ސައިކަލެއް ވަގަށް ނަގައިގެން މާލޭގައި ދުއްވަމުންދިޔަ ކަމުގެ ތުހުމަތުގައި ދެ ކުއްޖަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިނިސްޕެކްޓަރު އޮފް ޕޮލިސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ވޭވްސައިކަލެއްގެ ތަޅު ހަލާކުކޮށްލައި ސައިކަލެއް ވަގަށް ނަގައިގެން ދުއްވަމުން ދިޔަ ދެ ކުދިން ފުލުހުން މިއަދު ހެނދުނު ހައްޔަރު ކުރީ މަންދު ކޮލެޖުކައިރިން ކަމަށެވެ.

އެތަނުން އެއް ކުއްޖަކީ އުމުރުން 13 އަހަރުގެ ކުއްޖެއް ކަމަށާއި ދެން ހުރި ކުއްޖާއަކީ އެއަށް ވުރެ ވެސް ހަގު ކުއްޖެއް ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުން ދަނީ ސައިކަލުގެ ވެރި ފަރާތަކީ ކޮބައިތޯ ހޯދަމުން ކަމަށް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
ފުލުހުންގެ ހައްޔަރުގައި ތިބި އެދެ ކުދިންނަކީ މީގެ ދެ ދުވަސް ކުރިން އާޓިފިޝަލް ބީޗަށް މޫދަށް އެރި އުޅުނު ބިދޭސީ މީހެއްގެ ފޯނު ވަގަށް ނަގައިގެން އުޅެނިކޮށް ފުލުހުންނަށް ފެނިގެން ހިފަހައްޓާ ނަސޭހަތްދިނުމަށް ފަހު ދޫކޮށްލާފައިވާ ދެ ކުދިން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.

ފުލުހުންގެ އޮފިޝަލު ވިދާޅުވީ އެ ދެ ކުދިންގެ ބެލެނިވެރިން ހޯދައި އެ ކުދިން އިތުރު ކުށްތަކަށް އަރައިނުގަންނާނެ ގޮތެއް ހެދުމަށް ވާހަކަ ދައްކަމުން އަންނަ ކަމަށެވެ.

މުޖުތަމައުގައި ކުށްތަކަށް އަރައިގަންނަމުންދާ ކުޑަކުދިންނަށް އަމާޒުކޮށްގެން ފޭދޫ ފިނޮޅުގައި މިހާރު ވެސް ދަނީ ރިހެބްލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގަމުންނެވެ.