މިދިޔަ މާޗް މަހުގެ 11 ވަނަ ދުވަހު ޖަޕާނަށް އައި ބިންހެލުމާއި ސުނާމީގެ ސަބަބުން ލިބުނު ގެއްލުންތަކުން އަރައި ގަތުމަށް އެހީތެރިވުމުގެ ގޮތުން ދިވެހި ރެޑްކްރެސެންޓުން އެއްކުރި 33296 ޑޮލަރު މިއަދު ޖަޕާން ރެޑްކްރޮސްއާ ހަވާލުކޮށްފި އެވެ.

ދިވެހި ރެޑްކްރެސެންޓް ސޮސައިޓީން މިއަދު އާއްމު ކުރި ހަބަރެއްގައި ބުނެފައި ވަނީ އެސޮސައިޓީން އެއްކުރި ފައިސާ ޖަޕާން ރެޑްކްރޮސްގެ ރައީސް ޓަޑަޓެރު ކޮނޮއިއާ ހަވާކުކޮށްދެއްވީ ރާއްޖެ އިން ޖަޕާނަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ހަލީލު ކަމަށެވެ.

ޖަޕާންގެ ވެރިރަށް ޓޯކްޔޯގައި ހުންނަ ޖަޕާން ރެޑްކްރޮސްގެ އޮފީހުގައި ބޭއްވި ހަފްލާއެއްގައި ދިވެހި ރެޑްކްރެސެންޓް ސޮސައިޓީން ޖަޕާން ރެޑްކްރޮސްއާ އެ ފައިސާ ހަވާލުކޮށްފައި ވަނީ ދިވެހި ރާއްޖޭގެ ވަކިވަކި ފަރުދުންނާއި ކުންފުނިތަކުން ޖަޕާން ރައްޔިތުންނަށް ވީ އެހީއެއްގެ ގޮތުގައި ކަމަށް ދިވެހި ރެޑްކްރެސެންޓުން ބުނެފައިވެ އެވެ.

ޖަޕާނަށް އެހީވުމަށް ފައިސާ ހޯދުމަށްޓަކައި ދިވެހި ރެޑް ކްރެސެންޓުން ވަނީ މާޗް މަހުގެ 16 ވަނަ ދުވަހުން ފެށިގެން މި މަހުގެ 11 ވަނަ ދުވަހުގެ ނިޔަލަށް ފަންޑު ފޮއްޓެއް ބަހައްޓައިގެން މަސައްކަތްކޮށްފަ އެވެ.

ދިވެހި ރެޑް ކްރެސެންޓް ސޮސައިޓީގެ ސިޓީއަކާ އެކު ޖަޕާން ރެޑްކްރޮސްއާ ހަވާލުކުރި ފައިސާގެ އެހީއާ ހަވާލުވެވަޑައިގެންނެވުމަށް ފަހު ޖަޕާން ރެޑްކްރޮސްގެ ރައީސް ވަނީ ދިވެހިން ވެދިން އެހީއަށް ޝުކުރު އަދާކުރައްވައިފަ އެވެ.