ފްރާންސްގެ ގައުމީ ޓީމާ ހަވާލުވުމުގެ ވިސްނުމެއް ނެތް ކަމަށް އާސެނަލްގެ ކޯޗު އާސެން ވެންގާ ބުނެފި އެވެ.

ފްރާންސްގެ ގައުމީ ޓީމުގެ ކޯޗުކަމާ ހަވާލުވެދާނެ ކަމުގެ އިޝާރާތެއް މި މަހުގެ ކުރީކޮޅު ވެންގާ ދީފައިވީ ނަމަވެސް، ކްލަބު މެނޭޖްމަންޓް ދޫކޮށްލަން ނޫޅޭ ކަމަށް ފަހުން އޭނާ ވަނީ ބުނެފަ އެވެ. އާސެނަލްއާއެކު ވެންގާ ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އޮތީ އެންމެ އަހަރެކެވެ.

އަމިއްލަ ގައުމުގައި ބާއްވާ ޔޫރޯގެ ދެވަނަ ބުރަށް ޑިޑިއާ ޑިޝޯމްޕްސްގެ އިރުޝާދުގެ ދަށުން ކުޅެމުންދާ ފްރާންސް ދަތުރު ކޮށްފައިވަނީ "ގްރޫޕް އޭ"ގެ އެއް ވަނައިގެ ގޮތުގައެވެ. އެ ޓީމުން ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން މޮޅުވެ، އެއް މެޗުން އެއްވަރުވެފަ އެވެ.

"މިހާރު ގައުމީ ޓީމުގެ މެނޭޖްމަންޓުގެ ތެރެއަށް ވަނުމުގެ ދުވަސްތައް ހިނގައްޖެ. އަހަރެން ބޭނުންވަނީ މުބާރާތުގައި އަހަރެންގެ ގައުމުން ރަނގަޅު ނަތީޖާއެއް ނެރުން. އަހަރެންގެ ގައުމުން މިހާރު ކުރިމަތި ލަމުންދަނީ ވަރަށް އުނދަގޫ ދުވަސްތަކަކާ. އަހަރެމެން މިދަނީ ވަރުގަދަ އަށް ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަ ކުރަމުން،" ފްރާންސަށް އުފަން ކޯޗު ވެންގާ ބުންޏެވެ.

އޭނާ ބުނީ، ފްރާންސަށް މިހާރު ބޭނުންވަނީ އުފާވެރިކަން ކަމަށާއި ޔޫރޯ އިން އެ ގައުމަށް އެކަން ހާސިލުކުރެވޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

ޔޫރޯގެ ދެވަނަ ބުރުގައި އަންނަ އާދީއްތަ ދުވަހު ފްރާންސް ނުކުންނަން ޖެހޭނީ ރިޕަބްލިކް އޮފް އަޔަލެންޑާ ދެކޮޅަށެވެ. އެ މެޗު ފެށުމަށް ހަމަޖެހިފައިވަނީ އެ ދުވަހުގެ އިރުއޮއްސި 6:00 ގައެވެ.