ޕެރިހުން: އަހުމަދު މުޖުތަބާ

ޗުއްޓީ ހޭދަކޮށްލަން ފްރާންސް އިހްތިޔާރުކު ރަނީ ކީއްވެހެއްޔޭ އަހައިފިއްޔާ ގިނަ މީހުން، އެންމެ ފުރަތަމަ ވެސް ބުނާނީ އެއީ ލޯބިވެރީން ޗުއްޓީ ހޭދަކޮށްލަން އެންމެ މަގުބޫކު އެއް މަންޒިލް ކަމަށެވެ. ޚާއްސަކޮށް ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ 129 އަހަރަށް ވުރެ ގިނަ ދުވަސްވީ އުސް ޓަވަރުގެ ވާހަކައެވެ. އެ ޓަވަރުގެ ފަރުމާގެ ރީތިކަމަކީ، ތާޖުމަހަލް ނޫނަސް އެތަކެއް ލޯބިވެރީންނެއް އެ ޓަވަރުގެ ހިޔަލުގައި ތިބެ އެކަކު އަނެކަކާ ގުޅި ލާމެހިފައިވާ ތަނަކަށް ވާތީއެވެ.

ކޮކާކޯލާ ޔޫރޯ ޕްރޮމޯޝަންގެ ބައިވެރީން ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ރިވަރ ސެއިން ބަލައިލަނީ-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ފްރާންސްގައި މިހާރު ކުރިއަށްދާ ޔޫރޯ 2016 މުބާރާތާ ދިމާކޮށް، ދުނިޔޭގެ މަޝްހޫރު ބެވަރޭޖް ކުންފުނި ކޮކާކޯލާއިން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގި ހާއްސަ ޕްރޮމޯޝަންތަކުގެ ތެރޭން، ރާއްޖޭގައި ކުރިއަށް ގެންދިޔަ ޚާއްސަ ޕްރޮމޯޝަންގެ އެންމެ މުހިއްމު އިނާމަކަށް އޮތީ، ޕެރިހުގެ ޕާކް ޑެސް ޕްރިންސެސްގައި ކުޅޭން ހަމަޖެހިފައިވާ ޔޫރޯ ގަދަ 16ގެ ދެވަނަ މެޗު ބަލައިލުމުގެ ފުރުސަތެވެ. އެއީ ވޭލްސް އާއި ނޯރދަން އަޔަލޭންޑް މެެޗެވެ.

ކޮކާކޯލާ ޔޫރޯ ޕްރޮމޯޝަންގެ ބައިވެރީން ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ރިވަރ ސެއިން ބަލައިލަނީ-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

މިފަހަރު ދައްކަން މިއުޅެނީ މިބުނާ މެޗުގެ ވާހަކައެއް ވެސް ނޫނެ އެވެ. އަދި އައިފިލް ޓަވަރުގެ ވާހަކައެއް ނޫނެވެ. އެހެން ނަމަވެސް އައިފިލް ޓަވަރު ބިނާކޮށްފައިވާ ސަރަހައްދަށް ނިސްބަތްވާ ފަރަންސޭސިވިލާތުގެ އެންމެ މުހިއްމު އެއް ކޯރުގެ ވާހަކަ އެވެ. އެގައުމުގެ ތާރީޚާ ވެސް ގުޅިފައިވާ ނުރައްކާތެރި، އެހެން ނަމަވެސް ލޯބިވެރީންގެ މެދުގައި މަގުބޫލު ރިވަރ ސެއިންގެ ވާހަކައެވެ.

ކޯރުގެ ތާރީޚާއި މިހާރުގެ ވާހަކަތަށް އެހާ ރަނގަޅަށް ސާފު ނުވި ނަމަވެސް، އެތަކެއް ހާސް ލޯބިވެރީންގެ ހިތް ދަމައިގެންފައިވާ، އެ ކޯރުގެ ވަށައިގެން ފްރާންސްގެ ތާރީޚާ ގުޅިފައިވާ ރީތި ބިނާތަކާއި ފުރިހަމަ އިމާރާތްތަކެއް ފެނިގެންދާ ސެއިން ކޯރުގައި ބޯޓު ދުއްވާލުމުގެ އުފާ މިހާރު ވަނީ ކޮކާކޯލާގެ ޔޫރޯ ޕްރޮމޯޝަންގެ ނަސީބުވެރީންނަށް ލިބިފަ އެވެ.

ކޮކާކޯލާ ޔޫރޯ ޕްރޮމޯޝަންގެ ބައިވެރީން ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ރިވަރ ސެއިން ބަލައިލަނީ-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

"މިއީ ވަރަށް ހިތްގައިމު ތަނެއް. ވަރަށް ރީތި ތަނެއް. ދެމަފިރީން އެކުގައި މިތަން ބަލައިލާން އާދެވުމަކީ ހަމަ ލިބޭ ވަރަށް ބޮޑު ނަސީބެއް،" މިފަހަރުގެ ނަސީބުވެރީންގެ ތެރޭގައި ހިމެނޭ، އެކުގައި އުޅޭތާ އެންމެ ދުވަސްވީ ޖޯޑު، އަބްދުﷲ ވަހީދުގެ ދެމަފިރިން ރިވަރ ސެއިން ކްރޫޒަށް ފަހު ބުނެލި އެވެ.

އެ ނަސީބުވެރީންގެ ތެރޭގައި ހިމެނުނު ހަސަން ޝިފާޒާއި އާއިޝަތު އަރޫޝާގެ ދެމަފިރީން ވެސް ބުނީ، "އެ ސަރަހައްދަކީ ހަމަ ހަބޭސް ތަނެއް. ވަރަށް ރީތި،" ކަމަށެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ރިވަރ ސެއިން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ކޮންމެއަކަސް އަމާންކަމާއެކު ވަރަށް އުފަލާއި ހިތްހަމަ ޖެހިތިބެގެން، 777 ކިލޯ މީޓަރުގެ ދި ކޯރުގެ ބޮޑުބައެއްގައި ސަތޭކައަށް ވުރެ ގިނަ މީހުންނާ އެކު ދަތުރުކުރި ބޯޓުގެ ދަތުރު ނިންމާލިއެވެ. ޔޫރޯ މެޗު ބަލަން ކޮކާކޯލާގެ ޚަރަދުގައި ރާއްޖޭން ދިޔަ ޓީމަށް އެކުންފުނިން ފޯރުކޮށްދިން އުފާވެރި ވަގުތޮކޮޅެކެވެ. ކޮކާކޯލާ މޯލްޑިވްސްގެ ޖެނެރަލް މެނޭޖަރު މިލިންދް ދެރާސަރީ ވިދާޅުވި ގޮތަށް މިއީ އެ ނަސީބުވެރީން ފްރާންސްގައި ހޭދަކޮށްލާ ކޮންމެ ވަގުތު ކޮޅަކީވެސް އުފާވެރި، ހަނދާނުން ފޮހުނުލެވޭ ފަދަ ހިތްގައިމު ވަގުތުކޮޅެކެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ރިވަރ ސެއިން -- ސަން ފޮޓޯ: އަހްމަދު މުޖްތަބާ

ޕެރިހުގެ ހުރަހަށް ދެމިގެންދާ މި ކޯރުގެ އެއްފަރާތުން އަނެއްފަރާތަށް ދިއުމަށް، 32 ވަރަކަށް ބްރިޖް ހަދާފައިވެއެވެ. މިއީ ފްރާންސްގެ ކޮމާޝަލް ގޭޓާ ގުޅިފައިވާ މުހިއްމު ކޯރެކެވެ.

ކޯރު ނުރައްކާތެރިވީ ކީއްވެ؟

ސުވާލަކީ މިއީތާއެވެ. މި ހިތްގައިމު ކޯރު ނުރައްކާތެރިވީ ކީއްވެ ހެއްޔެވެ. 1910 ވަނަ އަހަރު ޔޫރަޕަށް ކުރި ވިއްސާރައިގައި އެންމެ ބޮޑު ގެއްލުމެއް ލިބުނު އެއް ސިޓީއަކީ ޕެރިހެވެ. "ކްރު ދެ ލެ ސެން ދަ 1910" ނުވަނަ "1910 ގްރޭޓް ފްލްޑް އޮފް ޕެރިސް" އަކީ ޕެރިހަށް ކުރިމަތިވި ބޮޑު ކާރިސާއެކެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ރިވަރ ސެއިން -- ފޮޓޯ: ދަގާޑިއަން

ފިނިމޫސުމުގެ ވިއްސާރައަކީ ޕެރިހަށް އާކަމެއް ނޫނެވެ. އެހެން ނަމަވެސް 1910 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރީކޮޅުން ފެށިގެން ބޯކޮށް ވެހެންފެށި ވާރޭގެ ސަބަބުން، އެމަހުގެ 21 އާ ހަމައަށް އައިއިރު، ސެއިން ކޯރުގެ ފެންގަނޑު އާދަޔާޚިލާފަށް އުފުލި، އެންމެ ފަހުން ބަންޑުންވީއެވެ. ކޯރުގެ ފެންގަނޑު އާންމުކޮށް ހުނަ ވަރަށްވުރެ އަށް މީޓަރު އުފުލުމުގެ ސަބަބުން ބޮޑު ކާރިސާއެއް ހިގީއެވެ. ޕެރިހުގެ މުހިއްމު އިމާރާތްތައް ބަންދުކޮށް، އާންމުން ރައްކާތެރި ހިސާބުތަކަށް ގެންދަން ޖެހުނެވެ. އެފަހަރު ޕެރިހުގައި ބޮޑުވި ފެންގަނޑު އެއްކޮށް ހިނދެން 35 ދުވަސް ނެގިއެވެ. ރިޕޯޓްތައް ބުނާގޮތުން، ލިބުނު ގެއްލުން އޭރު، 400 މިލިއަން ފްރެންކްސް އަށް އަރައެވެ. މިހާރާ އަޅައިކިޔާނަމަ އެއީ ގާތްގަނޑަކަށް 1.5 ބިލިއަން ޑޮލަރުގެ ގެއްލުމެވެ. މީހަކު މަރުވި ކަމުގެ ރިޕޯޓެއް ނެތްނަމަވެސް، 150،000 ފެންބޮޑުވުމުގެ އަސަރުކޮށް، ސްކަރލެޓް ފީވަރއާއި ޓައިފޮއިޑް ފެތުރޭން މެދުވެރިވިއެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ރިވަރ ސެއިން -- ފޮޓޯ: ވިކިޕީޑިއާ

އެ ބިރުވެރި ހަނދާންތަކަށް 106 އަހަރުވީ ފަހުން އަނެއްކާ މި މަހުގެ ތެރޭގައި ވެސް ސެއިން ކޯރުވަނީ ބަންޑުންވެފައެވެ. މި ޖޫންމަހުގެ ފުރަތަމަ ހަފްތާގައި ކުރި ވިއްސާރައިގައި ސެއިން ކޯރުގެ ފެންގަނޑު، 6.10 މީޓަރަށް އުފުލި، ކޯރު ބަންޑުންވެ ޕެރިހުގައި ފެންބޮޑުވިއެވެ. ކޮންމެ އަހަރެއްގެ ވެސް ފިނި މޫސުމާ ދިމާކޮށް ކުރާ ވިއްސާރައިގައި ސެއިން ކޯރުގެ ފެންގަނޑު އާދަޔާ ޚިލާފަށް އުފުލޭ ނަމަވެސް، ވޭތުވެދިޔަ 30 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އެ ކޯރުގެ ފެންގަނޑު އުފުލުނު ފުރަތަމަ ފަހަރެވެ.

މިފަހަރުގެ ފެންބޮޑުވުމާ ގުޅިގެން ޕެރިހުގައި ހުންނަ ދުނިޔޭގެ އެންމެ ބޮޑު މިއުޒިއަމް ކަމަށްވާ ލޫވް އާއި އެނޫންވެސް އެތަކެއް މިއުޒިއަމްތަކެއް ބަންދުކުރާން ޖެހުނެވެ. އަދި ލޫވް ގައިވާ 250،000 އާޓްވޯކްތައް ރައްކާތެރި ސަރަހައްދުތަކަށް ވަގުތީގޮތުން ބަަދަލު ކުރަން ޖެހުނެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ރިވަރ ސެއިން -- ފޮޓޯ: ދަގާޑިއަން

ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ މުބާރާތައް ފްރާންސް އެންމެ ފަހުގެ ތައްޔާރުތައް ވަނިކޮށް ދިމާވި ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން، އެ މައްސައްކަތަށް ވެސް ބޮޑެތި ހުރަސްތަކެއް އެޅުނުކަމަށް ރިޕޯޓްތައް ބުނެއެވެ.

ކޮންމެ 200 އަހަރަކުން އަހަރުކުން ނުވަތަ 100 އަހަރަކުން އެއްފަހަރު، ފެންބޮޑުވުމުގެ ބޮޑު ކާރިސާއެއް ކުރިމަތިވުމުގެ ފުރުސަތު އޮތްކަމަށް ސައިންސްވެރީން ލަފާކުރާއިރު، 106 އަހަރަށް ފަހު، އަނެއްކާވެސް އެފަދަ ފެންބޮޑުވުމެއް ތަކުރާރުވެދާނޭތީ، ފްރާންސް ސަރުކާރާއި، ރައްޔިތުން ދަނީ އެކަމަށް ވަރަށް ބޮޑަަށް ތައްޔާރުވެ ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ފެންބޮޑުވެ ކޯރު ބަންޑުންވުމުގެ ބިރުވެރިކަން ނެތް ކޮންމެ ހިނދުކޮޅަކީވެސް، ރިވަރ ސެއިންގެ ކޮންމެ ދިމާލަކުންވެސް ހިތްގައިމުކަމާއި، އުފަލާއި ހިތްހަމަޖެހުން ގެނުވައިދޭނޭ ވަގުތު ކޮޅެކެވެ. އެކަން ތާއަބަދު އެ ސަރަހައްދުން ފެންނަން ހުރެއެވެ.

ކޮކާކޯލާ ޔޫރޯ ޕްރޮމޯޝަންގެ ބައިވެރީން ފްރާންސްގެ ވެރިރަށް ޕެރިހުގައި އޮންނަ ރިވަރ ސެއިން ބަލައިލަނީ-- ސަން ފޮޓޯ: އަހްމަދު މުޖްތަބާ