24 Jun 2016, 23:56
އާޖެންޓީނާ ގައުމީ ޓީމު ދަތުރުކުރަން ހަމަޖެހުނު ފްލައިޓް ޑިލޭ ވުމާ ގުޅިގެން އެ ގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނަށް ކެޕްޓަން ލިއޮނެލް މެސީގެ ފާޑު ކިޔުންތައް އަމާޒުވެއްޖެ އެވެ.
އާޖެންޓީނާ ފުޓްބޯލް އެސޯސިއޭޝަން (އޭއެފްއޭ) އަށް މެސީ ފާޑު ކިޔާފައިވަނީ ކޮޕާ އެމެރިކާގެ ފައިނަލުގައި ޗިލީއާ ދެކޮޅަށް ނުކުންނަ މެޗަށް އެމެރިކާގެ ހައުސްޓަން އިން ނިއު ޖާޒީ އަށް ދަތުރުކުރަން ހަމަޖެހުނު ފްލައިޓް ޑިލޭވުމުން ސާޖިއޯ އަގުއެރޯއާއެކު ނަގާފައިވާ ފޮޓޯއާއެކު ލިޔެފައިވާ މެސެޖަކުންނެވެ.
"އަނެއްކާވެސް އަހަރެމެންނަށް މި ޖެހުނީ ދާން ޖެހޭ މަންޒިލަށް ދަތުރުކުރުމަށް އިތުރު އިންތިޒާރެއް ކުރަން. އޭއެފްއޭ އަކީ ބޮޑު އުނދަގުލެއް،" އިންސްޓަގްރާމްގައި ލިޔުނު މެސެޖުގައި މެސީ ބުންޏެވެ.
މެސީގެ އިންޓަގްރާމް ޕޯސްޓާ ގުޅިގެން އޭއެފްއޭ އިން ވަނީ ބަޔާނެއް ނެރެފަ އެވެ. އެ ބަޔާނުގައި ބުނެފައިވާ ގޮތުގައި، ގައުމީ ޓީމާއެކު ދަތުރުކުރަން ހަމަޖެހުނު ފްލައިޓް ޑިލޭ ވެފައިވަނީ މޫސުން ގޯސްވުމުގެ ސަބަބުންނެވެ. އަދި މުބާރާތުގެ ތެރެއިން ޓްރާންސްޕޯޓުގެ ކަންތައް ހަމަޖައްސާނީ ކޮޕާ އެމެރިކާ އިންތިޒާމުކުރާ ފަރާތުން ކަމަށް ވެސް އޭއެފްއޭގެ ބަޔާނުގައި ބުނެފައިވެ އެވެ.
ކޮޕާ އެމެރިކާގެ ފައިނަލަށް އާޖެންޓީނާ ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި އަމިއްލަ ގައުމުގައި ކުޅެމުންދިޔަ އެމެރިކާގެ މައްޗަށް 4-0 ލަނޑުން މޮޅުވެގެންނެވެ. އެ މެޗުގައި ޖެހި ލަނޑާއެކު އާޖެންޓީނާ އަށް އެންމެ ގިނަ ލަނޑު ކާމިޔާބުކުރި ކުޅުންތެރިޔާގެ މަގާމު މެސީ ވަނީ ހޯދައިފަ އެވެ. މިހާތަނަށް މެސީ ވަނީ ގައުމީ ޓީމަށް 55 ލަނޑު ކާމިޔާބުކޮށްދީފަ އެވެ.
އާޖެންޓީނާ އިން 23 އަހަރަށްފަހު ބޮޑު މުބާރާތެއްގެ ތަށްޓެއް ހޯދުމަށް ޗިލީއާ ދެކޮޅަށް ނުކުތުމަށް ހަމަޖެހިފައިވަނީ އަންނަ ހޯމަ ދުވަހު އެވެ. މިދިޔަ އަހަރުގެ ކޮޕާ އެމެރިކާގެ ފައިނަލުގައި ވެސް ވާދަކޮށްފައިވަނީ ޗިލީ އާއި އާޖެންޓީނާ އެވެ. އެ މެޗު ޕެނަލްޓީ ޖަހައިގެން މޮޅުވެ، ޗެމްޕިއަންކަން ހޯދީ ޗިލީ އެވެ.