ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމުގެ ދައުވާ ލިބޭ، ހ. ލޮބީ ހުސައިން ހުމާމުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށް ދާތީ، އެ ސަރަހައްދަށް އެއްވި ބައެއް މީހުންނާއި ފުލުހުންނާ ދެމެދު ހަމަނުޖެހުމެއް ހިނގައި، ދެ މީހަކު ހައްޔަރުކޮށްފި އެވެ.

އެ ސަރަހައްދަށް އެއްވި މީހުންގެ ތެރޭގައި ހުމާމްގެ އާއިލާގެ މެމްބަރުންނާއި އޭނާގެ ބައެއް ރައްޓެހިން ހިމެނެ އެވެ.

އެއްވެފައިވާ މީހުންގެ ތެރޭގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ މެމްބަރު އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

އެތަނަށް އެއްވި މީހުން ދުރަށް ޖެއްސުމުގެ ތެރޭގައި ހިނގި ހަމަނުޖެހުމުގައި ދެ މީހަކު ފުލުހުން ހައްޔަރު ކުރި ކަމަށް އެ ސަރަހައްދުގައި ތިބި ސަންގެ ނޫސްވެރިން ބުންޏެވެ.

ހުމާމުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ކުރިއަށްދާއިރު، އެމްއެމްޕީއާރްސީގެ ހިޔާނާތާ ގުޅިގެން ކްރިމިނަލް ކޯޓުގައި ހުކުމް ކުރުމުގެ ޝަރީއަތެއް ކުރިއަށް އެބަދެ އެވެ. ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދާ ޝަރީއަތަކީ ޅ. މާބިންހުރާގައި ޓޫރިސްޓް ރިސޯޓެއް ތަރައްގީކުރަން ކުއްޔަށް ދޫކުރުމުން އެކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ކުރީގެ ނައިބު ރައީސު އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތު ޚިޔާނާތްތެރިވި މައްސަލައެވެ. އެ މައްސަލާގައި މ. ޝުރާމަންޒިލް ހާމިދު އިސްމާއީލްގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފަ އެވެ.