އޭއެމްޑީސީ ކުލިނިކުގެ ފަރާތުން މޯލްޑިވްސް ފިޝަމަންސް އެސޯސިއޭޝަނުން (އެމްއެފްއޭ) ރާއްޖޭގެ ސްކޫލް ކުދިންނަށް އަމާޒުކޮށްގެން ސްކޫލުތަކުގައި ހިންގާ "ޔަންގް ފިޝާޒް ކްލަބް"ތަކުގެ ތަމްރީނުތަކަށް ބޭނުންވާ ފަސްޓް އެއިޑް ކިޓްތަކެއް ހަދިޔާކޮށްފި އެވެ.

އޭއެމްޑީސީ ކެމިސްޓުގައި އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އެމްއެފްއޭ އާ ކިޓުތައް ހަވާލުކޮށްދެއްވީ އެ ކްލިނިކްގެ ސީއީއޯ އާދަމް ނައީމެވެ.

އެމްއެފްއޭގެ ފަރާތުން ކިޓްތަކާ ހަވާލުވެފައި ވަނީ، އެ އެސޯސިއޭޝަންގެ ޗައާމަން މައިޒާން އަހުމަދު މަނިކެވެ.

'ސަން' އަށް މައުލޫމާތު ދެއްވަމުން އެމްއެފްއޭގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޝާކިރު ވިދާޅުވީ ރާއްޖޭގެ ފަސް ސްކޫލެއްގައި ޔަންގް ފިޝާސް ކްލަބުތައް އުފައްދާފައިވާ ކަމަށެވެ. އެ ސްކޫލުތަކަކީ، އައްޑޫ ސިޓީ ފޭދޫ އިރުޝާދިއްޔާ ސްކޫލް، ގއ. އަތޮޅު ތައުލީމީ މަރުކަޒު، ދ.އަތޮޅު ތައުލީމީ މަރުކަރު، ރ. އަތޮޅު ތައުލީމީ މަރުކަޒު އަދި ހދ. ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ.

އޭއެމްޑީސީ ކުލިނިކުގެ ފަރާތުން "ޔަންގް ފިޝަރޒް ކްލަބް" ތަކަށް ހަދިޔާ ކުރި ފަސްޓް އެއިޑް ކިޓް ---- ސަން ފޮޓޯ: ފަޔާޒު މޫސާ

އެމްއެފްއޭ އާއި އެޑިއުކޭޝަން މިނިސްޓްރީ އަދި އިންޓަރނޭޝަނަލް ޕޯލް އެންޑް ލައިން ފައުންޑޭޝަން ގުޅިގެން ކުރިއަށް ގެންދާ އެ ޕްރޮގްރާމުގެ މަގުސަދަކީ މަސްވެރިކަމަށް ޒުވާން ޖީލު އަހުލުވެރި ކުރުވުން ކަމަށް ޝާކިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ޕްރޮގުރާމުގެ ދަށުން މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތަކާއި، މަސްވެރިކަމުގެ ތަފާތު ބާވަތްތަކާއި މަސްވެރިކަމުގައި ބޭނުންކުރާ ފަހުގެ ޓެކްނޮލޮޖީ ފަދަ ކަންކަން ދަރިވަރުންނަށް ދަސްކޮށްދެވޭނެ ކަމަށެވެ.

އޭގެ އިތުރުން މިހާރު އެ ޕްރޮގްރާމުތަކުގައި ކިޔަވައިދޭނެ ޓީޗަރުން ތަމްރީނު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުން އަންނަ ކަމަށާއި، ޕްރޮގްރާމް ކުރިއަށްދާ ސްކޫލުތަކުން ކޮންމެ ސްކޫލަކުން ދެ ޓީޗަރުން މާލެ ގެނެސް އަންނަ އޯގަސްޓު މަހުގެ ތެރޭގައި ތަމްރީނު ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.