ އިންނެވެ. އަހަރެންގެ ހަޔާތުގައި އެކަހަލަ އެއްވެސް ކަމެއް ލިބިފައެއް ނުވެ އެވެ. ކުއްލިއަކަށް ހުރިހާ ކަމެއް ތަފާތު ކަމުގެ އިހުސާސް އަހަންނަށް ކުރެވުނެވެ. އެކަމަކު ފުރަތަމަ ބަސްނާހާ އުޅުނީމެވެ. އެކަމަކު ޖުމާނާ އަދި ވަސީމް އަހަންނަށް އަނިޔާކޮށް ހަރުކަށިކޮށް ކަންތަކެއް ނުކުރެ އެވެ.

އެގެއަށް ބަދަލުވި ފަހުން އަހަރެންގެ ހަށިގަނޑަށް ވެސް ބަދަލުތަކެއް އަންނަން ފެށި އެވެ. ބޭސްތައް ކެއުން ހުއްޓާލައި ރަނގަޅަށް ކާން ފެށުމުން ރޫފަ ރަނގަޅުވި އެވެ. އަދި ކޮންމެ ދުވަހަކު ޖުމާނާ އާއެކު ކިޔަވަން ފެށީމެވެ. ބޯހަރު ގޮތް ދޫކޮށްލުމަށް ފަހު ރަނގަޅަށް ވަށައިގެންވާ މާހައުލާ މެދު ވިސްނަން ފެށުނީ ދެނެވެ. ޖުމާނާ އަދި ވަސީމް އެކަކު އަނެކަކަށް އިހްތިރާމް ކުރެ އެވެ. ޒުވާބުކޮށް އަނިޔާކޮށް ނުހަދަ އެވެ. ގޭތެރެވެސް އޮންނަނީ އަބަދު ސާފުކޮށެވެ. އެހާމެ ހިތްފަސޭހަ އެވެ. އަހަރެން ކުރިން އުޅުނު މާހައުލާ މުޅިން ތަފާތެވެ.

ކޮންމެ ދުވަހަކު ވެސް ވަކި ގަޑިތަކެއްގައި ޖުމާނާ އޭނާގެ އިސްތަށިގަނޑާ ހަށިގަނޑު އެއްކޮށް ނިވާކޮށް، ބިންމަތީގައި ކުނަލެއް އަރައިގެން ކަމެއް ކުރެ އެވެ. ކޮންމެ ދުވަހަކު ވެސް އެ މަންޒަރު ބަލަން އަހަރެން އިންނަމެވެ. އެންމެ ފަހުން ނީނދެވިގެން އެއްދުވަހަކު ޖުމާނާ ކުރަނީ ކީއްތޯ އަހައިފީމެވެ. ޖުމާނާ ބުނީ ނަމާދު ކުރަނީ ކަމަށެވެ. އަދި އެއީ މުސްލިމުންގެ އަޅުކަމެއް ކަމަށް ބުންޏެވެ.

އިސްލާމްދީނަށް އަހަރެން ވަރަށް ބޮޑަށް ޝައުގުވެރި ވެއްޖެ އެވެ. ކޮންމެ ދުވަހަކު ވެސް ޖުމާނާ ކައިރިން އިސްލާމްދީނުގެ މައުލޫމާތު ހޯދަން ފެށީމެވެ. އަދި އެއްދުވަހަކު ޖުމާނާ އާއެކު ނަމާދު ކުރަން ބޭނުންވާ ކަމަށް ބުނުމުން، ޖުމާނާ އަހަންނަށް ވެސް ކުނަލެއް ދިނެވެ. ޖުމާނާ ނަމާދު ކުރާ ގޮތް ބަލައިގެން ހުރިހާ ހަރަކާތެއް ފުރިހަމަ ކުރީމެވެ. އަދި ޖުމާނާ ކިޔާ ތަކުބީރުތަކާއި ދުއާތައް ވެސް އަޑުއެހީމެވެ. ފުރަތަމަ ދުވަހު އަހަންނަށް މަޑު މަޑުން އިނދެގެން ނަމާދު ކުރަން އުނދަގޫވި އެވެ. އެކަމަކު ދެތިން ހަފްތާ ފަހުން މަޑުން އިނދެ ނަމާދު ކުރަން ދަސްވި އެވެ.

އެއާއެކު އަހަންނަށް ވަރަށް އުފާވެރި އިހުސާސެއް ކުރެވުނެވެ. މީގެ ކުރިން ދުވަހަކުވެސް ކުރެވުނު އިހުސާސެއް ނޫނެވެ. އެ ރޭ ނިދަން އޮއްވައި ޖުމާނާ އަހަރެންގެ ކޮޓަރިއަށް އައެވެ. އަދި މާ މަޑުން ހުންނާތީ ކަމެއްވީތޯ ސުވާލު ކުރި އެވެ. އަހަރެން ފޮރުވަން މަސައްކަތް ކުރީމެވެ. އެކަމަކު އަހަރެން އެއްޗެއް ބުނަން ބޭނުންވެ، ނުބުނެވިގެން އުޅޭކަން ޖުމާނާ ދެނެގަތެވެ. އެންމެ ފަހުން އަހަރެންގެ ހިތުގައި އޮތް ވާހަކަ ޖުމާނާ އާ ހިއްސާ ކުރީމެވެ.

"އަހަރެން ބޭނުން މުސްލިމަކަށް ވާން،" ޖުމާނާ ގާތު އަހަރެން ބުނީ އެހެންނެވެ. ހިނިތުން ވެލާފައި ޖުމާނާ އަހަރެން ގާތުގައި އެހީ މުސްލިމަކަށް ވުމަކީ ކޮބައިކަން އަހަންނަށް އެނގޭތޯ އެވެ. އަހަރެން ނޫނެކޭ ބުނުމުން، އަހަރެންގެ ގައިގައި ވަރަށް ބާރަށް ބައްދާލުމަށް ފަހު ކުޑަކުދިންނަށް ހާއްސަ، އިސްލާމްދީނާ ގުޅޭ ފޮތްތަކެއް އަހަންނަށް ގެނެސްދިނެވެ.

އަހަރެން އެ ހުރިހާ ފޮތެއް އެއް ދުވަސް ތެރޭ ކިޔާ ނިންމާލީމެވެ. އަދި އެދުވަހުން ދުވަހަށް މުސްލިމަކަށް ވާން ބޭނުން ކަމުގައި ބުނީމެވެ. އަހަރެންގެ އުމުރުން އެންމެ 10 އަހަރެވެ. ވަރަށް ހަގުކަން އެނގެ އެވެ. އެކަމަކު އިސްލާމްދީން ގަބޫލު ކުރުމަކީ އަހަރެންނަށް ހަޔާތުގައި ކުރެވޭނެ އެންމެ ރަނގަޅު ކަންތައްކަން ވިސްނުނެވެ.

ޝަހާދަތުގެ ދެކަލިމަ ކިޔައި އަހަރެން އިސްލާމްވީ 2008 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު އެވެ. އިސްލާމްވުމަށް ފަހު ވެސް ދީނާ ގުޅޭ އެކިއެކި ފޮތް ކިޔައި ދީނުގެ ކަންކަން އިތުރަށް ދަސްކުރީމެވެ.

މިހާރު އަހަންނަކީ ކުރިން ބަސްނާހާ އުޅުނު ކުއްޖާއެއް ނޫނެވެ. އެކަމަކު އަހަރެންގެ މަންމަ އާއި ބައްޕަ އަހަރެން ބޭނުމެއް ނުވި އެވެ. ތެދަށް ބުނަންޏާ އެމީހުންގެ ވިޔާނުދާ ދިރިއުޅުން އަހަރެން ވެސް ބޭނުމެއް ނޫނެވެ. އަހަރެން ބޭނުމީ ޖުމާނާ އަދި ވަސީމްގެ ދަރިއެއްގެ ގޮތުގައި އެމީހުން ކައިރީ ހުންނާށެވެ.

ޖުމާނާ އަދި ވަސީމްގެ ގޭގައި އެއް އަހަރު އުޅުމަށް ފަހު، އަހަރެން އެޑޮޕްޓު ކުރުމުގެ ފުރުސަތު އެމީހުންނަށް ލިބުނެވެ. އަހަރެންގެ އަސްލު މައިންބަފައިންނަށް އެދުވަސްވީ ވަރަށް އުފާވެރި ދުވަހަކަށެވެ. އެއްވެސް ދެކޮޅު ހެދުމެއް ނެތި އަހަރެން ދޫކޮށްލި އެވެ. އުފާވީ އެ ދެ މީހުން އެކަންޏެއް ނޫނެވެ. އަހަރެން ވެސް ހުރީ އުފަލުންނެވެ.

އެޑޮޕްޝަންގެ ކަންތައް ނިމުނު ދުވަހު، އަހަރެންގެ ނަން ބަދަލު ކުރުމުގެ ފުރުސަތު ވެސް ލިބުނެވެ. އަހަރެން އިޚްތިޔާރު ކުރި ނަމަކީ "ވާޢިލް" އެވެ. ނަމުގެ މާނަ އަކީ ހިޔާވަހިކަމަށް އެނބުރި އަންނަ މީހާ އެވެ. އެ ނަން އަހަރެން ހިޔާރު ކުރީ އެހެންވެ އެވެ. ޖުމާނާ އަދި ވަސީމްގެ ގެއަށް އަހަރެން އައީ ހިޔާވަހިކަމެއް ހޯދާށެވެ. އަދި އިސްލާމްދީނުގެ ހިޔާވަހިކަން ވެސް އަހަންނަށް ލިބުނެވެ.

އޭގެ ފަހުން މިހާރު ފަސް އަހަރާއި ހަ މަސް ފާއިތުވެފައި ވާއިރު، އަހަންނަކީ މުޅިން ތަފާތު ކުއްޖެކެވެ. މިއީ މާތްﷲ އިރާދަކުރެއްވި ގޮތްކަން އަހަރެން ގަބޫލު ކުރަމެވެ. އަހަރެން އިސްލާހު ކުރަން ބޭނުންވީ ބޭހެއް ނޫނެވެ. އަދ މައިންބަފައިންގެ ސަމާލުކަން ހޯދަން ބޭނުންވަނީ ކޮންމެ ކަމެއްގައި ރުޅި އިސްކޮށް ތިމާގެ ބާރުގަދަކަން ދެއްކުމެއްވެސް ނޫނެވެ. އަހަންނަށް ބޭނުންވީ ﷲ އެވެ. އަހަރެން އިސްލާހު ކުރަން އެކި ކަހަލަ މަސައްކަތް ކުރެވުނު ނަމަވެސް، އިސްލާހުވީ އިސްލާމްދީނުގެ ހިދާޔަތު ލިބުމުގެ ސަބަބުންނެވެ. ﷲ އީ ހުރިހާ ކަމަކަށް ކުޅަދުންވަންތަ ރަސްކަލާނގެ އެވެ.

އަހަންނަކީ ވާޢިލް އަބްދުއް ސަލާމް އެވެ. މިއީ އަހަރެންގެ ވާހަކަ އެވެ.