ހެކިންނަކީ ކޮން ބައެއްކަން ނޭނގޭ ގޮތަށް އަޑު ބަދަލުކޮށްގެން ކްރިމިނަލް ކޯޓުގައި ފުރަތަމަ ފަހަރަށް މިއަދު ހެކިބަސް ނަގައިފި އެވެ.

އަޑު ބަދަލުކޮށްގެން ހެކިންނަކީ ކޮން ބައެއްކަން ނޭނގޭ ގޮތަށް މިއަދު ދެ މައްސަލައެއްގައި ހެކިބަސް ނަގާފައިވެ އެވެ. އެންމެ ފުރަތަމަ އެގޮތަށް ހެކިބަސް ނަގާފައި ވަނީ މިދިޔަ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ފެރީ ޓާމިނަލް ކައިރީ މާރާމާރީ ހިންގި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް ]ޕީޖީ[ އޮފީހުން ގދ. ރަތަފަންދޫ، އެއްގަމުގޭ، އަހުމަދު ރަޝީދާއި ލ. ގަން، ސްނޯރޯސް، މާދިހު މުހައްމަދު ]ނުރައްކާތެރި ކަމަށް ބުނާ މީހެއް[ގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގަ އެވެ.

އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ހެކިބަސް ނަގާފައި ވަނީ ހެކިބަސް ދޭ މީހާ އެހެން ކޯޓް ރޫމެއްގައި ބަހައްޓައިގެންނެވެ. އަދި ހެކިބަސް ދޭ މީހާ އަށް ދައުވާ ލިބޭ މީހުން ފެންނަ ގޮތަށް، ދައުވާ ލިބޭ ފަރާތްތައް ތިބި ކޯޓް ރޫމްގައި ހުރީ ކެމެރާ ހަރުކޮށްފަ އެވެ. ހެކިބަސް ދޭ މީހާގެ އަޑު ބަދަލުވެގެން އަންނަ ސްޕީކަރު ހަރުކޮށްފައި ހުރީ ގާޒީ އިންނަޒާ މޭޒުގަ އެވެ. އެ ސްޕީކަރުން އަޑު އަންނަނީ އާންމުކޮށް މީހުން ވާހަކަ ދައްކައި އުޅޭ ވަރަށް ވުރެ މާ ބޮޑަށް ވެސް ބަރު އަޑަކުންނެވެ.

ހެކިބަސް ނެގުމުގެ ކުރިން ގާޒީ ދައުވާ ލިބޭ ފަރާތަށް އަދި ދައުލަތަށް އެންގީ ހެކިބަސް ދޭ މީހާ ހާމަވެދާނެ އެއްވެސް ސުވާލެއް ނުކުރުމަށެވެ. އަދި އެފަދަ އެއްވެސް ސުވާލެއް ކުރުމުގެ ފުރުސަތު ނުދެއްވާނެ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ހެކިބަސް ދެމުން އެންމެ ފުރަތަމަ ހެކި މީހާ ބުނީ ފެރީ ޓާމިނަލް ކައިރިން ހައެއްކަ މީހުންގެ ގްރޫޕަކުން މީހަކަށް ހަމަލާދިން ތަން ފެނިފައިވާ ކަމަށެވެ. އަދި އެ މާރާމާރީ ހިންގަން ފެށުމުން އޭނާ ވެސް އެތާ ކައިރިއަށް ދިޔައިން ކަމަށާއި ދައުވާ ލިބޭ ޝަރީފާއި މާދިހު އެތަނުގައި މާރާމާރީ ހިންގި ތަން ދުށް ކަމަށް ހެކިވެރިޔާ ބުންޏެވެ.

އޭނާ ބުނީ މާރާމާރީ ހިންގަމުން ދިޔައިރު ޝަރީފުގެ އަތުގައި ކަތިވަޅިއެއް އޮތް ކަމަށާއި އޭނާ ހަމަލާދިނީ ކަތިވަޅިން ކަމަށެވެ. މީހުން ބޮނޑިވެފައި އޮތް އިރު މާދިހުގެ އަތުގައި އެއްޗެއް އޮތްތޯ ނުވަތަ ނެތްތޯ ބުނެދޭން ނޭނގޭ ކަމަށާއި އެކަމަކު އޭނާ ވެސް ހަމަލާދިން ކަމަށް ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނީ ޝަރީފާއި މާދިހު ހިމެނޭ ގްރޫޕުން މާރާމާރީ ހިންގައި ނިންމާލިއިރު، އަނިޔާވި މީހާގެ ބުރަކައްޓާއި އަރިކައްޓާއި ހަށިގަނޑުގެ އެކި ދިމާތައް ޒަހަމްވެފައިވާ ކަމަށެވެ. އަދި އަނިޔާ ލިބުނު މީހާ ލައިގެން ހުރި ޓީޝާޓް ވެސް ހުރީ ވީދައިގެން ގޮސްފައި ކަމަށް ހެކިވެރިޔާ ބުންޏެވެ.

މާދިހުއަށް ސުވާލުކުރުމުގެ ފުރުސަތު ގާޒީ ދިނުމުން ހެކިވެރިޔާގެ ފަރާތުން ތެދު ހޯދުމަށް ކަމަށް ބުނެ އޭނާ އެންމެ ފުރަތަމަ ވެސް އޭނާ އަށް ނަސޭހަތް ދޭން ފެށި އެވެ. އެކަމަކު "މާތް ﷲ ބާއްވައިލެއްވި ފޮތް...." އެހާ ހިސާބަށް މާދިހަށް ބުނިތަނުން ގާޒީ އޭނާ ހުއްޓުވި އެވެ. އަދި ހެކިންނަށް ނަސޭހަތް ދިނުމަކީ މާދިހު ކުރަން ޖެހޭ ކަމެއް ނޫން ކަމަށާއި އެހެންނަމަ ގާޒީ އިންނަވާ ގޮނޑީގައި އިންނާނީ މާދިހު ކަމަށް ގާޒީ ވިދާޅުވި އެވެ.

މާދިހުގެ ސުވާލުތަކަށް ޖަވާބުދެމުން ހެކިވެރިޔާ ބުނެފައި ވަނީ މާދިހު ތެޅިތަން ދުށް ކަމަށާއި އެ ދުވަހު މާދިހު ލައިގެން ހުރީ ނޫ ކުލައިގެ ކަޅު ރޮނގު ދެމި ގަމީހެއް ކަމަށެވެ. އެކަމަކު މާދިހު ތިރިން ލައިގެން ހުރި އެއްޗެއް ހަނދާން ނެތް ކަމަށް އޭނާ ބުންޏެވެ. އަދި ހައެއްކެ މީހުން އެއް ފަހަރާ ހަމަލާ ދެމުންދިޔުމުގެ ސަބަބުން ސީދާ މާދިހު ޖެހީ އަނިޔާ ލިބުނު މީހާގެ ކޮން ތަނެއްގައިކަން ވެސް ބުނެދޭން ނޭނގޭ ކަމަށް ހެކިވެރިޔާ ބުންޏެވެ.

އެ މައްސަލައިގައި ހެކީގެ ގޮތުގައި މީގެ ކުރިން ދައުލަތުން ވަނީ ފަސް ހެކިން ހުށަހަޅައިފަ އެވެ. އެކަމަކު ގާޒީ ވިދާޅުވީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ފަސް ހެކިން ވެސް މިއަދުގެ ޝަރީއަތުގެ މަޖިލީހަށް ގެނައުމަށް މަސައްކަތް ކުރެއްވިން ކަމަށާއި ނަމަވެސް ކަމާ ބެހޭ މުއައްސަސާގެ އެއްބާރުލުން ނުލިބުމުގެ ސަބަބުން ގެނެވުނީ އެންމެ ހެއްކެއް ކަމަށެވެ. އަދި އެފަދަ މުއައްސަސާތަކުން ވަރަށް ގިނަ ވާހަކަތެއް ތަކުރާރުކޮށް ދެއްކި ނަމަވެސް ހަގީގީ ހާދިސާއެއް ހިނގުމުން ލިބެން ޖެހޭ އެއްބާރުލުން ނުލިބޭ ކަމަށް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގައި ދައުވާ ލިބޭ ފަރާތްތަކުގެ ދިފާއުގައި އެމީހުން ވެސް ވަނީ ހެކިން ހުށަހަޅައިފަ އެވެ. އެކަމަކު ގާޒީ ވިދާޅުވީ އެ ހެކިން ޝަރީއަތަށް ހާޒިރު ކުރުމާމެދު ކޯޓުން ގޮތެއް ނިންމާނީ އިތުރަށް ވިސްނެވުމަށް ފަހު އެވެ. އަދި ވިދާޅުވީ ހެކިން ހާޒިރު ކުރުމުގެ ބޭނުމަކީ މާރާމާރީ ހިންގި ތަނުގައި އެއްގޮތަކަށް ވެސް ނެތްކަން ސާބިތުކޮށްދިނުން ކަމަށްވާ ނަމަ ހެކިން ހާޒިރު ނުކުރައްވާނެ ކަމަށެވެ. މި މައްސަލައިގައި ތަހުގީގުގައި ޝަރީފާއި މާދިހު ވެސް ވަނީ ހަނު ހުރެފައި ކަމަށާއި ހާދިސާ ހިނގި ތަނުގައި ނެތް ކަމަށް ބުނެ ދިފާއު ނަގާ ނަމަ އެ ދިފާއު ނަގާފައި އޮންނަން ޖެހޭނީ ޝަރީއަތަށް މައްސަލަ އައުމުގެ ކުރިން ނެގިފައި ކަމަށެވެ.

ގާޒީ ވިދާޅުވީ ދިފާއުގައި މާދިހު ހަތް ހެކިން އަދި ޝަރީފް އަށް ހެކިން ހުށަހަޅާފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެ ހެކިން ހަމައެކަނި ގެނެވޭނީ އެ މީހުންނަކީ މަންޒަރު ވެސް ދުށް މީހުން ކަމަށްވާ ނަމަ ކަމަށެވެ. ގާޒީ ވިދާޅުވީ މީގެ ކުރިން އެކިއެކި މައްސަލަތަކުގައި ދިފާއުގައި ހެކިން ނެރެފައިވާއިރު ހެކިން ނެރެފައި ވަނީ ރަނގަޅަށް ނޫން ކަމަށެވެ.