24 Jun 2016, 15:28
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލުމުގައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބައިވެރިވި ކަމުގެ އެއްވެސް މައުލޫމާތެއް ތަހުގީގަށް ލިބިފައިނުވާ ކަމަށް ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެ އެވެ.
ޓްވިޓާގައި މީހަކު ކުރިމަތިކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވާ ރިޔާޒު ވިދާޅުވީ އަފްރާޝީމްގެ މަރާ ރައީސް ޔާމީނާ ގުޅުމެއް ވާކަމުގެ އެއްވެސް މައުލޫމާތެއް އޭނާ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިރު، ތަހުގީގަށް ލިބިފައިނުވާ ކަމަށެވެ.
@seinteyDr. Afrashim avahaara kollumugai R. Yaamin aai evves gulhumehvaakamuge evves mauloomaatheh thahqeeqah nulibey alhugandu huri iru!
— Abdulla Riyaz MP (@riyazabdulla)June 24, 2016
ޑރ. އަފްރާޝީމް އަވަހާރަކޮށްލުމުގެ އަޑީގައި ތިބި ބަޔަކު އަދި ފެނިފައި ނުވެއެވެ. އަފްރާޝީމް މަރާލި ކަމުގެ ކުށް ސާބިތުވި ހ. ލޮބީ ހުސައިން ހުމާމް އަހުމަދު ތަހުގީގަށް ދީފައިވާ ބަޔާނުގައި ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލަން އޭނާ އަށް ހުށަހެޅީ ހ. ހިލްޓަން އަޒުލިފް ރައޫފު ކަމަށެވެ. އަދި އަފްރާޝީމް މަރާލުމުގައި ހުމާމާ އެކު އަމަލީގޮތުން ދެން ބައިވެރިވީ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) ކަމަށް ވެސް އެ ބަޔާނުގައި ހުމާމް ވަނީ ބުނެފަ އެވެ.
ހުމާމް ބުނެފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލުމުން ހަތަރު މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަޒުލިފާއި ލ. ގަމު، ތުނޑި، ނޫއަލި އާދަމް ސޮލާހު (ސްޕައި) އޭނާގާތު ބުނި ކަމަށެވެ.
އަޒުލިފާއި ސްޕައިގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ ދަނބިދަރިއެއް ކަމުގައިވާ މ. ޖަރީމާގޭ އަބްދުﷲ ޖާވިދު (ޖާ) އާއި އޭނާގެ ބޭބޭ ޝާހީމް މުހައްމަދު ވެސް އަފްރާޝީމް އަވަހާރަކޮށްލުމުގެ ކުރިން ހުމާމާ ބައްދަލުކޮށްފައިވާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ ޓީވީއެމްގެ ދީނީ ޕްރޮގްރާމެއްގައި ބައިވެރިވެވަޑައިގަތުމަށް ފަހު، އެމަނިކުފާނު ދިރިއުޅުއްވާ ހ. ފުންވިލުގެ އަށް ވަދެވަޑައިގަންނަވަނިކޮށް އެ ރޭ 11:30 އާއި 1:00އާ ދެމެދުގެ ވަގުތެއްގަ އެވެ.
ޑރ. އަފްރާޝީމް އަލީ ވާހަރަކޮށްލުމުގެ ކުށުގައި ހުމާމް މަރަން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު އެވެ. އެ ހުކުމަށް ހައިކޯޓުން ތާއީދުކޮށްފައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ހަތްވަނަ ދުވަހު އެވެ. އަދި ރޭ ސުޕްރީމް ކޯޓުން ވެސް ވަނީ އެ ހުކުމަށް ތާއީދުކޮށްފަ އެވެ.