24 Jun 2016, 14:54
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލިކަން ސާބިތުވާ ކަމަށް ޝަރުއީ ތިން ކޯޓުން ކަނޑައަޅައި ހ. ލޮބީ ހުސައިން ހުމާމް މެރުމަށް ވަނީ ހުކުމްކޮށްފަ އެވެ. ފަހު މަރުހަލާގައި ރޭ ހުކުމް ކުރަން ތައްޔާރުވެފައިވަނީކޮށް ޑރ. އަފްރާޝީމްގެ ވާރިސުން ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީއެއްގައި ވަނީ ހުމާމްގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކުރަން ބޭނުންނުވާ ކަމަށެވެ. ސަބަބެއްކަމަށް ބުނެފައި ވަނީ މައްސަލައިގެ ތަހުގީގު ފުރިހަމަ ނުވުމާއި ހުމާމްއަކީ ތަހުގީގަށް މުހިންމު މީހެއް ކަމަށްވާތީ އެވެ. ނަމަވެސް ހުމާމަށް މާފު ނުދޭ ކަމަށް ވާރިސުން ވަނީ ބުނެފަ އެވެ.
ވާރިސުން އެހެން ބުނެ ސުޕްރީމް ކޯޓަށް ސިޓީ ހުށަހެޅި ނަމަވެސް ރަސްމީގަޑި ނޫންކަމަށް ބުނެ ސިޓީ ބަލައިގެންފައެއްނުވެ އެވެ. އަދި ރޭ މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް އިއްވި އިރު ކްރިމިނަލް ކޯޓުގައި ހުމާމުގެ ވާރިސުން މަރަން މަރު ހިފަން ކަމަށް ބުނެފައިވާ ބުނުމަށް ވަނީ ބަލައިފަ އެވެ.
މިހާ ހިސާބުން ބަލާލަން ޖެހެނީ ވާރިސުން މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އެދފައިވަނިކޮށް ސުޕްރީމް ކޯޓުން މަރުގެ ހުކުމެއް އިއްވުމުން އެހުކުމް ތަންފީޒުކުރެވޭނެތޯ އެވެ. މަރުގެ އަދަބު ތަންފީޒުކުރުމުގައި އަމަލުކުރަން ޖެހޭ ގޮތުގެ ގަވާއިދުގެ 13 ވަނަ މާއްދަގައިވާ ގޮތުން މަރުގެ ހުކުމް ތަންފީޒުކުރާ ދުވަހު ވެސް ވާރިސުންގެ ބަސް ހޯދަން ޖެހޭނެ އެވެ.

މަރްހޫމް ޑރ އަފްރާޝީމް އަލީ: އެމަނުކިފާނުގެ ވާރިސުން ބުނެފައިވަނީ ހުމާމުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކުރަން ބޭނުން ނުވާ ކަމަށް --- ސަންފައިލް ފޮޓޯ
އެމާއްދާގެ (ނ)ގައި ބުނެފައި ވަނީ ވާރިސުން ކުށްސާބިތުވެފައިވާ މީހެއްގެ އަތުން މަރުގެ ދިޔަ އަތުލުމަށް ފަހު މާފުދީފި ނަމަ ނުވަތަ މަރުގެ ދިޔައަކާއި ނުލައި މާފުދީފި ނަމަ މަރުގެ އަދަބު ތަންފީޒުނުކޮށް އެކަން ސުޕްރީމް ކޯޓަށް އަންގަންވާނެ ކަމަށެވެ. އަދި ސުޕްރީމް ކޯޓުން ވަކިގޮތެއް ނާންގާހާ ހިނދަކު ކުށް ސާބިތުވާ މީހާގެ މައްޗަށް މަރުގެ އަދަބު ތަންފީޒުކޮށްގެން ނުވާނެ އެވެ. ހަމަ އެމާއްދާގެ (ރ)ގައި ވާގޮތުން ވާރިސުންގެ ތެރެއިން އެންމެ ވާރިސަކު މާފުދިން ނަމަވެސް މަރުގެ ހުކުމް ތަންފީޒެއް ނުކުރެވޭނެ އެެވެ.
ވާރިސުން މާފުދިން ނަމަވެސް ގާނޫނުގައި ކަނޑައަޅާ އެހެން އަދަބެއް ދިނުމަށް ގަވާއިދު ހުރަހެއް ނާޅަ އެވެ.
ހުމާމަށް މާފުދީފައެއް ނުވޭ، ބޭނުންވަނީ ތަހުގީގު ނިމެންދެން ބަހައްޓަން
ޑރ. އަފްރާޝީމް އަލީގެ ވާރިސުން ސުޕްރީމް ކޯޓަށް ހުށަހެޅި ސިޓީގައި ވާގޮތުން އެމީހުން ހުމާމަކަށް މާފެއް ނުދެ އެވެ. އެހެންނަމަވެސް އެމީހުން ބޭނުންވަނީ ޑރ. އަފްރާޝީމް އަލީ މަރާލި މައްސަލައިގެ ތަހުގީގު ފުރިހަމަވަންދެން ހުމާމް ނުމަރައި ބަހައްޓަންށެވެ.
"އެ މައްސަލާގައި ކަންހިނގާފައިވާ ގޮތަށް ބާލާއިރު އެކަން ކުރުމަށް ރާވައި ފައިސާ ހަރަދު ކުރި ބަޔަކު ވާކަމަށް ޕޮލިހުން ހާމަކުރައްވާފައިވެ އެވެ. އެހެންކަމުން އެއީ ކޮން ބައެއް ކަމާއި އެ މީހުންނާ ބެހޭ ގޮތުން ކުރެވިފައިވާ ތަހުގީގަކީ ކޮބައިކަމާއި މިކަހަލަ ބައިވަރު ޝައްކު އުފެދޭ ކަންތައްތައް ހުރުމާއެކު އަދި މިދެންނެވި ފަރާތްތައް ހޯދުމަށް ހުސައިން ހުމާމުގެ ބަސް ބޭނުންވާނެ ކަމަށް އަޅުގަނޑު ގަބޫލު ކުރާތީ އެ ފަރާތްތައް ހޯދައި ތަހުގީގު މުޅިން ނިމެންދެން ހުސައިން ހުމާމުގެ މައްޗަށް ގިސާސް ހިފަން އަޅުގަނޑު ބޭނުމެއް ނުވެ އެވެ،" އަފްރާޝީމްގެ އާއިލާއިން ހުށަހެޅި ސިޓީ
މިހާލަތުގައި މަރުގެ އަދަބު ތަންފީޒު ކުރުމުގައި ރާއްޖޭއްގައި އަމަލުކޮށްފައިވާ އުސޫލު ނުވަތަ ވާރިސުންގެ ބަސް ހޯދުމުގައ އަމަލުކޮށްފައިވާ އުސޫލަށް ބަލާލަން ޖެހެ އެވެ. މީގެ އެތައް އަހަރެއް ކުރިން 2001 ވަނަ އަހަރު ވިޔަފާރިވެރިންގެ ޖަމިއްޔާގެ ފާހާނާގެ ތެރޭގައި މަރާލާފައި އޮއްވައި ފެނުނު އެ ޖަމިއްޔާގެ ސެކްރެޓަރީ އަކަށް އުޅުނު ގއ. މާމެންދޫ ޖަވާހިރުމާގޭ އަޒްލީނާ ނަފީސްގެ މަރުގެ މައްސަލާގައި އޭރުގެ ޖިނާއީ ކޯޓުން މައްސަލަ ބެއްލެވި އިރު ވާރިސުންގެ ބަސް ހޯދުމުގެ މަރުހަލާގައި އެއްވާރިސަކު ކަމެއް ސާފު ނުވާ ކަމަށް ބުނުމުން މަރަށް މަރު ހިފަން ބޭނުން ނުވަނީ ކަމަށް ބުނެ ގާތިލު އުމުރަށް ޖަލަށްލާން ވަނީ ހުކުމް ކޮށްފަ އެވެ.
އެއް ވާރިސަކު މަރަށް މަރުހިފަން ބޭނުން ނުވީ ކަމަށް ނިންމައި މަރުގެ ދިޔައިގެ ގޮތުގައި 100،000 ރުފިޔާ ދިނުމަށް ގާތިލުގެ މައްޗަށް ޖިނާއީ ކޯޓުގައި ހުކުމް ކުރީ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު އެވެ.
ސްޕްރީމް ކޯޓު: އެކޯޓުން ވަނީ ހުމާމް މަރަން ކުރި ހުކުމް ދަމަހައްޓާފައި --- ސަން ފޮޓޯ/ އިހްތިޝާމް މުހައްމަދު
އެމައްސަލާގައި ކަން ހިނގައި ދިޔަގޮތަށް ބަލާއިރު ވާރިސުންގެ މެދުގައި ސާފުނުވާ ކަންތައްތަކެއް ހުރުމުން މަރަށް މަރު ހިފަން ބޭނުން ނޫން ކަމަށް ނިންމީ އެވެ. ހުމާމު މަރަން ކޮށްފައިވާ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަށް ވާރިސުން އެދުމުން އެކަން ވެސް އެ ނޫން ގޮތަކަށް ނިމިދާނެތޯ ސުވާލު އުފެދެ އެވެ.
ބައެއް ގާނޫނީ ވަކީލުން ފާހަގަކުރައްވާ ގޮތުގައި ވާރިސުންގެ ފަރާތުން ގާތިލަށް މާފު ދިނުމާއި ތަންފީޒުކުރަން ފަސްކުރަން އެދުމާއި އެއީ މުޅީން ދެކަމެކެވެ. އަދި އެއީ މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ މުހިންމު ކަމަކަށް ވާތީ އެކަމުގައި ސުޕްރީމް ކޯޓުން ގޮތެއް ނިންމަން ޖެހޭ ކަމަށް، ނަން ހާމަ ނުކުރުމަށް އެދި 'ސަން' އާ ވާހަކަދެއްކި ގާނޫނީ ވަކީލަކު ވަނީ ވިދާޅުވެފަ އެވެ. އަދި މަރުގެ ހުކުމަކީ އެކަން ތަންފީޒު ކުރުމަށް ފަހު، އަނބުރާ ގެނެވޭނެ ކަމަކަށް ނުވާތީ ވާރިސުންގެ ބަސް އަޑުއެހުމަކީ މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ހުމާމް މަރަން ކުރި ހުކުމް ފަސް ކުރުމަށް ޑރ. އަފްރާޝީމް އަލީގެ ވާރިސުން އެދިފައިވަނީ އެކަށީގެންވާ ޝަރުއީ ސަބަބެއް އޮވެގެން ކަމަށް ގާނޫނީ ވަކީލުން ދެކިވަޑައިގަންނަވަ އެވެ. އެއީ ހުމާމުގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފި ނަމަ އެމައްސަލާގައި ދެން ޝާމިލުވާ މީހުންނާ ހަމައަށް ވާސިލުވުމަށް އޮތް މަގު ބަންދުވެގެންދާނެތީ ކަމަށް ވަކީލު ވިދާޅުވި އެވެ.
" ވާރިސުން އެގޮތަށް އެދުނީމަ ހުކުމް ތަންފީޒު ކުރުން ފަސްކުރުމަކީ ކުރެވިދާނެ ކަމެއް. އެކަން މަނާކުރާ ޝަރުއީ އަދި ގާނޫނީ އެއްވެސް ސަބަބެއް ނެތް. އެކަން އެގޮތަށް ކޮށްގެން ހިމާޔަތްކުރެވޭ މުޖުތަމައުގެ މަސްލަހަތަށްވުރެ އެކަން އެގޮތަށް ނުކޮށް ހުކުމް ތަންފީޒުކޮށްގެން ގެއްލޭ މަސްލަހަތު މާބޮޑު"ވަކީލެއް
ހުމާމް މަރަން ކުރި ހުކުމް ފަސްކުރުމަށް އެދުމުގެ ބާރު ވާރިސުންނަށް ލިބިގެންވާކަން ފާހަގަކޮށް ގާނޫނީ ވަކީލަކު ވިދާޅުވީ އެއީ ވާރިސުންނާ ގުޅުން ހުރި ކަމަކަށްވާތީ އެބާރު ވާރިސުންނަށް ލިބޭނެ ކަމަށެވެ. ނަމަވެސް އޭނާ ފާހަގަކުރައްވާ އެއްކަމެއް އެބަ އޮތެވެ. އެއީ ހުކުމް ތަންފީޒު ކުރުން ފަސްކުރަން އެދިގެން ސުޕްރީމް ކޯޓުން ހުމާމް އުމުރަށް ޖަލަށްލާން ހުކުމެއް ކޮށްފި ނަމަ ދެން އޭނާ މަރަން ބޭނުންވާ ކަމަށް ވާރިސުންނަކަށް ނޭދެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިމައްސަލާގައި 'ސަން' އާ ވާހަކަދެއްކި ބައެއް ދީނީ އިލްމުވެރިން ވެސް ވިދާޅުވެފައި ވަނީ މަސްލަހަތު ހިމެނޭކަމެއްގައި ހުކުމް ތަންފީޒުކުރަން ފަސްކުރަން ވާރުތަވެރިނަށް އެދެވޭނެ ކަމަށެވެ. ޝައިހު މުހައްމަދު ޝާފިއު 'ސަން' އަށް ވިދާޅުވީ މަސްލަަހަތު ހިމެނޭ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް ވާރިސުންނަށް އެދެވޭނެ ކަމަށެވެ. ނަމަވެސް އެކަމުގައި ގޮތެއް ނިންމާނީ ޝަރުއީ ކޯޓަކުންކަމަށް ޝާފިއު ވިދާޅުވި އެވެ.
"މަސްލަހަތު ހިމެނޭ މައްސަލަތަކުގައި ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް އިސްލާމްދީން ހުރަހެއް ނާޅާ. އަދި އެދުމުގެ ފުރުސަތު ވާރިސުންނަށް ވެސް ލިބިގެންވޭ. އަދި މައްސަލައިގެ ހައްގާ ހަމައަށް ވާސިލުވުމަށް އަދި އިންސާފު ލިބިދިނުމަށް އެއީ ރަނގަޅުގޮތެއް ކަމަށްވަންޏާ ހަމަ ވާރިސުންނަށް އެދެވޭނެ." ޝައިހު ޝާފިއު ވިދާޅުވި އެވެ.
ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި ބައިވެރިވާ އެންމެން ހޯދޭނީ އެ މައްސަލާގައި މިހާރު ދުނިޔޭގައި ހުރި ހަމައެކަނި ހެކި ހުމާމްގެ މަރުގެ ހުކުމް ތަންފީޒުކުރުން ފަސްކޮށްގެން ކަމަށްވާ ނަމަ އެކަން ކުރެވެން ޖެހެ އެވެ. އިންސާފާ ހަމައަށް ވާސިލުވުމަށް އެހީތެރިވުމާއި، އިންސާފު ހޯދައި ދިނުމަކީ ޝަރުއީ ކޯޓުތަކުގެ މައްޗަށް ލާޒިމް ކަމެކެވެ.