24 Jun 2016, 19:46
ޔޫރަޕްގެ އިއްތިޙާދުން ނުކުތުމަށް އިނގިރޭސިވިލާތުގެ ރައްޔިތުން ނިންމި ނިންމުމަށް އިހްތިރާމް ކުރައްވާ ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ޔޫރަޕްގެ އިއްތިޙާދަށް ނިކަމެތިކަންލިބި އެއިއްތިޙާދު މިހާރަށްވުރެ ބަލިކަށި ވެގެންދާނެކަމަށް އެއިއްތިޙާދުގެ ރައީސް ޑޮނަލްޑް ޓުސްކު ވިދާޅުވެއްޖެއެވެ.
ޔޫރަޕްގެ އިއްތިޙާދުން ނުކުތުމަށް އިނގިރޭސިވިލާތުގައި ބޭއްވި ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއަށްފަހު ދެއްވި ބަޔާނެއްގައި ޓުސްކު ވިދާޅުވީ މިކަމުގެ ސަބަބުން އެއިއްތިޙާދަށް ނިކަމެތިކަން ލިބިއްޖެ ކަމަށާއި ނަމަވެސް އެއިއްތިޙާދުގެ ސަފުތައް ވަރުގަދަކުރަން މަސައްކަތް ކުރައްވާނެކަމުގައެވެ. މިކަމަށްޓަކައި އިނގިރޭސިވިލާތް ނުހިމެނޭގޮތަށް ޔޫރަޕްގެ އިއްތިހާދުގެ އަނެއް 27 ގައުމުގެ އިސްވެރިންގެ ސަމިޓެއް ބޭއްވުމާމެދު މަޝްވަރާކުރަމުންގެންދާކަމަށް ޓުސްކު ވިދާޅުވިއެވެ.

އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން
ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް އިނގިރޭސި ރައްޔިތުން ނިންމީ 51.9 އިންސައްތައިގެ އަޣްލަބިއްޔަތަކުންނެވެ. މިނިންމުމާ ގުޅިގެން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ވަނީ މަގާމުން އިސްތިއުފާ ދެއްވުމަށް ނިންމަވައި އެކަން އިޢްލާން ކުރައްވާފައެވެ. އިސްތިއުފާ ދެއްވާނީ އަންނަ އޮކްޓޯބަރުމަސް ފެށޭތާނގައި ކަމަށްވެސް ކެމެރޮން ވިދާޅުވިއެވެ.
އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުގައި ދެމިއޮތުމަށް ތާއީދުކުރާ ފަޅި ލީޑްކުރެއްވީ ކެމެރޮން އެވެ. މިފަޅިއަށް ވޯޓު ނާކާމިޔާބުވުމުން އިނގިރޭސި ރައްޔިތުންގެ މެދުގައި ކެމެރޮންގެ މަގްބޫލުކަން ދަށްވެފައިވާ މިންވަރު ހާމަވެގެންދިޔުމުގެ އިތުރުން މިއީ ސިޔާސީގޮތުން ހަޔާތުގައި ލިބިވަޑައިގެންނެވި އެންމެ ބޮޑު ނާކާމިޔާބީ ކަމަށް ކެމެރޮން ވަނީ ސިފަކުރައްވާފައެވެ.
ކެމެރޮން ވިދާޅުވީ ޔޫރަޕްގެ އިއްތިހާދާ ދުރަށް އެކަހެރިކަމާއެކު އިނގިރޭސި "ނައު" ދަތުރުކުރާއިރު އެނައުގެ ކެޕްޓަނަކަށް އޭނާ ހުންނެވުމަކީ މުނާސިބު ކަމެއްނޫން ކަމުގައެވެ. އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމުން އެގައުމަށް ޒާތީގޮތުން ބޮޑު މިނިވަންކަމަކާއި ބޭނުންކަމެއް ބޭނުންގޮތަކަށް ނިންމުމުގެ އިޚްތިޔާރު ތަކެއް ލިބިގެންދިޔަ ނަމަވެސް މިކަމުގެ ސަބަބުން ދުއިސައްތަ އެތަށް ބިލިޔަން ޑޮލަރެއްގެ ވިޔަފާރީގެ ގެއްލުންވެސް އިނގިރޭސި އިގްތިސާދާ ކުރިޔަށްއޮތްތާނގައި ލިބިގެންދާނެ ކަމަށް އިގްތިސާދީ މާހިރުން ވިދާޅުވެއެވެ.

ޔޫރަޕްގެ އިއްތިޙާދަށް ބަލާއިރު އިނގިރޭސިވިލާތް އެއިއްތިޙާދަށް ގެއްލުމުން އެއިއްތިޙާދުގެ އިގްތިސާދުގެ ހަބައިކުޅަ އެއްބައި ގެއްލިގެންދާނެއެވެ. މިއާއެކު ރަޝިޔާއާއި ޗައިނާފަދަ ގައުމުތަކާ ކުރިމަތިލުމުގައި ޔޫރަޕްގެ އިއްތިޙާދު މިހާރަށްވުރެ އެތަށް ތަނެއް ސިޔާސީގޮތުންނާއި އިގްތިސާދީގޮތުން ބަލިކަށި ވެގެންދާނެއެވެ. އަނެއްކޮޅުން އިނގިރޭސި ރައްޔިތުންގެ މިނިންމުމުން ފިލާވަޅު ލިބިގެން ފަރަންސޭސިވިލާތާއި ޖަރުމަނު ފަދަ ގައުމުތަކުން ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް މުސްތަގްބަލްގައި ނިންމުމަކީވެސް ދުރުކަމެއްނޫންކަމަށް މުފައްކިރުން ދެކެއެވެ.
ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް އިނގިރޭސި ރައްޔިތުން ނިންމުމުގެ ކުރިން އެއިއްތިޙާދުގެ ރައީސް ޑޮނަލްޑް ޓުސްކު ވަނީ އެކަމުގެ ނުރައްކާތެރިކަމުގެ އިންޒާރު ދެއްވާފައެވެ. ޓުސްކު ވިދާޅުވެފައިވަނީ އިނގިރޭސީން ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ނިންމައިފިނަމަ ޔޫރަޕްގެ ބޮޑެތި އެހެން ގައުމުތަކުންވެސް އެގޮތަށް ނިންމާނެ ކަމަށް ބެލެވޭ ކަމަށާ މިކަމުގައި ޑޮމިނޯ އިންޕެކްޓްތަކެއް ހުންނާނެ ކަމުގައެވެ. އަދި އެންމެ ގައުމަކުންވެސް ޔޫރަޕްގެ އިއްތިޙާދުން ވަކިވުމަށް ނިންމައިފިނަމަ އެކަން ވެގެންދާނީ ޔޫރަޕްގެ ވަހްދަތު ރޫޅި ހަތުރުވެރިކަމާއި ތަޅާފޮޅުމާއި ވަކިވެގަތުމުގެ މާޒީ ޔޫރަޕްގައި އަލުން އިޢާދަވުމުގެ ދޮރެއް ކަމަށް ޓުސްކު ވިދާޅުވެފައިވެއެވެ.އިނގިރޭސިވިލާތް ޔޫރަޕްގެ އިއްތިޙާދަށް ފުރަތަމަ ވަދެފައިވަނީ 1973 ވަނަ އަހަރުގައެވެ. އެއަށްފަހު ޔޫރަޕިޔަން ކޮމިއުނިޓީ ބަދަލުވީ ކޮމަންމާކެޓް އަށެވެ. ދެން ޔޫރަޕްގެ އިއްތިޙާދަށެވެ.
ޔޫރަޕްގެ ގައުމުތަކަކީ ޒަމާނުއްސުރެވެސް ތަޅާފޮޅުމާއި ލޭއޮހޮރުވުމާއި އެއްގައުމު އަނެއް ގައުމާ ދިމާކޮށް އަތްއިސްކުރުމުގެ ހުތުރު އަދި އަނިޔާވެރިކަމުގެ ތާރީޚެއް އޮތް ބައްރެކެވެ. ޔޫރަޕަށް މިހާރު އައިސްފައިވާ ހަމަޖެހުމަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު އައި ހަމަޖެހުމެކެވެ. ޓުސްކު ވިދާޅުވީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕްގައި އުފެދިފައިވާ ހަމަޖެހުމާއި ތަރައްގީ ހާލަތު ނިމުމަކަށް އައިސް ޔޫރަޕްގެ ގައުމުތަކަކީ އެއްގައުމު އަނެއްގައުމާ ވާދަވެރި އިދިކީލި ގައުމުތަކެއްގެ ގޮތުގައި އަނެއްކާވެސް ފާޅުވަމުން ދިޔުމަކީ އެކަށީގެންވާ ކަމުގައެވެ.

އިނގިރޭސީން، ވިލާތުގެ އިއްތިޙާދުން ވަކިވެއްޖެނަމަ މިބިރު ބޮޑުވެގެންދާނެ ކަމަށާއި މިފަދަ ހާލަތެއްގައި ޔޫރަޕްގެ ޙަޟާރަތުވެސް އަލުން ފުނޑުފުނޑުވެގެން ދާ ހިސާބަށްވެސް ކަންތައް ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ. ޓުސްކަކީ ޔޫރަޕްގެ ތާރީޚާއި ޔޫރަޕްގެ ރައްޔިތުންގެ ސުލޫކާއި ސަގާފަތު ކިޔަވައި ވިދާޅުވެގެން އަދި އެކަންކަން އަމިއްލަ ގޮތުން ދިރާސާވެސް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.
ދުނިޔޭގައި މިހާތަނަށް ހިންގާފައިވާ އެންމެ ބޮޑެތި ހަނގުރާމަތަކާއި މުޅި ދުނިޔެ ސިއްސައިގެންދާފަދަ އިންސާނިއްޔަތާއި ޚިލާފު ޖަރީމާތައްވެސް ހިންގާފައިވަނީ ޔޫރަޕްގައި ހިނގި ހަނގުރާމަތަކުގައި ޔޫރަޕްގެ ގައުމުތަކުން އެބައްރުގެ ބިމުގައެވެ. އަދި ހިޓްލަރާއި މޮސިލީނީފަދަ އަނިޔާވެރިންވެސް ފާޅުވެފައިވަނީ ޔޫރަޕުންނެވެ. އަދި ތާރީޚަށް ބަލާއިރު ގައުމުތައް އަޅުވެތިކުރުމާއި އިސްތިއްމާރާއި ނަސްލީ އިމްތިޔާޒާއި ބާރުރުގެ ބޭނުންކޮށްގެން ގައުމުތަކަށް އަރައިގަނެ މުދަލާއި މުއްސަނދިކަން ފޭރިގަތުމުގެ ބޮޑެތި ޖަރީމާތަކަކީވެސް ޔޫރަޕުން ފާޅުވިކަންކަމެވެ.
މިހާރަށް ބެލިނަމަވެސް ޔޫރަޕްގެ ގައުމުތަކަކީ އިންސާނީ ހައްގުތަކާއި ޑިމޮކްރަސީގެ ނަމުގައި ދުނިޔޭގެ ގައުމުތަކަށް ބިރުދައްކައި ގައުމުތަކުގެ ދާޚިލީ މަސްލަހަތު ނަގާލައި ބާރުގެ ބޭނުންކޮށްގެން ޔޫރަޕްގެ ލާދީނީ ފިކުރު ޕްރޮމޯޓް ކުރުމުގެ ވިސްނުން ގެންގުޅޭ ގައުމުތަކެކެވެ. މިއީ ގަދީމީ އިސްތިޢްމާރުގައި ޔޫރަޕް ނާކާމިޔާބުވުމުން ޔޫރަޕުން ޒަމާނީ އިސްތިއްމާރު ކުރިޔަށްގެންދާ ގޮތްކަމަށްވަނީ ބެލެވިފައެވެ. (ނޫސްއެޖެންސީތައް)