24 Jun 2016, 00:58
ކަސްޓަމަރެއްގެ މައުލޫމާތު ލީކު ކުރި ކަމުގެ ތުހުމަތުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ފ. ނިލަންދޫ ބްރާންޗުގެ ކުރީގެ މެނޭޖަރު ގާސިމް އަބްދުލް ކަރީމް ބަންދުން ދޫކޮށްލަން ހައި ކޯޓުން އަމުރުކޮށްފައި ވީނަމަވެސް، އޭނާ މިހާރު ބަންދުގައި ހުރީ ބަލަމުން އަންނަ އެހެން މައްސަލައެއްގައި ކަމަށް ފުލުހުން ބުނެފި އެވެ.
ފެބުރުއަރީ މަހުގެ 18 ވަނަ ދުވަހު ގާސިމް ހައްޔަރުކޮށްފައި ވަނީ ބީއެމްއެލް އިން ކަސްޓަމަރުންގެ މައުލޫމާތު ނަހަމަ ގޮތުގައި ބޭނުންކުރުމާއި އެ މައުލޫމާތު ނަހަމަގޮތުގައި ބޭނުންކުރި ކަމުގެ ތުހުމަތުގަ އެވެ.
އެ މައްސަލައިގައި މިދިޔަ މެއި މަހުގެ 20 ވަނަ ދުވަހުން ފެށިގެން 27 ވަނަ ދުވަހަށް ގާސިމް ބަންދުގައި ބަހައްޓަން ކުރިމިނަލް ކޯޓުން ކުރި އަމުރު އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން، ހައި ކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް މިއަދު އަމުރުކޮށްފަ އެވެ.
ނަމަވެސް އަދިވެސް އޭނާ ހުރީ ފުލުހުންގެ ބެލުމުގެ ދަށުގަ އެވެ. ފުލުހުން ބުނީ އޭނާ ދޫކޮށްލަން ހައި ކޯޓުން އަމުރު ކުރި އިރު އޭނާ ހުރީ "ހުއްދަވނޫން ގޮތުގައި މައުލޫމާތު ހޯދުމާއި އެ މައުލޫމާތު ހުއްދަނޫން ގޮތުގައި ހާމަކުރުމުގެ ތުހުމަތުގައި ކުރިމިނަލް ކޯޓުން 22 ޖޫން 2016 ވަނަ ދުވަހު ނެރެފައިވާ 145-J/MD/2016/4638 ނަމްބަރު އަމުރުގެ ދަށުން ބަންދުކޮށްފައި" ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގު ނިންމައި، މިދިޔަ މަހުގެ 31 ވަނަ ދުވަހު އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި ފޮނުވާފައިވާ ކަމަށާއި، އެ މައްސަލައިގައި އޭނާގެ މައްޗަށް ޕީޖީ އޮފީހުން ކޯޓުގައި ދައުވާ އުފުލާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ބީއެމްއެލްގެ މައްސަލައިގައި މިދިޔަ މަހުގެ 19 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ގާސިމްގެ ބަންދުގެ މުއްދަތު އިތުރު ކުރި އަމުރުގައިވާގޮތުން ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރީ އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ އަމަލަކީ ބޭންކިން ނިޒާމުގެ އިތުބާރަށާއި ޕްރައިވެސީއަށް ބުރޫއަރާފަދަ ކަމެއް ކަމަށް ވާތީ އާއި ތަހުގީގަށް ހުރި ގޮންޖެހުންތަކެއްގެ ސަބަބުންނެވެ.
އެ އަމުރު ބާތިލުކޮށް ހައިކޯޓުން މިއަދު ނެރުނު އަމުރުގައި ވަނީ އޭނާ ހެކި ނައްތާލަން މަސައްކަތްކޮށްފާނެ ކަމަށް ބެލެވޭފަދަ އެކަށީގެންވާ ސަބަބެއް ފުލުހުން ކޯޓަށް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންކަމުން ގާސިމް އިތުރަށް ބަންދުގައި ބަހައްޓަންޖެހޭ ސަބަބެއް ނެތް ކަމަށް އެ މައްސަލަ ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ވަނީ ކަނޑައަޅާފަ އެވެ.