މައިގަނޑު މަސައްކަތަކަށް ވަނީ ފުލުހުންގެ ހިދުމަތް ތަރަށްގީކޮށް ފުލުހުންގެ ތަސައްވުރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް ކަމަށް ހުސްވި ހަފްތާގެ ތެރޭގައި ހޯމް މިނިސްޓަރުގެ މަގާމާ ހަވާލުވެ ވަޑައިގެން އަހުމަދު ޒުހޫރު ވިދާޅުވެއްޖެ އެވެ.

މަގާމާ ހަވާލުވެ ވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނާއި ބައްދަލު ކުރެއްވުމަށްފަހު ވާހަކަފުޅުދައްކަވަމުން ޒުހޫރު ވިދާޅުވީ ކޮންމެ ފުލުހަކުވެސް އިހުލާސްތެރިކަމާއެކު މަސައްކަތްކުރެއްވުމަކީ އެމަނިކުފާޏުގެ އެދުމެއް ކަމަށެވެ.

ހަމަ އެހެންމެ ކުރާ ކޮންމެ މަސައްކަތަކީވެސް އެފުލުހެއްގެ ގާބިލުކަން ތަންދިން އެންމެ ފުރިހަމަ ގޮތުގައި ކުރާ މަސައްކަތެއްގެ ގޮތުގައި ހެއްދެވުމަށްވެސް އެގްޒެކެޓިވް ބޯޑުގެ މެމްބަރުންގެ ކިބައިން މިނިސްޓަރ ޒުހޫރުވަނީ އެދިވަޑައިގެންފަ އެވެ.

އެބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު އަރީފް ވަނީ ފުލުހުންގެ މަސައްކަތްތައް އިންތިޒާމުކޮށްގެން ކުރިޔަށް ގެންދެވޭ ގޮތާއި މަސައްކަތުގައި ހުރި ދަތިތައް ހޯމް މިނިސްޓަރާ ހިއްސާކުރައްވާފަ އެވެ.

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސައިން އާދަމް ބިލްޑިންގުގައި އިއްޔެ އޮތް ބައްދަލުވުމުގައި މިނިސްޓަރ އަހުމަދު ޒުހޫރުގެ އިތުރުން ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު އަރީފް އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަހުމަދު ސައުދީ އާއި ފުލުހުންގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.