25 Jun 2016, 10:17
ކުޅިވަރުގެ ސާމާނު އޮންލައިންކޮށް ވިއްކުމަށް މަޝްހޫރުޔުނިސްޕޯޓްއިން ޔޫރޯގައި އަލަށް ވާދަކުރާ އައިސްލެންޑް ޓީމުން ބޭނުންކުރާ ހޯމް ޖާޒީ ވިކި ހުސްވެއްޖެ އެވެ.
ފްރާންސްގައި ކުރިއަށްދާ ޔޫރޯގައި އެންމެ ހައިރާން ކުރަނިވި ނަތީޖާއެއް ނެރުނު ޓީމުތަކުގެ ތެރޭގައި އައިސްލެންޑް ހިމެނެ އެވެ. ތިން ލައްކަ މީހުންގެ އާބާދީއެއް އޮންނަ އައިސްލެންޑް "ގްރޫޕް އެފް"ގައި ކުޅުނު އެއްވެސް މެޗަކުން ބަލިވެފައި ނުވާ އިރު، ދެވަނަ ބުރުގެ ޖާގައެއް ވެސް ވަނީ ކަށަވަރުކޮށްފަ އެވެ.
ގްރޫޕުގެ ދެ ވަނައިގައި ނިިންމާލި އައިސްލެންޑުން ހަންގޭރީ އާއި ޕޯޗުގަލް އަތުން އެއްވަރުވި އިރު، އޮސްޓްރިއާ އަތުން ވަނީ މޮޅުވެފަ އެވެ. ދެވަނަ ބުރުގައި އަންނަ ހޯމަ ދުވަހު އައިސްލެންޑް ނުކުންނަން ޖެހޭނީ އިނގިރޭސިންނާ ދެކޮޅަށެވެ.
ޔުނިސްޕޯޓުން ވިއްކަމުން ދިޔަ އައިލެސްންޑް ޓީމުގެ ހޯމް ޖާޒީ ހުސްވެފައިވާ އިރު، އެ ވެބްސައިޓުގައި އެންމެ ރަނގަޅަށް ވިކުނު ތަކެތީގެ ލިސްޓުގެ ހަ ވަނައިގައި އޮތީ އެ ޓީމުގެ ހޯމް ޖާޒީ އެވެ.
"މުބާރާތް ފެށުމުގެ ކުރިން ވެސް އައިސްލެންޑްގެ ޖާޒީ އަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަން އަހަރެމެންނަށް އެނގުނު. އެކަމަކު އޭރު އަހަރެމެން އަންދާޒާކުރި ވަރަށްވުރެ، މާ ބޮޑު ތަރުހީބެއް އެ ޖާޒީ އަށް ވަނީ ލިބިފައި،" ޔުނިސްޕޯޓްގެ މެނޭޖިން ޑިރެކްޓަރު ފިލިޕް ޑޮމަގަލާ ބުންޏެވެ.
ޔުނިސްޕޯޓްގައި އެންމެ ރަނގަޅަށް ވިކުނު ތަކެތީގެ ލިސްޓުގެ އެއް ވަނައިގައި ދުނިޔޭގެ ޗެމްޕިއަން ޖަރުމަނުގެ ޖާޒީ އޮތް އިރު، ލިސްޓުގެ ދެ ވަނައިގައި އޮތީ ފްރާންސްގެ ޖާޒީ އެވެ. ލިސްޓުގެ ފަސް ވަނައިގައި އިނގިރޭސިންގެ ހުދު ކުލައިގެ ހޯމް ޖާޒީ އޮތް އިރު، އެންމެ މަދުން ވިކުނު ޖާޒީ އަކީ ޗެކް ރިޕަބްލިކް ޓީމުގެ ޖާޒީ އެވެ.