24 Jun 2016, 16:24
މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ މާލޭގައި ވަޅިން ހަމަލާދީ މ. ސަރުމާގޭ ފާތިރު މުހައްމަދު އަލީ މަރާލި ކަމުގެ ތުހުމަތުގައި ހޯދަން އިއުލާންކުރި އުމުރުން 15 އަހަރުގެ ގދ. ތިނަދޫ، ލަވްނެސްޓް، އިބާދަތު ލަތީފު ފިލައިގެން އުޅެނިކޮށް ހޯދައި ހައްޔަރުކޮށްފި އެެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައި މިއަދު ހެނދުނު ހުޅުމާލެއިން ކަމަށެވެ.
އެކުއްޖާ ފެނުނު ކަމުގައި ވިޔަސް އެ މައްސަލައާ ގުޅިގެން ހޯދަން އިއުލާންކުރި މ. ކުރިރުއްގެ، އިރުފާން ރުޝްދީ،21، އަދިވެސް ނުފެންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އިރުފާން އުޅޭތަނެއް އެނގޭ ފަރާތެއް ވާނަމަ ނުވަތަ އެއްވެސް ގޮތަކުން އޭނައާ ބެހޭ މައުލޫމާތެއް ލިބިފައިވާ ފަރާތެއް ވާނަމަ މޯލްޑިވްސް ޕޮލިސް ސާވިސްގެ ހޮޓްލައިން 3322111 ނުވަތަ ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓުގެ ނަންބަރު 9911099 އަށް ގުޅުއްވައި އެ މައުލޫމާތު ހިއްސާކޮށްދެއްވުމަށް ފުލުހުން ވަނީ އެދިފައެވެ.
ފާތިރަށް ވަޅިން ހަމަލާ ދީފައިވަނީ މިދިޔަ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 9:30 ހާއިރު ގެއިން ނުކުންނަން އުޅެނިކޮށް ދެމީހުންގެ ގްރޫޕަކުންކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ ފާތިރުގެ ވައަތު ކޮނޑާއި އަރިކަށީގެ ހަތަރު ތަނަކަށް ވަޅިހަރާފައިވާ ކަމަށެވެ.