25 Jun 2016, 04:37
އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ގޮސް އުޅުނު ދިވެއްސަކު މަރުވެއްޖެ އެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ މައްކާގައި އުޅެނިކޮށް މަރުވީ ގއ. ދެއްވަދޫ ސޯސަންގޭ އުމުރުން 82 އަހަރުގެ މަރިޔަމް ހަސަން ކަމަށެވެ.
އޭނާ މަރުވީ ރާއްޖެ ގަޑިން ދަންވަރު 1:00 (މައްކާ ގަޑިން 11:00 ) އެހައިކަންހާއިރު ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ ސައުދީ އަށް ދިޔައިރު ވެސް މަރިޔަމަށް ވަރަށް ބޮޑަށް ރޯގާ ޖެހިފައިވާ ކަމަށެވެ. އަދި މަދީނާ އިން މައްކާ އަށް އިއްޔެ އައި ފަހުން ބަލި އިތުރަށް ބޮޑުވި ކަމަށް އޭނާ ވިދާޅުވި އެވެ.
މަރިޔަމް މަރުވީ ހާލު ގޯސްވެގެން ހޮސްޕިޓަލަކަށް ގެންދަން އެމްބިއުލަންސަށް ގުޅިތަނާ ހެންނެވެ.
އޭނާގެ މައްޗަށް ކުރާ ކަށުނަމާދު ފަތިސް ނަމާދަށް ފަހު މަސްޖިދުލް ހަރަމްގައި އޮންނާނެ ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.