24 Jun 2016, 01:01
ރާއްޖެއަށް ޑިމޮކްރަސީ އަނބުރާ ގެނައުމަށް ކަަމަށް ބުނެ އަވަށްޓެރި އިންޑިއާގެ އެހީތެރިކަމަށް އިދިކޮޅު އިއްތިހާދު، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަނުން އެދެފި އެވެ.
އިންޑިއާގެ ނޫހެއް ކަމަށްވާ 'ދަ ނިއު އިންޑިއަން އެކްސްޕްރެސް' އަށް ދެއްވި ބަސްދީގަތުމެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޮރިން މިނިސްޓަރުގެ ގޮތުގައި ހުންނެވި އަހްމަދު ނަސީމް ވިދާޅުވީ ރާއްޖޭގެ ކަންކަން ހަމަ މަގަށް އެޅުވުމަށް އިންޑިއާ އަށް މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށެވެ.
"ރާއްޖޭގެ ޑިމޮކްރަސީ ހަމަ މަގަށް އެޅުވުމަށް އިންޑިއާއަށް މިހާރަށް ވުރެ ބޮޑު ދައުރެއް އަދާކުރެވޭނެ،" އޭނާ ވިދާޅުވެފައިވެ އެވެ.
އިންޑިއާ ކަނޑުގެ ގައުމުތަކުން ބައިނަލްއަގުވާމީ ވިޔަފާރި އާއި ސިޔާސީ ގުޅުންތަކަށް ހާއްސަ އިސްކަމެއް ދެމުން އަންނަ ދަނޑިވަޅެއްގައި، ރާއްޖެ އަކީ ނުރައްކާތެރި، އިތުބާރު ނުކުރެވޭ އަދި ފެއިލް ވެފައިވާ ގައުމަކަށް ވެފައިވާ ކަމަށް ނަސީމް ވަނީ ވިދާޅުވެފަ އެވެ.
އިންޑިއާ އާއި ޗައިނާގެ މަސްލަހަތު އޮންނަ ކަންކަމުގައި ސަރުކާރުން އަމަލު ކުރަނީ އެއްވެސް އުސޫލެއް ނެތި ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި، ރާއްޖޭގެ މަސްލަހަތު ރަނގަޅު ކުރުމަށް އިންޑިއާގެ އެއްބާރުލުމާއި އެހީތެރިކަން ބޭނުން،" އިދިކޮޅު އިއްތިހާދުން ބުނެފައިވެ އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގައި ހުދުމުހުތާރު ވެރިކަމެއް ގާއިމު ކުރުމަށް ރައީސް އަބްދުﷲ ޔާމީން މަސައްކަތް ކުރައްވާ ކަމަށާއި، ރާއްޖޭގައި ރަނގަޅު ވެރިކަމެއް ކުރެވޭނީ އެމަނިކުފާނު ވެރިކަމުން ދުރުކޮށްގެން ކަމަށެވެ.