މާލޭ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން ނެގުމަށް ޖީއެމްއާރުން ނިންމައިފައިވާ 25 ޑޮލަރުގެ އެއާޕޯޓް ސާވިސް ޗާޖު (އޭޑީއެސް) މަޖިލީހުން ފާސްނުކޮށް ނުނެގޭނެ ކަމަށް އިދިކޮޅު މެމްބަރުން ވިދާޅުވަމުން ގެންދަވަނިކޮށް އޭޑީއެސް ނެގުމުގެ މަސައްކަތްތައް ޖީއެމްއާރުން ފަށައިފި އެވެ.

ޖީއެމްއާރު މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގެ ސީއީއޯ އެންޑްރޫ ހެރިސަން މި މަހުގެ 16 ވަނަ ދުވަހު އެއާލައިންތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނަނީ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ އާއި އެކު އޮކްޓޯމްބަރު 17، 2010ގައި ސޮއިކޮށްފައިވާ ކޮންސެޝަން އެއްބަސްވުމުގެ ދަށުން ބޭރަށް ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އޭޑީސީގެ ގޮތުގައި 25 ޑޮލަރު ނެގުމުގެ އިހުތިޔާރު ޖީއެމްއާރަށް ލިބިގެންވާ ކަމަށެވެ.

އަދި އެ އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު ހިމަނާނީ އެއާލައިންތަކުން ވިއްކާ ޓިކެޓު އަގުގެ ތެރޭގައި ކަމަށާއި އެ ފައިސާ ފަސިންޖަރުން އަތުން ނަގުމާއި އަދި ޖީއެމްއާރަށް ދެއްކުމުގެ ހުރިހާ ޒިންމާ އަދާކުރާނީ އެއާލައިންތަކުން ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ނަމަވެސް، އެއާޕޯޓް ޓްރާސްޕޯޓް އެސޯސިއޭޝަންގައި ހިމެނޭ އެއާލައިންތަކުން އެ ޗާޖު ނެގުމުގައި އަމަލުކުރާނެ އުސޫލު އަންނަ މަހުގެ 30 ވަނަ ދުވަހުގެ ކުރިން ފޮނުވާނެ ކަމަށް ވެސް އެ ސިޓީގައި ބުނެފައިވެ އެވެ.

ޖީއެމްއާރުގެ މީޑިއާ އޮފިޝަލަކު ވެސް، އެއާޕޯޓް ޑިވެލޮޕްމަންޓް ޗާޖު ނެގުމުގެ މަސައްކަތް ފެށުމަށް އެއާލައިންތަކާ މަޝްވަރާކުރަން ފަށައިފައިވާ ކަން ކަށަވަރުކޮށްދެއްވައިފަ އެވެ. ނަމަވެސް، އެ ޗާޖު ނެގޭނެ ކަމާ މެދު ވަނީ ގާނޫނީ ގޮތުން ސުވާލު އުފެދިފަ އެވެ.

ގާނޫނު އަސާސީގެ 97 ވަނަ މާއްދާގެ ދަށުން ދައުލަތަށް އާމްދަނީއެއް ހޯދުމަށް އެއްވެސް ޓެކުހެއް ނުވަތަ އެ ނޫންވެސް އެއްޗެއް ނަގަން ޖެހެނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގާނޫނެއްގެ ދަށުން ކަމަށްވާއިރު، މަޖިލީހުން ފާސްނުކޮށް ޖީއެމްއާރަށް 25 ޑޮލަރުގެ އޭޑީއެސް ނުނެގޭނެ ކަމަށް މަޖިލީހުގެ އިދިކޮޅު މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ޓެކްސް ނެގުމާ ގުޅޭ ދާއިރާއެއްގެ ތަޖުރިބާކާރު ބޭފުޅަކު ވިދާޅުވީ، ޖީއެމްއާރުން ވިޔަފާރީގެ ގޮތުގައި ފައިދާއެއް ހޯދުމަށް އެއްޗެއް ނެގުމަކީ އަދި މުޅިން އެހެން ކަމެއް ކަމަށާއި އެއީ ގާނޫނުގައި ބުނާ ފަދަ ޓެކްސްގެ ކެޓަގަރީއަށް ފެތޭނެ އެއްޗެއް ނޫންކަމަށެވެ.

"އަސްލު ވިޔަފާރިއެއް ކުރަމުން އަންނަ އިރު ފައިދާއެއް ހޯދުމަށް އެއްޗެއް ނެގުމަކީ އެ ކުންފުންޏެއްގެ ކަމެއް. އެހެން ވީމާ ޓެކްސްއޭ އެއީ ސީދާ ނުބުނެވޭނެ. އެކަމުގައި ދެކޮޅަށް ވެސް ވާހަކަ ދެއްކިދާނެ،" ނޫހުގައި ނަން ނުޖެހުމަށް ޝަރުތުކޮށް އެބޭފުޅާ ވިދާޅުވި އެވެ.

ނަމަވެސް، އެއާޕޯޓް އަނބުރާ ހޯދުމުގެ މަސައްކަތް ފައްޓަވައިފައިވާ މަޝްހޫރު ގާނޫނީ ވަކީލާ އާއިޝަތު އާޒިމާ ޝުކޫރު މިއަދު ވިދާޅުވީ، ކޮންމެ ނަމެއް ކިޔައިގެން ފަސިންޖަރުންގެ އަތުން އެއްޗެއް ނެގި ކަމުގައިވިޔަސް އެ ބެލެވޭނީ ޓެކްސްގެ ގޮތުގައި ކަމަށާއި އެކަން އެގޮތަށް ނުކުރެވޭނެ ކަމަށެވެ.

"ވަރަށް ސާފު ކޮންމެ ނަމެއް ކިޔަސް އެއީ ރޯޔަލްޓީ ސާވިސް ޗާޖް ނޫނީ އެހެން ނަމެއް ކިޔައިގެން ކަމަށްވިޔަސް ގާނޫނުގައިވާ ގޮތުން ޓެކްސްއެއް ނަގަން ޖެހޭނީ މަޖިލީހުން ފާސްކޮށްގެން. އެގޮތަކަށް ނަން ކިޔައިގެން އެގޮތަކަށް ފައިސާއެއް ނުނެގޭނެ. ގާނޫނުގައި އޮންނަ ގޮތަށް މަޖިލީހުން އެކަން ނިންމަންޖެހޭނީ،" އާޒިމާ ވިދާޅުވި އެވެ.

ޖީއެމްއާރަށް އެއާޕޯޓް ހަވާލުކުރި މައްސަލައިގައި ބޮޑެތި ފާޑުކިޔުންތަކެއް މިހާރު ވެސް ސަރުކާރަށް އަމާޒުވަމުންދާއިރު، މަޖިލީހުން ފާސްނުކުރަނީސް އެއާޕޯޓް ޑިވެލޮޕަންޓް ޗާޖު ނެގުމުގެ މަސައްކަތް ފެށުމާ ގުޅިގެން ބޮޑަތި މައްސަލަތަކެއް ނުކުމެދާނެ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

މީގެ އިތުރުން، އެ ކުންފުނިން ސަރުކާރަށް ދައްކަން އެއާޕޯޓް ސާވިސް ޗާޖާއި ޖެޓް ފިއުލް ރީއެކްސްޕޯޓް ރޯޔަލްޓީ ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭ ނުދެއްކުމާއި އެމްއޭސީއެލްއަށް ދައްކަން ޖެހޭ ކޮންސެޝަން ފީ އަދިވެސް ނުދައްކާވާ މައްސަލަ ވަނީ ފެންމަތިވެފަ އެވެ. މީގެ އިތުރުން ދާދި ފަހުން އެއާޕޯޓްގެ ބިމު ކުލި 50 ޕަސަންޓް ބޮޑުކުރަން ނިންމި މައްސަލަ ވެސް ހޫނުވި އެވެ.