24 Jun 2016, 13:20
ލަންޑަން (ޖޫން 24): ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވުމަށް އިނގިރޭސިވިލާތުގެ 52 ޕަސެންޓު ރައްޔިތުން ވޯޓު ދިނުމާ އެކު އެގައުމުގެ ބޮޑުވަޒީރު ޑޭވިޑް ކެމެރަން މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.
އިއްޔެ އެ ގައުމުގައި ބޭއްވި ވޯޓަށް ފަހު ގައުމުގެ ރައްޔިތުންނާ ވާހަކަފުޅު ދައްކަވަމުން ކެމެރަން ވަނީ އިނގިރޭސިންގެ ނިންމުމަށް އިހުތިރާމް ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.
"އިނގިރޭސިވިލާތުގެ ރައްޔިތުން ވަނީ އީޔޫ އިން ވަކިވާން ނިންމާފައި އަދި އެނިންމުމަށް އިހުތިރާމް ކުރަން ޖެހޭނެ. އެނިންމުމާ މެދު އެއްވެސް ޝައްކެއް ނެތ.. އަދި ކުރިއަށް އޮތް މަންޒިލަށް އަޅުގަނޑުމެން ގެންދާނެ ކެޕްޓަނަކަށް އަޅުގަނޑުވުމަކީ ރަނގަޅު ގޮތް ކަމަށް އަޅުގަނޑު ނުދެކެން،" ކެމެރަން ވިދާޅުވި އެވެ.
އެހެންކަމުން ގައުމު ހަމަޔަކަށް އެޅެން ދެން އިތުރު ތިން މަސް ދުވަހު ބޮޑުވަޒީރު ކަމުގައި ހުންނެވުމަށް ފަހު އިސްތިއުފާ ދެއްވާނެ ކަމަށް ކެމެރަން ވިދާޅުވި އެވެ. ނަމަވެސް މުސްތަގުބަލުގައި ވެސް އިނގިރޭސިވިލާތަށް ވެދެވެން އޮތް އެހީއެއް ވެދެއްވާނެ ކަމަށް ވެސް ކެމެރަން ވިދާޅުވި އެވެ.
އިއްޔެ އެގައުމުގައި ބޭއްވި ވޯޓުލުމުން 52 ޕަސެންޓު ރައްޔިތުން އީޔޫއިން ވަކިވާން ވޯޓުލާފައިވާ އިރު އީޔޫ އިން ވަކިވުމާ ދެކޮޅަށް ވޯޓު ލާފައި ވަނީ 43 ޕަސެންޓު ރައްޔިތުންނެވެ. އީޔޫ އިން ވަކިވުމަށް އިންގްލޭންޑާއި ވޭލްސް އިން ބޮޑު ތަރުހީބެއް ލިބިފައިވާ އިރު ލަންޑަން، ސްކޮޓްލެންޑް އަދި ނަދަން އަޔަލެންޑުން އެންމެ ގިނައިން ވޯޓު ދީފައި ވަނީ އީޔޫގައި ދެމިތިބުމަށެވެ.
އިނިގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން އިސްތިއުފާ ދެއްވަން މި ނިންމެވީ، އޭނާގެ ޓާމް އަދި ނުނިމެނީހެވެ. ނަމަވެސް ކެމަރަން ވަރަށް ބޮޑަށް ވަކާލާތު ކުރައްވަމުން ގެންދެވީ އިނގިރޭސި ވިލާތް އީޔޫ އިން ވަކި ނުވެ އޮތުމަށެވެ. ނަމަވެސް ރައްޔިތުންގެ ނިންމުން އައީ ކެމެރަންގެ ވަކާލާތު ކުރެއްވި ގޮތާ އިދިކޮޅަށެވެ.